އެއިންޓްރެކްޓް ފްރެންކްފާޓްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޖަރުމަން ކަޕްގެ ފައިނަލުގައި ބަޔާ ލެވަކޫސަން އާ ދެކޮޅަށް ބަޔާން މިއުނިކް ވާދަ ކުރަން ޖެހިއްޖެ އެވެ.
ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ރޭ ކުޅުނު މެޗުގައި ބަޔާންގެ ލަނޑުތައް ކާމިޔަބު ކުރީ އީވާން ޕެރިސިޗް އާއި ރޮބަޓް ލެވަންޑޮސްކީ އެވެ. މެޗުގެ 14 ވަނަ މިނެޓްގައި މުލާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޕެރިސިޗް ބަޔާންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ. ދެ ވަނަ ހާފުގައި ފްރޭންކްފާޓް ޑެނީ ޑަ ކޯސްޓާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ބަޔާން އަށް އިތުރަށް މަސައްކަތް ކުރަން ޖެހުނެވެ. ޖެހިޖެގެން ތިން ވަނަ ފަހަރަށް ޖަރުމަންގެ ކަޕްގެ ފައިނަލަށް ބަޔާން ގެންގޮސްދިން ލަނޑު ލެވަންޑޮސްކީ ކާމިޔާބު ކުރީ ފްރެންކްފާޓުން ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނެޓް ތެރޭގަ އެވެ. އެ ލަނޑަކީ އޭނާ މި ސީޒަންގައި ކާމިޔާބު ކުރި 45 ވަނަ ލަނޑެވެ.
ރޭ ބަޔާނުން ކާމިޔާބު ކުރި ދެ ލަނޑާއެކު އެ ޓީމު ވަނީ، ކުލަބުގެ ތާރީހުގައި އެންމެ ގިނައިން ލަނޑު ޖެހި ސީޒަންގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. ސީޒަންގެ 128 އަދި 129 ވަނަ ލަނޑު ކާމިޔާބު ކުރުމުން 1972-73 ގެ ސީޒަންގައި ޖެހި ލަނޑުގެ އަދާދާ އެއްވަރުވީ އެވެ. މި ސީޒަންގައި 129 ލަނޑު ކާމިޔާބު ކުރީ 34 މެޗުންނެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ ފައިނަލުގެ ފުރަތަމަ ޖާގަ ލެވަކޫސައިން ހޯދީ، އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީގައި ހަތަރު ވަނަ ޑިވިޝަންގެ ކުލަބު ސާބްރެކެން ބަލި ކުރުމަށް ފަހު އެވެ. ޖަރުމަން ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރުމަކީ ސާބްރެކަންއަށް ބޮޑު ކާމިޔާބެކެވެ.