ހަބަރު

ހދ. އަތޮޅުގައި ޖީންއެކްސްޕާޓް ސާވިސް ތައާރަފްކޮށްފި

މިނިސްޓްރީ އޮފް ހެލްތް އަދި ޑަބްލިއުއެޗްއޯ ގުޅިގެން ހދ. އަތޮޅުގައި ޖީންއެކްސްޕާޓް ހިދުމަތް ތައާރަފްކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ޖީންއެކްސްޕާޓްގެ ޙިދުމަތާއި ޓީބީ ސްކްރީނިން ގާއިމުކުރެވޭ ސިސްޓަމްއިން ރާއްޖޭގައި ޓީބީ ޖެހިފައިތިބި މީހުން ދެނެގަނެވޭ ނިސްބަތް އިތުރު ކުރެވިގެންދާނެކަމަށެވެ. ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ހާއްސަ އަހައްމިޔަތުކަމެއްދީ، އެ މަގުސަދު ޙާސިލްކުރުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކޮށް، ގިނައަދަދެއްގެ މީހުން ޓީބީއަށް ސްކްރީންކުރުމަށް ނިންމާފައި ވާކަމަށެވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިގެއިތުރުން، ސަރުކާރުން ކަނޑައަޅައިފާވާ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ޓީ.ބީ ގެ ބަލި ދެނެގަތުމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ 2 ސަރަހައްދެއްގައި ޖީންއެކްސްޕާރޓް މެޝިން ބެހެއްޓުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، ހދ. އަތޮޅުގައި ބެހެއްޓީ އޭގެން އެއް މެޝިން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއަކީ ޓީބީ ނައްތާލުމަށް ގައުމީފެންވަރުގައި އަހައްމިޔަތުކަން ދިނުމުގައި ނަމޫނާ ގައުމެއްކަމަށާއި، އެޗްޕީއޭގެ ދަށުން ހިނގަމުންދާ ނެޝަނަލް ޓީ.ބީ ކޮންޓްރޯލް ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ޓީ.ބީއަށް ފަރުވާ ކުރުމާއި ބަލި މީހުންނަށް ފަރުވާ ކުރުމާއި، ރާއްޖޭން އެބަލި މަދުކުރުމަށް މަސައްކަތްކުރާ، މައި އިދާރާ ކަމަށެވެ.

ރާއްޖޭގައި ޓީ.ބީ ބަލި ހުރިކަމަށް ކަށަވަރު ކުރެވޭ ކޮންމެ މީހަކު، ނެޝެނަލް ޓިބީ ޕްރޮގްރާމްގައި ރަޖިސްޓްރީވެ، އެމީހަކަށް ބޭނުންވާ ޓެސްޓްތަކާއި ބޭނުންވާ ބޭސް ހިލޭ، ޓީބީ ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށާއި، ނެޝަނަލް ޓީ.ބީ ޕްރޮގްރާމުން މިހާރު އެންމެ މުހިއްމު ގޮތެއްގައި ކުރިއަށް ގެންދާ ކަންތައް ތަކުގެ ތެރޭގައި ބަލި މީހުންނަށް ދޭހިދުމަތްތަކުގެ އިތުރުން ރާއްޖެއިން ޓީ.ބީ ނައްތާލުމުގެ ސްޓްރެޓަޖިކް ޕްލޭން 2018-2022 ގައިވާ ކަންތައްތައް ރާވާ ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސްޓްރެޓެޖިކް ޕްލޭންގެ ތެރެއިން، ޓީ.ބީ އިން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިންމު އެއްކަމަކީ، އެބަލި ޖެހިފައިވާކަން ނުވަތަ ނޫންކަން ދެނެގަނެ، ބަލިޖެހިފައިވާނަމަ ބަލީގެ ކުރީކޮޅު ފަރުވާ ފެށުން ކަމަށާއި، ޓީ.ބީ އަދި އެހެންވެސް ބައްޔެއް ޖެހޭ މީހާ މުޖުތަމައުއިން މުޅީން އެކަހެރިކުރުމަކީ އާއްމު ޞިއްހަތުގެ އުޞޫލްތަކާ ތަޢާރަޒް ވާ ކަންކަންކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ޓީ.ބީ ނުވަތަ ޓިއުބަރކިއުލޯސިސް އަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބައްޔެވެ. މިއީ މައިކޯބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިއާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. ޓީ.ބީ ބަލި އާއްމުކޮށް ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީ.ބީ ޖެހިދާނެއެވެ. ބޭހަށް ނުގުޑާ ޓި.ބީ (އެމް.ޑީ.އާރ ޓީ.ބީ) އަކީ އާއްމުކޮށް ޓީ.ބީ އަށް ދޭ ބޭސްތަކުގެ ތެރެއިން ބައެއް ބޭހުގެ އަސަރު ނުކުރާ ވައްތަރެކެވެ.