ބުރޫޝިއާ މޮންޗެންގުލެޖްބާކްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދުމާ އެއް މެޗާ ކައިރިއަށް ބަޔާން މިއުނިކް ޖެހިލައިފި އެވެ.
ބަޔާން އަށް ލީގްގައި ބާކީ ތިން މެޗު އޮތް އިރު އަންނަ އަންގާރަ ދުވަހު ވާޑާ ބްރޭމަން އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ބުންޑެސް ލީގާގެ ޗެމްޕިއަންކަން ބަޔާން އަށް ހޯދޭނެ އެވެ.
ގްލެޖްބާކް އާ ދެކޮޅަށް ބަޔާން މި ސީޒަންގައި ކުޅުނު މެޗުތައް ވެފައިވަނީ އުނދަގޫ މެޗުތަކަކަށެވެ. ރޭގެ މެޗުގައި ވެސް ބަޔާންއަށް އުނދަގޫ ކުރިމަތި ކުރި އެވެ، އެހެން ނަމަވެސް މިފަހަރު ވެސް ގްލެޖްބާކް އާ ދެކޮޅަށް ބަޔާން ވަނީ ޖަވާބެއް ހޯދާފަ އެވެ.
މެޗު ނިމެން ހަތަރު މިނެޓަށް ވީއރު ވެސް ދެ ޓީމު އޮތީ 1-1 ން އެއްވަރު ވެފަ އެވެ. ބަޔާން މެޗުން މޮޅު ކޮށްދިން ލަނޑު 86 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިއޯން ގޯޓެޒްކާ އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ބަޔާން އިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އުމުރުން 19 އަހަރުގެ ފޯވަޑް ހޯޝުއާ ޒަކްޒީ އެވެ. އޭގެ 10 މިނެޓް ފަހު ގްލެޖްބާކުން ނަތީޖާ ހަމަހަމަ ކުރީ 37 ވަނަ މިނެޓްގައި ބަޔާންގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ރޭ ވެސް ލީގް ހޯދުމުގެ ފުރުސަތު ބަޔާން އަށް ލިބެން އޮތެވެ. ބަޔާން އާއި ގްލެޖްބާކްގެ ކުރިން ކުޅުނު ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑާއި ފޯޓޫނާ ޑުސާޑޯފްގެ މެޗުން ޑޯޓަމަންޑް ބަލިވި ނަމަ ބަޔާން ކުޅޭ މެޗު މޯލުވެ ލީގް ހޯދުމުގެ ފުރުސަތެވެ.
ރެލިގޭޝަން ޒޯންގައި އޮތް ޑުސާޑޯފް އަތުން ހޯދުނު މޮޅު ޑޯޓަމުންޑަށް ވީ އުނދަގޫ ނަތީޖާ އަކަށެވެ. މެޗުގެ އެންމެ ފަހު ވަގުތުގައ ޑޯޓަމުންޑް 1-0 ން މޮޅު ކޮށްދިނީ އާލިން ހާލޭންޑް ކާމިޔާބު ކުރި ލަނޑުންނެވެ.