ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ ސަރުކާރުގެ ވައުދުފުޅުތަކަށް ތާއީދު ކުރައްވާ މެންބަރުންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާ ބެހޭ ގިނަ ވާހަކަތަކެއް ދައްކަވާފައިވާ ކަމަށާއި އެކަންތައްތައް އިސްލާހުކޮށް ރާއްޖެއަށް ހެޔޮ ބަދަލެއް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވެ ކަމަށެވެ. ނަމަވެސް އެ ވައުދުތައް ފުއްދުމުގައި ރައްޔިތުން މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މަޖިލީހުގައި ތިއްބަވަން ވާނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވާއުދުތަކަށް ގަބޫލުކޮށް، ތާއީދު ކުރައްވާ މެންބަރުންތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމު، ރައްޔިތުން މަޖިލީހުގައި ތިއްބަވަން ވާނީ އެ ވައުދުތައް ގަބޫލު ކުރާ އެ ވައުދުތަކަށް ތާއީދު ކުރައްވާ މެންބަރުން ތިބުން ވަރަށް މުހިންމު،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ދާއިރާއަކަށް ވާދަ ކުރައްވާ މެންބަރުންނަކީ އެމަނިކުފާނު ފުރިހަމައަށް އިތުބާރު ކުރައްވާ އަދި އެޖެންޑާ ފުރިހަމައަށް ގަބޫލު ކުރައްވާ މެންބަރުން ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަޑައިގަތެވެ.