ކުޅިވަރު

ކުރިއަށްވުރެ މާ ފިޓްވާނެ: ލެވަންޑޮސްކީ

އަލުން ލީގްގެ ކުޅުން ފަށާއިރު ކުރިއަށް ވުރެ މާ ފިޓްވާނެ ކަމަށް ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ ބުނެފި އެވެ.

ކޮރޮނާ ވައިރަސްއަށް ފަހު، ޖަރުމެންގެ ބުންޑެސްލީގާ އަލުން ފަށާފައި ވާއިރު، ބަޔާންގެ ފުރަތަމަ މެޗުގައި މިރޭ އެ ޓީމުން ނުކުންނާނީ ޔޫނިއަން ބާލިން އާ ދެކޮޅަށެވެ.

ކުޅުންތެރިން މެޗުތަކަށް ނުކުންނަނީ ދެ މަސް ދުވަސް ވަންދެން ލޮކްޑައުންގައި ތިބުމަށް ފަހު އެވެ. ލެވަންޑޮސްކީ ބުނީ، ލޮކްޑައުންގައި، ފިޒިކަލް ފިޓްނަސްއަށް މަސައްކަތް ކުރަން ލިބުނީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އަހަންނަށް އިހްސާސް ކުރެވެނީ ކުރިއަށް ވުރެ މާ ބޮޑަށް މިހާރު އަހަރެން ފިޓް ވެއްޖެއްޔޭ،" ޑިސެމްބަރު މަހު އުކުޅުވަޅުގެ ސާޖަރީއެއް ކޮށްފައިވާ ލެވަންޑޮސްކީ ބުންޏެވެ. "މިދިޔަ ދެ މަސް ދުވަހު އަހަންނަށް ފުރުސަތު ލިބުނީ މީގެ ކުރިން ނުކުރާވަރަށް ފިޒިކަލް ފިޓްނަސް އަށް މަސައްކަތް ކުރަން."

އިއްޔަ، ބުރޫޝިއާ ޑޯޓަމުންޑުން ޝާލްކޭ ބަލި ކުރުމުން، ބަޔާން އެއް ވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާއެކު އެވެ. މިޑް ޓޭބަލްގައި އޮތް ޔޫނިއަންއިން ވަނީ މީގެ ކުރިން ބޮޑެތި ޓީމުތަކަށް އުނދަގޫ ކުރިމަތި ކޮށްފަ އެވެ. އެގޮތުން އެ ޓީމުން ވަނީ މި ސީޒަންގައި ޑޯޓަމުންޑް އަދި ބުރޫޝިއާ މޮންޗެންގުލެޖްބާކް ބަލި ކޮށްފަ އެވެ.