ހަބަރު

މުއިއްޒުގެ މައްޗަށް ތަހުގީގު ހިންގަން ޖެހޭނެ: ނަޝީދު

ހިޔާ މަޝްރޫ އާއި ގުޅީފަޅުގެ ފްލެޓްތައް ބެހުމުގައި އެންމެ ބޮޑަށް އިހުމާލުވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އޭނާގެ މައްޗަށް ތަހުގީގް ހިންގަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފާއިތުވި ސަރުކާރުން ފްލެޓްތަށް ދިންގޮތް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކޮމިޓީއެއް އުފައްދާފަ އެވެ. އެކޮމިޓީއިން ފާއިތުވި ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓް ލިބިފައިވަނީ ހައްގުވެރިންނައްތޯ ބެލުމާއި ގުޅިފަޅު ހައުސިން ޕްރޮޖެކްޓްގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތްތަކަކާ މެދު ކެބިނެޓަށް ލަފާއެރުވުމުގެ އިތުރުން ފްލެޓްތަކާ ގުޅޭގޮތުން ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތަށް ދިރާސާ ކުރުން ހިމެނެ އެވެ.

އެކޮމިޓީ އިން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިން ފަރާތްތަކުގެ ނަންތައް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންގެ އާއިލާތަކަށް ވަރަށް ގިނަ ފްލެޓް ލިބިފައިވާކަން ހާމަވެފައި ވެއެވެ.

އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގެ އެންމެ ބޮޑު އެއް އަމާޒަކީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެކަން ކަށަވަރު ކޮށްދިނުމަށްޓަކައި ފްލެޓްތައް ދީފައިވާ ގޮތްތަކަށް ހިންގަންޖެހޭ ތަހްގީގްތައް ހިންގާނެ ކަމަށެވެ.

""ފްލެޓްތައް ވަނީ ގޮތް ނޭންގޭ ގޮތަށް ދީފައި، އެހެންކަމުން މިކަންކަން ސަރުކާރުން މިހާރު އެދަނީ ބަލަމުން، މި ފްލެޓް ބެހުމަށް އެންމެ ބޮޑަށް އިހުމާލުވެފައިވަނީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އަޅުގަނޑުމެން ދެކޭ ގޮތުގައި މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގެން ޖެހޭނެ، އަދި އެފްލެތްތައް ދެވުނު ފަރާތްތައް، މިސާލަކަށް ރައްޔިތުން މަޖިލީހުގެ އެންމެ މެންބަރަކާއި ގުޅުންހުރި 37 ފަރާތަކަށް ފްލެޓް ދެވިފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެއިޝާރާތް ކުރެއްވީ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލަށެވެ. އެގޮތަށް އިތުރަށް ފްލެޓް ދީފައިވާ ފަރާތްތައް ލިސްޓުން ބަލައި ސާފު ކުރުމުންދާ ކަމަށެވެ. އެކަން އެމްޑީޕީގެ ފަރާތުންވެސް ކުރިއަށް ގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކޮށްފައިވާ ކަމަށާއި 7،000 ފްލެޓް ބަހާފައިވާ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ހައްގުވާ މީހުންނަށް ފްލެޓް ލިބިފައިވީ ނަމަވެސް ހައްގު ނުވާ ފަރާތްތަކަށްވެސް ފްލެޓް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭނުން ހައްގުވާ މީހަކަށް ލިބިފައިވާ ފްލެޓެއް އެއްވެސް ހާލެއްގައި ގެއްލިއެއް ނުދާނެ، އެޖެންޑާ 19ގެ ގާނޫނީ އޮނިގަނޑު އެކަން ވަރަށް ރަނގަޅު ކަށަވަރު ކޮށްދޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގެ ބޯހިޔާވަހިކަމުގެ ގާނޫނީ އޮނިގަނޑަކީ މިހާރު އިމާރާތް ކުރެވެމުންދާ ބޯހިޔާވަހިކަމުގެ އިމާރާތްތަކާއި ބިން އިތުރު ކުރެވެމުންދާ ރަށްރަށުގައި ބިން އިތުރު ކުރެވެމުންދާގޮތާއި އިތުރު ކުރެވިފައިވާ ބިންތައް ބޭނުންކުރާނެ ގޮތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދާނެ ހަމަތައް ކަމަށެވެ.

"މިއަދު އަޅުގަނޑު ފުލުސް އޮފީހުގައި ދަންނަވަން ބޭނުން. ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން، އަދި ހާއްސަކޮށް މާލޭގެ ވަރަށް ގިނަ ރައްޔިތުން އެބައެދޭ މިފްލެޓު ބެހުމުގައި ޖަރީމާ ހިންގައި ނާޖާއިޒު އެކިއެކި ފައިދާ ނަންގަވާފައިވާ ފަރާތްތައް ބަލައި ތަހުގީގުކޮށް އެކަމާ ގުޅޭ ރަނގަޅު ޝަރީއަތާއި އަދި އެހެން ވެސް ގޮތް ގޮތުން އަޅަން ހުރި ފިޔަވަޅުތައް މިކަމުގައި އެޅުން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިކަމުގައި މިނިސްޓަރު [މުއިއްޒު] މިވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު، މީގެ ކުރިން މުއިއްޒު ވަނީ ހިޔާ މަޝްރޫއިން ކަނޑައެޅި މިންގަނޑުތަކާ ހިލާފަށް ޕޮއިންޓު ލިބުނު އެއްވެސް ފަރާތަކަށް ފްލެޓު ދިނުމަށް ނިންމާފައި ނުވާނެ ކަމަށެވެ. ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް އެ މިނިސްޓްރީ އިން ކުރިޔަށް ގެންގޮސްފައި ވާނީ މީޑިއާއާ ގާތުން ދެ ފުށް ފެންނަ އުސޫލަކުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ހުރިހާ އުސޫލުތަކާއި ޝަރުތުތަކާއި ޕޮއިންޓު ލިބޭ ގޮތުގެ ތަފްސީލު ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.