(5 މާރިޗު 2019 އާ ގުޅޭ)
ސަމިއާނާ ނަޒަރު ތިރިކޮށްލައިގެން ހުރެ އޭނާގެ ފާރަވެރިންގެ ގާތަށް އައެވެ. ބޭރީތުގެ ނަޒަރު ރައުލްއަށް ހުއްޓުނު ގޮތަށް ވަތްކެއްނުވިއެވެ. ގަނޑުވަރުގެ ބޮޑު ދޮރޯށީގެ ކައިރީ މަޑުކޮށްލުމާއެކު ސަމިއާނާއާއެކު ދިއުމަށް ރައުލްއަށް ބޭރީތު އެންގިއެވެ. ވާނުވާ ނޭނގިހުރެ ރައުލް ފީނައިގަތެވެ. ބޭރީތުގެ ސިފައިން އެ މީހުންގެ ވަށައިގެން ވިއެވެ.
ސަމިއާނާގެ އެއްފަރާތުގައި ރައުލް ހުއްޓެވެ. ގަނޑުވަރާ ދުރަށް އާދެވެންދެން އެ ދެމެދުގައިވީ ހިމޭންކަމެވެ. ނަމަވެސް ލޮލުކޮޅަށް ގަނޑުނުފެންނަހާ ދުރަށް އާދެވި ލޮނުގަނޑުން ތިލަވާން ފެށުމުން ސަމިއާނާ ވާހަކަދެއްކިއެވެ.
"ރައުލް އެދުނު ފަދައިން އަހަރެން އެ ވާހަކަ ބުނިން" ސަމިއާނާ ބުންޏެވެ. ރައުލްއަށް އެ ވާހަކަތައް އިވުމުން އިހު ލިބިފައިވި ހާސްކަން ފިލައި ދިޔައެވެ.
"ބައްޕަ ކީކޭ ބުނީ؟" ރައުލް އެއްސެވެ.
"ރައުލް އެވާހަކަތައް ބުނުމަށް މަޖުބޫރެއްކުރިތޯ އެހީ، އަހަރެންނަށް ރައުލްގެ ފުށުން އަނިޔާއެއް ލިބުނީތޯ ވެސް އެހި، އަހަރެން ބުނީ ރައުލްގެ އިޒްނައެއްނެތި ކައިވެންޏެއް ނުކުރެވޭނެއޭ، އަހަރެން ވެސް ބޭނުމެއްނޫން އަހަރެންނާއި ރައުލްއާ ދެމެދު ނަފުރަތުކަމެއް އުފެދޭކަށް... އަހަރެންގެ ވެސް އަމިއްލަ އުސޫލުތަކެއްވޭ" ސަމިއާނާ ބުންޏެވެ.
"ޝުކުރިއްޔާ" ސަމިއާނާއާ ހަތަރުކަޅި ހަމަކޮށްލަމުން ރައުލް ބުންޏެވެ.
"އަހަރެން އިސްތަންބުލްއަށް ގެންގޮސްދީ، ކާފަގެ ގާތަށް އެނބުރި ދިއުމުގެ ކުރީން އަހަރެން ބޭނުންވަނީ އެތަނުގައި މަޑުކުރަން" ސަމިއާނާ އެދުނެވެ.
"މައްސަލައެއްނެތް" ރައުލް ބުންޏެވެ. އަދި އެ މީހުންގެ އާރުކާޓީއަށް ދާންވީ މަންޒިލް އެންގިއެވެ.
ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭ މަރްމަރާ ކަނޑުގެ ތެރެއަށް ރައުލްގެ އާރުކާޓީ ވަދެއްޖެއެވެ. އަދި ސަމިއާނާއާ ވަދާޢުގެ ސަލާމްކުރަންވީ ވަގުތު ޖެހުނީއެވެ. ލޮނުގަނޑުގެ ތެރެއިން ސަމިއާނާގެ ފާރަވެރިންނާއެކު އެރިއެވެ. އޭރު ލޮނުގަނޑުގެ މަތީ މަޑުކޮށްލައިގެން ރައުލް ހުއްޓެވެ. އިސްތަންބުލްގެ ފަސްގަނޑުގައި ސަމިއާނާގެ ފައިތިލަ ޖެހުމާއެކު އޭނާ ކުރިއަށް ދިއުމުގެ ބަދަލުގައި ފަސްއެނބުރި ރައުލްއަށް ބަލާލިއެވެ.
"މިގޮތަށް ވަކިވާންޖެހިދާނޭކަމަށް ހިޔެއްނުކުރަން، އަހަރެން ވެސް ރައުލްދެކެވީ ހަޤީޤީ ލޯބި... އެ ލޯތްބާ ދުރަށްދާންޖެހިފައިވާއިރު އަހަރެންގެ ހިތުގައި ކިހާ ވޭނެއް އަޅާކަން ރައުލްއަށް އެނގޭތަ؟ އަހަރެން ރައުލްގެ އުފާތަކަށް ހުރަސްއަޅާކަށް ބޭނުމެއްނޫން، އެކަމަކު އަހަރެން ހިތް އެކަމަށް އެއްބަހެއްނުވޭ، އަހަރެންނަށް ލިބެމުންމިދާ ވޭނާ އެއްވަރުގެ ވޭނެއް ރައުލްއަށް އިހްސާސް ކުރެވޭނޭ އަޒާބެއް ލިބުމަށް މި ހިތް އެދެނީ... އަހަރެންނަށް މަޢާފުކުރޭ ރައުލް... ފަހަރެއްގައި ވެސް ބުރަހިތަކާއެކު ވަކިވެގެން ދިއުމަކަށްނޫން ގަސްދުކުރީ" ސަމިއާނާގެ އަޑުގައިވީ ރިހުން އޭނާގެ ދެ ލޮލުން ފާޅުވިއެވެ.
"އަހަރެންނަށް ވެސް މަޢާފުކުރޭ، އަމީރާގެ ހިތުގައިޖެހޭ ފަދަ ކަމެއް ކުރުމުގެ ގަސްދެއް އަހަރެންގެ ވެސް ނެތް، އަހަރެންނަށް އަމީރާ ބަލައިގަނެވެންނެތީ، ތި ހިތުގައި ހިނގާ ޝުޢޫރު އަންދާޒާނުކުރެވުނަސް އަހަރެން އަމީރާއަށް ޝުކުރުވެރިވަން، އަދި އުފާކުރަން އަހަރެމެން ދުޝްމަނުންނަށްނުވެ ވަކިވެގެންދާތީ، މުސްތަޤްބަލުގައި އަހަރެމެން ދެ މީހުންގެ ދެމެދުގައި އިތުބާރުކުރެވޭވަރު ރަޙުމަތްތެރިކަމެއް އުފެދުމުގެ ފުރުޞަތު އެބައޮތް" ރައުލް ބުންޏެވެ. މޮޅިވެރިކަމާއި ކަރުނުން ފުރިފައިވީ ލޮލާއެކު ވެސް ސަމިއާނާ ލުއި ހިނިތުންވުމެއް ރައުލްއާ ބަދަލުކޮށްލިއެވެ. އަދި އޭނާގެ ހަށިފާރަވެރިންގެ ތެރެއިން ޖިންނިއަކަށް ގޮވާލިއެވެ. އެއާއެކު އޭނާ ކުޑަފޮށްޓެއް ނަގައި ސަމިއާނާއަށް ދިނެވެ. އެ ފޮށްޓަށް ބަލާލުމަށްފަހު ސަމިއާނާ އެ ދިއްކޮށްލީ ރައުލްއަށެވެ.
"މީ އަހަރެމެންގެ ރަޙުމަތްތެރިކަމުގެ ފެށުންކަމުގައި ޤަބޫލުކުރޭ، މީގައިވަނީ އަހަރެންގެ ޢާއިލީ ހިލައެއް، މުސްތަޤްބަލުގައި ރައުލްއާ މުސީބާތެއް ކުރިމަތިވެއްޖެނަމަ އަހަރެންގެ މަތިން ހަނދާންކުރާނޭކަމަށް ހީކުރަން، ކޮންމެ ތަނެއްގައި ހުއްޓަސް އަހަރެން އަންނާނަން، އެ ހިލަކޮޅު ފެނުގެ ތެރެއަށް ލުމުން އޭގައިވީ ރަތްކުލަ ފެންތަށީގެ ތެރެއަށް ފޭދި ހިލަކޮޅު އެކީ ކަޅުވާނެ، އެހެންވެއްޖެނަމަ އަހަރެންނަށް އޮންނާނީ އެނގުންވެފައި، ހިލަކޮޅު އޮތް ހިސާބަކަށް އަހަރެން ވާސިލުވާނަން... އެހެންވެ އަބަދުވެސް އެ ހިފައިގެން އުޅެންޖެހެނީ... އަހަރެންގެ އަތުގައި މިވާ ހިލަކޮޅާއި ތި ފޮށީގައިވާ ހިލަކޮޅުވާނީ ގުޅިފައި" ސަމިއާނާ އޮޅުންފިލުވައިދިނެވެ. އަދި ވައަތުގައި އަޅާފައިވާ ކެވެލިކޮޅު ސަމިއާނާ ދައްކާލިއެވެ. އެއީ ރަނުގެ ކެވެލިކޮޅެކެވެ. އެތައް ކުލައެއްގެ ވަށްކޮށް ހުރި ކުދި ހިލަކޮޅުތައް އެ ކެވެލިކޮޅުގައި އެލުވާފައިވިއެވެ.
ރައުލްގެ އަތުގައިވީ ފޮށި އޭނާ ހުޅުވާލިއެވެ. ކަޅުވަކަރުގެ އެ ކުޑަ ފޮށީގެ މަތިގަނޑުގެ އެތެރެ ފަރާތުގައި ސަމިއާނާމެންގެ ރަސްކަމުގެ ނިޝާން ފެންނަން ހުއްޓެވެ. ރަތްކުލައިގެ މަލްމަލް ފޮތިގަނޑެއްގެ ތެރޭ ކަޅާއިރަތްކުލަ މަސްހުނިވެފައިވާ އޮފުގަދަ ހިލަކޮޅެއް އޮތެވެ. އެއަށް ބަލާލުމަށް ފަހު ރައުލް ފޮށި ލައްޕާލައި ސަމިއާނާއާ ނަޒަރު ސީދާކޮށްލިއެވެ.
"ޝުކުރިއްޔާ" ރައުލް ބުންޏެވެ. ސަމިއާނާ މަޑުމަޑުން ބޯޖަހާލުމާއެކު ރައުލްއަށް ފުރަގަސްދެމުން އެނބުރިލިއެވެ. އޭނާގެ ކޯތާފަތް ކަނާއަތުން ފުހެލިތަން ރައުލް ދުށްޓެވެ. ފަރާވެރިން ސަމިއާނާ ވަށައިލުމުން ރައުލްގެ ލޮލަށް ފަރުދާވެއްޖެއެވެ. އޭނާ ހުރިގޮތަށް ހުރެ ލޮނުގަނޑުގެ އަޑިއަށް ދިޔައެވެ. އަދި އެނބުރި ދިއުމަށް ދަތުރުފެށީ ދެނެވެ.
* * * * *
ލޮނުގަނޑުން މައްޗަށް އީޝަލްއަށް އެރުނީ މީކާޢިލްގެ އެހީތެރިކަމާއެކުއެވެ. ރާޅުފަށުގައި އީޝަލް ބޭންދުމަށްފަހު މީކާޢިލް ވާހަކަދައްކަން ފެށިއެވެ.
"އަހަރެމެންނަށް އެއަށްވުރެ އަޑިއަކަށް ނުދެވޭނެ، ދާން މަސައްކަތްކޮށްފިނަމަ ދެވަރަ ބަރުވެ ނުއުފުލޭވަރުވާނެ، އަދި މޭފިތި ހަށިގަނޑު އައްސިވާފަދަ ގޮތްވާނެ، ހަރަކާތްކުރުން ތަކުލީފަކަށްވެގެންދާނެ... އީޝަލް... ކަނޑުއަޑީގައި އެކަންޏެއް ނޫޅެވޭނެ، އިތުބާރު ނުކުރެވޭ މީހަކާއެކު ދަތުރުކުރަން ނުވަނީ އެހެންވެ، ތިމާއަށް ހައްދުކަނޑައެޅިފައިވާ މިންގަނޑު އެނގުން ވަރަށް މުހިންމު" މީކާޢިލް ބުންޏެވެ.
"ބައްޕާ... އަހަރެމެން އެނބުރި ދާނީ ކޮންދުވަހަކުން" އީޝަލް އަހާލިއެވެ.
"އެނބުރި ގޮސް އީޝަލް ކުރަން އޮތީ ކޮންކަމެއް، ޒިޔަޒެލްއަށް އަހަރެމެން ތިބިތަނެއް އެނގޭ، މުހިންމުކަމެއް ޖެހިއްޖެނަމަ އެކަމަކު ޚަބަރު އޭނާ ދޭނެ، ބޭކާރު ކަންކަމާ ނުވިސްނާ މިތަނަށް އައިސް ތިބި ބޭނުން ހަނދާންކޮށް އެކަމަށް ސަމާލުކަން ދީ" މީކާޢިލް ބުންޏެވެ. އީޝަލް އެއްބަސްވުމަށް ބޯޖަހާލިއެވެ.
"ބައްޕަ ވަރުބައްޔެއް ނުވޭތަ؟" މީކާޢިލްއަށް ބަލަން އިނދެ އީޝަލް އަހާލިއެވެ.
"އަހަރެންގެ ޅައިރުގައި ތަމްރީނުތައް ފެށިއްޖެ، ޒުވާންވީއިރު ހަނގުރައިމައަކާ ކުރިމަތިނުލިޔަސް އެކަމުގެ އުކުޅުތަކާއި ހުނަރު ހުރީ ލިބިފައި، އީޝަލްގެ ކާފަ ރަސްކަމުގެ ތަޙުތުގައި އިނީ ނަމެއްގައެއްނޫން، ލޮލުން ދުވަހަކުވެސް ނުދެކެން... އެކަމަކު ޒިޔަޒެލް ބުނާތީ އަޑުއިވުނު، އީޝަލްގެ ކާފައިގެ ކަނޑީގެ މިޔައިގެ ވިދުވަރު ފެނި ކެނޑެންވާއިރަށް އެ މިޔައިން އެއްފަހަރާ ދިހަހާސް ދުޝްމަނުން ގަތުލުކޮށް އެބައީމީހުންގެ ހަށިތައް އަޅިއަށްވެ ބުރައިގެންދާކަން، ބައްޕަ ތަމްރީނުކުރީ ދަރިފުޅުގެ ކާފަ، ބަލްޤިސްގެ ފިރިމީހާ، ޖޫދާގެ ބައްޕަ ވެސް ބުނޭ، ހަނގުރާމައިގެ މައިދާނުގައި އައިޒަންގެ ހިޔަނި ވެސް ނުފެންނާނޭ، އޭނާގެ ވަރައިގެ ވައިއަޅާލާ އަޑު ވެސް ނީވޭކަމަށް، ޖޫދާގެ ބައްޕައަކީ ކާފައާއެކު ހަނގުރާމައިގައި ބައިވެރިވި ޖިންނިއެއް، ބައްޕަ ބޮޑުވީ އެފަދަ މާޙައުލެއްގައެއްނޫން، އެހެންވެ އެފަދަ މަންޒަރެއް ނުފެނޭ" މީކާޢިލް ބުންޏެވެ.
"ކާފަގެ ވަރައެއް އަޅުގަނޑު ނުދެކެން" އީޝަލް ވަރަށް ވިސްނަން އިނދެފައި ބުންޏެވެ.
"އީޝަލްގެ ވަރައާމެދު ކާފަ ޝައުގުވެރިވިކަން ހަނދާން އެބަހުރިތަ؟... ކާފަގެ ވަރައާ އެއްގޮތްކަމެއް އީޝަލްގެ ވަރައިގަވޭ" ލުއި ހިނިތުންވުމެއް މީކާޢިލްގެ ތުންފަތުގައިވިއެވެ. އެންމެން ވެސް އަޖައިބުވި ކަމަކަށް އެކަންވެއެވެ. އީޝަލްއަކީ އިންސާނެއްގެ ފުށުން އުފަންވި މަސްހުނި މަޚްލޫޤަކަށްވާއިރު ރަސްމަތިފުށުގެ އަސަރު އެކުއްޖާގެ ފުށުން ފެނިދާނޭކަމަށް އެކަކުވެސް އުންމީދެއްނުކުރެއެވެ.
"ކާފައާއެކު ތަމްރީނުވާނޭ ފުރުޞަތު އަޅުގަނޑަށް ލިބޭނަމަ" އީޝަލް ބުނެލިއެވެ. މީކާޢިލް އިތުރު އެއްޗެއް ނުބުންޏެވެ. އީޝަލްގެ އެ އެދުން ފުރިހަމަކޮށްދިނުމުގެ ބާރު މީކާޢިލްއަށް ލިބިފައިނުވާތީއެވެ.
* * * * *
ހިތުގައި ސަމިއާނާއަށް ޓަކައި ހަމްދަރުދީވީ ނަމަވެސް އެ ހިތް ވަނީ އީޝަލްއާ ބައްދަލުކުރާހިތުން ކެތްތެރިކަން ކުޑަވެފައެވެ. އެނބުރި ގަނޑުވަރަށް އާދެވުމުން އޭނާގެ އަތުގައި އޮތް ފޮށި ކޮޓަރީގައި ބެހެއްޓުމަށްފަހު އަވަސްވެގަތީ ބޭރީތާ ބައްދަލުކުރުމަށެވެ. ދަރުބާރުގެ ތެރެއިން ނުކުތް ޒަގަންއަށް އެ ދިމާއަށް އައި ރައުލް ފެނުމުން ހުއްޓުނެވެ.
"ތިން ދުވަސް ފަހުން ކައިވެނި... އެހެންވީމަ އެރޭ ކަލޭމެން ދެމެދުގައި ކަމެއް ހިނގީތާ؟" ޒަގަން ހީނގަތެވެ. ރައްދުގައި އެއްޗެއް ބުނުމުގެ ގަސްދެއް ރައުލްގެ ނެތެވެ. އޭނާ އައި ބޭނުން ފުއްދުމަށް ދަރުބާރުގެ ތެރެއަށް ވަނުމަށް ހިނގައިގަތެވެ.
ދަރުބާރުގެ ތެރޭ ކަމެއް ކުރިއަށްދާކަން އެނގުމުން ރައުލްއަށް ޖެހުނީ މަޑުކޮށްލާށެވެ. އޭނާގެ ގާތަށް ލާވީ އައިސް ފަހުން ގޮވާލާނޭކަމުގައި ބުންޏެވެ. ބޭރީތަށް ވެސް ދޮރުކައިރީ ހުރި ރައުލް ފެނުނެވެ. ނަމަވެސް އޭނާ އިޝާރާތެއްނުކުރިއެވެ. ރައުލް ނުކުމެގެން އައީ ރާވިން ގާތަށެވެ. އޭނާ ވީތަނެއް ހޯދަނިކޮށް އެނގުނީ ޔާފިއާ އުޅޭ ހިސާބަށް ގޮސްވެއްޖެކަމެވެ.
ގަނޑުވަރުން ނުކުމެ ކަނޑުގެ އެހެން ވަޒަންވެރިންގެ ތެރެއަށް ރައުލް އައެވެ. ޔާފިއާ އުޅޭ ގެ ހޯދަމުން އައިއިރު އެ ހިސާބުގައި ހުރި މަރިޔާދުގެއެއްގައި އޮލަ ވާހަކައިގައި ޔާފިއާއި ދެންތިބި މެންބަރުންނާއެކު ރާވިން އިންތަން ފެނުނެވެ. އެތަނަށް ރައުލް ކައިރިކޮށްލިއެވެ.
"ކޮބާ ދިޔައީތަ؟" ރައުލް ފެނުމުން ހަތޯރު އަހާލިއެވެ. ރައުލް ބޯޖަހާލީއެވެ.
"އޭނާ ހާދަވަރެކޭ ރައުލްއާހެދި ވެފައި ހުރީ، އަޑުއެހިން ކޮޓަރިއަށް އޭނާ ވަން ވާހަކަ" ޔާފިއާ ހިނިގަނޑެއް ޖަހާލިއެވެ. އެހިނދު ދާރިއުސް އިނދެފައި ޔާފިއާގެ ކޮނޑުގައި އަޅައި ކޮއްޕާލިއެވެ. އޭނާ ދެއްކި ވާހަކަ ދާރިއުސްއަށް ކަމުނުދިޔައީއެވެ.
"ރައުލް އެހެންނެއްނޫޅޭނެ" ދާރިއުސް ބުންޏެވެ. އެއާއެކު ރާވިން އޭނާއާ ދިމާކޮށްލިއެވެ.
"ކޮންހެނެއްނޫޅޭނޭ ތިބުނީ... ނިކަން މަށަށް ވެސް ބުނެދީބަލަ" ލާނެތް ހިންޏެއް އައިސްފައި އިނދެ ރާވިން ބުންޏެވެ. ދާރިއުސް މޫނަށް ހަދާލި ގޮތުން އޭނާ ލަދުގަނެއްޖެކަން އެންމެންނަށް ވެސް އެނގުނެވެ. ރައުލް ވެސް ހިނިތުންވެލިއެވެ.
"އިވޭހާ އަޑެއް ޤަބޫލުކުރާކަށްނުވާނެ" ރައުލް ބުންޏެވެ.
އިރުއޮއްސުމާ ގާތްވެފައި ވަނިކޮށް ބޭރީތުގެ ޚާއްޞަ ޖިންނީންގެ ތެރެއިން ޖިންނިއަކު ރައުލްމެންގެ ތެރެއަށް ފާޅުވިއެވެ. އަދި ރައުލްއަށް ގޮވާލެވޭކަމުގެ ޚަބަރު އޭނާ ދިނެވެ. އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނީކަން ރައުލްއަށް އެނގުނެވެ.
"ދާން ތައްޔާރުވާންވީތަ؟" ރާވިން އަހާލިއެވެ.
"ކަންތައްކުރަންވީ ގޮތެއް ނިންމާނީ ބައްޕައާ ބައްދަލުކުރުމަށްފަހު، އަހަރެން އެނބުރި އަންނަންދެން ގަނޑުވަރުގައި މަޑުކުރޭ" ރައުލް ބުންޏެވެ. އަދި އެތަނަށް ފާޅުވި ޖިންނިއާއެކު ރައުލް ފީނައިގަތެވެ.
ގަނޑުވަރުގެ ދޮރޯށި ކައިރިން ރައުލްއާ ބައްދަލުކުރީ ލާވީއެވެ. އޭނާ ރައުލް ގޮވައިގެން ގަނޑުވަރަށް ނުވަދެ ދަތުރުކުރީ ބޭރީތުގެ ސިއްރު ކޮޓަރިއާ ދިމާއަށެވެ. އެންމެ ފުރަތަމަ އީޝަލްގެ ވާހަކަ ބޭރީތަށް ރައުލް ކިޔާދިނީ ވެސް އެތަނުގައެވެ. ލާވީއާއެކު އެތެރެއަށް ވަންއިރު ބޭރީތު އެތަނުގައި ހުއްޓެވެ.
"ރައުލް ކަންތައް ތިކުރަނީ ރަނގަޅަކަށްނޫން" ރައުލް އެއްޗެއް ބުނޭތޯ މަޑުކުރުމަށްފަހު ބޭރީތު ބުންޏެވެ.
"ކީއްވެ؟ އަޅުގަނޑު ބައްޕަގެ އަމުރާ ޚިލާފެއްނުވަން، އޭނާއާއެކު ހަތް ދުވަސް ހޭދަވީ މިގަނޑުވަރުގެ ތެރޭގައި" ރައުލް ބުންޏެވެ.
"ސަމިއާނާގެ ހުށަހެޅުން ބަދަލުކުރަން އޭނާއަށް މަޖުބޫރުކުރީ" ބޭރީތު ބުންޏެވެ.
"އޭނާ އެހެންބުނީތަ؟" ރައުލް އަހާލިއެވެ. ބޭރީތު ހުރީ ފަރުވާތެރިކަމާއެކު ރައުލްއަށް ބަލާށެވެ.
"ބުނާކަށް ނުޖެހޭ... ބައްޕައަށް އެނގުނު އޭނާ ބޭނުންވެގެންނޫންކަން ކައިވެނި ހުއްޓުވީ، ސަމިއާނާ އައީ ރައުލްއާމެދު ރުހިގެން، އޭނާއަށް ދަރިފުޅު ވަރަށް ކަމުދޭ، އެކަމަކު ކުއްލިއަކަށް ރައުލްއާ ކައިވެނިކުރަން ބޭނުމެއްނޫނޭ ބުނަން ޖެހޭނީ ކޮންމެވެސް ކަމެއްވެގެންނު، ބައްޕަ އަޑުއެހިން ރައުލް އޭނާއަށް އަނިޔާކުރި ވާހަކަ..." ބޭރީތުގެ ވާހަކަ ރައުލް ހުއްޓުވިއެވެ.
"އަޅުގަނޑު އޭނާއަށް އެއްވެސް ގެއްލުމެއްނުދެން، ބައްޕައަށް އެނގޭނެ އަޅުގަނޑު އަންހެނުންނާއި ކުޑަކުދީންނަށް އަނިޔާކޮށް ނުހަދާނޭކަން، އަޅުގަނޑަކީ އެކަހަލަ މީހެއްނޫން، މާނައެއްނެތް ގޮތުގައި މަޖާކުރުމުގައި ދާނުގައި އަންހެނުން ގެންގުޅުމަކީ ދުވަހަކުވެސް އަޅުގަނޑު ކުރިކަމެއްނޫން، ސަމިއާނާއަކީ އަމީރާއެއް... އެ ހަށިގަނޑު އޭނާގެ ފިރިމީހާއަށް ޓަކައި ރައްކާތެރިކުރަން ޖެހޭނެ، އަޅުގަނޑުގެ ކޮޓަރިއަށް އޭނާވަނީ އަޅުގަނޑުގެ ހުއްދައެއްނެތި، އަޅުގަނޑުގެ ގައިގާ އޭނާ ބީހެން މަސައްކަތްކުރީ ނިދީގެތެރޭގައިވަނިކޮށް، އެފަދަ ޢަމަލެއް އަޅުގަނޑަށް ބަލައިނުގަނެވޭނެ، ރުޅީގެ ބާރުގައި ނަފްސު ނުހިފެއްޓުނީ... އެއީ ގަސްދުގައި ދިން އަނިޔާއެއްނޫން" ރައުލްގެ ވާހަކަތަކުން ބޭރީތަށް ހަޤީޤަތް އެނގުނެވެ. އެހެންވިޔަސް އޭނާ ހުރީ އެއްކޮށް ހިތްހަމަޖެހިފައެއްނޫނެވެ. ސަމިއާނާއާ ގާތު އޭނާއާމެދު ރައުލް ޝައުގުވެރިނުވާކަމާއި ހަޔާތުގެ ބައިވެރިއަކު ރައުލް ޚިޔާރުކޮށްފައިވާކަން ހާމަކުރިކަން ވެސް ރައުލް ބުންޏެވެ.
"އެ ފަދަ ކައިވެންޏަކުން އުފަލެއްނެތް، އަޅުގަނޑަށް ސަމިއާނާގެ ހިތްހަމަޖައްސައެއްނުދެވޭނެ، އެކަން އޭނާއަށް ވިސްނޭތީ އެފަދަ ނިންމުމެއްނިންމީ" ރައުލް ބުންޏެވެ.
"ރައުލް ތިބުނާ އަންހެނާއާނޫން މީހަކާ ކައިވެންޏެއްނުކުރާނަން ދޯ..." ބޭރީތު ބުންޏެވެ.
"އީޝަލްނޫން އަންހެނަކާ ގާތެއްނުވާނަން، އުމުރު ހުސްވިޔަސް މީހަކާ ނީންނާނަން، ބައްޕައަށް އެގޮތް ކަމުނުދާނަމަ އަޅުގަނޑު ބައްޕައަށް ނުފެންނަ ހިސާބު ދުރުގައި ހުރެދާނަން" ރައުލް ބުންޏެވެ. ބޭރީތު ހިމޭންވެފައި ހުއްޓެވެ. އަދި އޭނާ ލާވީއަށް ބަލާލިއެވެ. އެއާއެކު ލާވީ ބޯޖަހާލީއެވެ.
"އެމީހުންގެ ތެރެއިން ނޫނީ އަންހެނަކު ހަމަނުވީތަ؟" ބޭރީތުގެ ނިތަށް ރޫގިނަވިއެވެ. އޭނާގެ މޫނުން ފޫހިކަމާއި ނަފުރަތަށްވުރެ އެހެން ކުލަވަރެއް ފާޅުވާ ކަހަލައެވެ. ތުންފިއްތާލުމާއެކު ނިތްކުރިއާއި މޫނުގައި އަތްތިލަ ހިންގާލިއެވެ. އެ ކޮޓަރިތެރޭ ދެކޮޅަށް އޭނާ ހިނގާލިއެވެ. ދެފަރާތަށް ބޯހޫރުވާލަމުން އަލުން އައިސް ރައުލްގެ ކުރިމަތީ ބޭރީތު ހުއްޓުނެވެ.
"މައްސަލައެއްނެތް، އަހަރެންނާ ބައްދަލުކުރަން އޭނާ ގެނޭ" ބޭރީތު ބުންޏެވެ. ރައުލްގެ ދެ ލޮލުން އުފާވެރިކަމުގެ ވިދުވަރު ފާޅުވިއެވެ. އެތަން ބޭރީތާއި ލާވީ ވެސް ދުށްޓެވެ.
"ބައްޕާ... އެމީހުން އަންހެން ދަރިއަކު އެކަނި އައުމަށް ދުލެއްނުކުރާނެ، ކައިވެނި ކަށަވަރުވާން ޖެހޭ" ރައުލް ބުންޏެވެ.
"އުސޫލުތައް ވެސް ބޮޑުބައެއް" ބޭރީތު ބުނެލި ގޮތުން ހީވީ އަމިއްލަ ނަފްސަށް ބުނެލިހެންނެވެ.
"އެމީހުންނަށް އެ އިތުބާރު ރައުލް ދީ... ކައިވެންޏާމެދު އަހަރެންގެ އިއުތިރާޒެއްނެތްކަމާއި ރުހުންދީފައިވާކަން ބުނޭ، އަދި އެ މީހުންނާ ވީހާ ވެސް އަވަހަކަށް ބައްދަލުކުރަން ބޭނުންވާކަން އަންގާ" ބޭރީތު ބުންޏެވެ. ރައުލްއަށް އުފަލުން ގޮސް ބޭރީތުގެ އަތުގައި ހިފާލެވުނެވެ. އެތައް ފަހަރަކު ބައްޕައަށް ޝުކުރުއަދާކުރެވުނެވެ. އަދި އޭނާ ދަތުރުފެށުމުގެ ހުއްދަދިނުމަށް އެދުނެވެ. އެއާއެކު ބޭރީތު ބޯޖަހާލައި އެތަނުން ދިއުމަށް ބުންޏެވެ. އެންމެ ހިނދުކޮޅަކު ވެސް މަޑުނުކޮށް އެ ބަންދުކޮޓަރީގެ ތެރެއިން ރައުލް ކަނޑުގެ ތެރެއަށް ނުކުމެއްޖެއެވެ.
"ބޭރީތު..." ރައުލް ނުކުތުމުން ލާވީ ގޮވާލިއެވެ. އޭރު ބޮލުގައި ހިފަހައްޓާލައިގެން ބޭރީތު ހުއްޓެވެ.
"އަހަރެން ހަނދާން އެބަހުރި" ބޭރީތު ބުންޏެވެ.
"އެހެންދަރިންނަށްވުރެ ރައުލްއާ ކަލެއާ ދެމެދު އެއްގޮތްކަން ބޮޑުކަން" ލާވީ ބުންޏެވެ.
"ތާރީޚުގެ އެ ސަފުހާތައް އިޔާދަވުމަކަށް އަހަރެން ނޭދެން، އެކަމުގެ ހުރިހާ ނިޝާނެއް އަހަރެން ފުހެލީ އެހެންވެ" ބޭރީތު ބުންޏެވެ.
"އެ ނަސްލު އެކީ ނައްތައެއްނުލެވޭނެ، އެކަމަކު އޭރުގެ ކަންކަން އެނގޭ ބަޔަކު ތިބޭނޭހެން ހިޔެއްނުވޭ، އެހެންވީމަ ހާސްވާންޖެހޭ ކަމެއް އޮތްކަމަކަށް އަހަރެންނަކަށް ވެސް ނުފެނޭ" ލާވީގެ ޚިޔާލު ފާޅުކުރިއެވެ.
"އަހަރެން އެއްގޮތަކަށް ވެސް ބޭނުންވިކަމެއްނޫން މީ... އެ މީހުންގެ ތެރެއިން ރައުލް ބައިވެރި ޚިޔާރުކުރުން އެއީ ރަނގަޅު ފާލެއްނޫން، އެކަމަކު ފާޅުގައި އެއިން ކަމަކަށް ހުރަސް އެޅޭކަށް ވެސް ނެތް، އޭނާ އެ އަންހެނާއާ ހެދި އެހެރީ ދީވާނާވެފައި" ބޭރީތު ބުންޏެވެ.
އެކުވެރިންގެ ގާތަށް ރައުލްއަށް އާދެވުމާއެކު އޭނާގެ ވާންއުޅޭ އަނބިމީހާ ބަލާ ދާންވީވަގުތު ޖެހިއްޖެކަން ބުންޏެވެ. އެންމެ ވަގުތުކޮޅަކު ވެސް މަޑުކުރަން އޭނާ ބޭނުމެއްނުވިއެވެ. އޭނާއާއެކު އެ ދަތުރުގައި ބައިވެރިވާން އެންމެން ވެސް ތިބީ ތައްޔާރަށެވެ. ޔާފިއާގެ ގާތުގައި އެދުނީ ލާވީގެ ގާތުގައި ގަނޑުވަރުގައި މަޑުކުރުމަށެވެ. އަދި ގަނޑުވަރުގެ ޚަބަރުތައް އޮޅުންފިލުވުމަށެވެ. އީޝަލްއަށް ޓަކައި ތައްޔާރުކުރެވޭ ކޮންމެކަމެއް ޚުދު ޔާފިއާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ރައުލް އެދުނެވެ. އުފަލާއެކު ރައުލްގެ އެ އެދުން ޔާފިއާ ބަލައިގަތެވެ. އަދި ލޯބިވެރިޔާއާއި އެކުވެރީންނަށް އަމާން ދަތުރަކަށް އެދި އެ މީހުންނާ ވަދާޢުގެ ސަލާމް ޔާފިއާ ކުރިއެވެ.
(ނުނިމޭ)