ހަބަރު

ޔާމީން ބަންދުކޮށްގެން ބާއްވާ އިންތިހާބު އިންސާފުވެރިއެއް ނުވާނެ: ޕީއެންސީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބަންދުގައި ބަހައްޓައިގެން ބާއްވާ އެއްވެސް އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެމައްސަލާގެ އެމަނިކުފާނު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނާމެދު ވަރަށްވެސް ދެރަކޮށް އަމަލު ކުރަމުންދާ މަންޒަރު ކަމަށާއި އެކަމުގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރައީސް ޔާމީން އުސޫލުން ބޭރުން، އުސޫލުން ބޭރުންނޭ މިދަންނަވަނީ ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވިއިރު މި ދަންނަވަނީ ހެކި ފޮރުވަފާނެތީއޭ، ޖަލުގައި ބަހައްޓާތާ ވިއްސަކަށް ދުވަސްވީއިރު އަދި މިހާތަނަށްއާއިރު އެމަނިކުފާނުގެ ޝަރީއަތުގެ އެއްވެސް ސުވާލެއް ކޮށްފައިނުވާކަން، މިއީ އެންމެ ބޮޑަށް ހައިރާންވާން ޖެހޭ ކަމަކީ، އެބަ އިނގޭ މިއީ ސިޔާސީ ގޮތުން ކޮށްގެން އުޅޭ ކަމެއްކަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ޕީޕީއެމަށް ލިބެންޖެހޭ ފައިސާ ދޫނުކޮށް ހިފަހައްޓާފައިވަނީ މަޖިލިސް އިންތިހާބަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

"ދުވަހަކުވެސް ދުނިޔޭގެ ގައުމެއްގައި އިންތިހާބަކަށް ނުފޫޒު ނުފޯރުވާވަރަށްވުރެ މަތީން މިއަންނަ އިންތިހާބަށް މި ސަރުކާރުން ނުފޫޒު ފޯރުވާނެ، އެބަ ފޯރުވާ، އޭގެ އެންމެ ފާޅުކަންބޮޑު އެއް ހެއްކަކީ މިރާއްޖޭގައި މިވަގުތު ހުރި އިދިކޮޅު ލީޑަރު ގެންގޮސްގެން ހައްޔަރުގައި ބެހެއްޓުން، އެއަށްވުރެ ބޮޑު ނުފޫޒެއް ނުފޯރުވޭނެ، އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ މާހައުލެއް މިވަގުތު މިރާއްޖޭގައި އޮތް ކަމަކަށް، ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ރައީސް ޔާމީންގެ ސިއްހީ ހާލަތާމެދު ކަމަށާއި މިހާރުން މިހާރަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭންޖެހޭ ކަމަށެވެ.

"ޑޮކްޓަރުގެ މަޝްވަރާ އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް، ރައީސްގެ އަރިހުގައި މީހަކުނެތި އެންމެ ހިނދުކޮޅަކުވެސް ނުބަހައްޓަން، އެވަރަށް ލަފާދެއްވާފައި އޮއްވާ މިއަދުގެ ވަގުތެއްގައި މިވަނީ އަނބުރާ ޖަލަށް ގެންދަވާފަ، ރައީސް ޔާމީނަކީ ވަރަށް ބޮޑަށް ކަސްރަތު ކުރައްވާ ބޭފުޅެއް، އެއީ ވަރަށް ގިނަ ސަބަބުތަކަށްޓަކައި، ދުވާލަކު ވަކި ވަރަކަށް ކަސްރަތު ކުރައްވަންޖެހޭ ބޭފުޅެއް،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ފިޔަވައި އިނާޔަތާއި ހިމާޔަތް ލިބެންޖެހޭ ރައީސެއް ނެތް ކަމަށެވެ. އެމަނިކުފާނަކީ ހަމައެކަނި އާގާނޫނު އަސާސީއަށްފަހު އެއްވެސް ކުށެއްނެތި އެންމެ ފުރަތަމަ ފަސް އަހަރުގެ ދައުރެއް ހަމަކުރެއްވި ވެރިޔާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކޮށްގެން އެއްވެސް ހައްލެއް ލިބިގެން ގޮސްފައިނުވާ ކަމަށެވެ. ވަރަށް ގާތުން ބައްލަވާނެކަމާއި އެކަމަށް އެޓެންޑް ކުރައްވާނެކަމާއި ރައީސް ސޯލިހް ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް އެއްވެސް އަލިމަގެއް ފެނިގެން ގޮސްފައިނުވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައީސް ސޯލިހްގެ ކިބައިން އެދެނީ އެންމެ ކަމެއް ކަމަށާއި އެއީ ރައީސް ޔާމީން ބަންދުން ގެއަށް ބަދަލުކޮށްދިނުން ކަމަށެވެ. އެނޫން އެއްވެސް ކަމަކަށް ނޭދޭ ކަމަށެވެ.