މަޖިލިސް އިންތިހާބު 2019

ރަޖިސްޓްރީ ނުވެގެން ނުވަ ވޯޓު ފޮއްޓެއް ނުބަހައްޓަން ނިންމައިފި

އަންނަށް މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ގޮތުން ރާއްޖެއިން ބޭރުގައާއި ބައެއް ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އަަދަދު މަދުވުމުން އެ ވޯޓު ފޮށިތަށް ނުބެހެއްޓުމެއް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ނުބަހައްޓަން ހަމަޖެހިފައިވާ ވޯޓު ފޮށިތަކަކީ، އިންޑިއާގެ ވެރިރަށް ދިއްލީގައި ބަހައްޓާ ވޯޓު ފޮއްޓާއި ތައިލެންޑާއި ސިންގަފޫރު އަދި ބަންގްލަދޭޝް ގައި ބަހައްޓާ ވޯޓު ފޮށި ކަމަށެވެ.

ރިސޯޓުން ތަކުން ވޯޓު ފޮށި ނުބަހައްޓަން އީސީއިން ނިންމާފައިވަނީ ފަސް ރިސޯޓެއްގަ އެވެ. އެރިސޯޓުތަކަކީ:

އަޔަޑާ މޯލްޑިވްސް (ގދ. މަގުއްދުވާ)
އަދާރަން ސިލެކްޓް ހުދުރަންފުށި (ކ. ޅޮހިފުށި)
އަމިއްލަ ފުށި (ބ. ފިނޮޅަސް)
ސޮނޭވާ ފުށި ރިސޯޓު (ބ. ކުންފުނަދޫ)
ކިހާ މޯލްޑިވްސް (ބ. ކިހާދުއްފަރު)

އިލެކްޝަން ކޮމިޝްންގެ އެއިލާނުގައި އިތުރަށް ބުނެފައިވަނީ، މިފޮށިތަކަށް ވޯޓުލުމަށް ރީރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން، އެހެން ތަންތަނަށް ވޯޓް ލުމަށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަން އިން މިފަހަރު މަޖިލިސް އިންތިހާބުގައި ވޯޓު ލާފަރާތްތަށް ރިޖިސްޓްރީ ކޮށްފައިވަނީ ނިމިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި، ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ ތަނަށެވެ. އެފަހަރު ގިނަ ރިސޯޓު ތަކުގައި ވޯޓު ފޮށި ނުބެހެއްޓުމުގެ ސަބަބުން އީސީ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

މިފަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި 264،589 ފަރާތަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ. ކެންޑިޑޭޓުންގެ ގޮތުގައި 87 ދާއިރާއަކަށް 393 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. އަދި މިދިޔަ ހޯމް ދުވަހު ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމުގެ ގޮތުން އީސީއިން ވަނީ ގުރު ނަގާފަ އެވެ.