ކުޅިވަރު

ބީޖީން އީގަލްސް ހިފަހައްޓައިފި

Jul 7, 2015

އުރީދޫ ޕްރެމިއާ ލީގުގައި މިރޭ އީގަލްސް މޮޅުވިޔަނުދީ ބީޖީން ހިފަހައްޓައިފި އެވެ.

ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވަނީ ރަނގަޅު ސޭވްތަކެއް ފެނިގެންގޮސްފަ އެވެ. ބީޖީގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފް ރަނގަޅު ދެ ސޭވް ކުރިއިރު އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވެސް ވަނީ މެޗު ނިމެންދަނިކޮށް ބީޖީން ކުރި ނުރައްކާތެރި ހަމަލާތައް ދިފާއުކޮށްފަ އެވެ.

މި މެޗުން އެއްވަރުވުމުން ލީގުގައި ކުރިއަށް ދިއުމަށް އީގަލްސް އަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ފުރަތަމަ ތިން މެޗު ނިމުނު އިރު ލީގުގެ ކުރީގައި އޮތް ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް އެއްވަރުވުމުން އީގަލްސް މިހާރު އޮތީ 9 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. ނަމަވެސް އެހެން ޓީމުތަކަށް ވުރެ އީގަލްސް ކުޅެފައިވާ މެޗުތައް ގިނަވުމުން އެ ޓީމު އަދިވެސް ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުނުވެ ދިއުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށާއި އީގަލްސްގައި މިހާރު އޮތީ މޮޅުވެވެންޖެހޭ ފަދަ ސްކޮޑެއް ކަމަށެވެ.

މި މެޗު އެއްވަރުވުމުން ބީޖީ އަށް ލިބިފައިވަނީ ފަސް ޕޮއިންޓާއެކު ޓޭބަލުގެ ހަ ވަނަ އެވެ. އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ ކޮންމެ މެޗެއްގައި ވެސް ބީޖީން ރަނގަޅަށް ކުޅޭ ކަމަށާއި މިހާރު މެދުވެގެން އުޅެނީ މޮޅެއް ހޯދުން އެކަނި ކަމަށެވެ.

ލީގުގައި މާދަމާ ރޭ ކުޅޭނީ މަހިބަދޫ އާއި މާޒިޔާ އެވެ.