ހަބަރު

މަޖިލިސް ރައީސް ކަމަށް އެންމެ އެކަށީގެންވަނީ އަފީފް: ރައީސް

May 22, 2019
26

ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި ހަސަން އަފީފް ކަމަށް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ދައުރުގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި 19 ވަނަ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ދެއްވި ތަރާވީހުގެ ހަވާސާގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ، ހަސަން އަފީފު މަޖިލީހުގައި މަސައްކަތް ކުރެއްވި ތަން އެމަނިކުފާނަށް ގާތުން ފެނި ވަޑައިގެންފައިވާ ކަމަށާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމާއެކު ވެސް މަސައްކަތް ކުރެއްވިފައިވާ ކަމަށެވެ. އެ ދެ ތަޖުރިބާއަށް ބައްލަވައި ހަސަން އަފީފަކީ މަޖިލިސް ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މި ހުރި ހައިސިއްޔަތުން އަޅުގަނޑު ވަކި ބޭފުޅެއްގެ ނަން ޕަބްލިކްގައި ބުނުމަކީ ރަނގަޅު ކަމެއް ނޫން، އަޅުގަނޑަށް ހަސަން އަފީފްގެ މަސައްކަތް ހުރީ ފެނިފަ، އަޅުގަނޑަށް އަސްލަމާއެކީގައި ވެސް މަސައްކަތް ކުރެވިފައި އެބަހުރި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ އަސްލަމަށެވެ. ރޭހުގައި އެންމެ ވާދަވެރީ އެ ދެ ބޭފުޅުންނެވެ.

މީގެ އިތުރުން އެމްޑީޕީގެ އިތުރު ތިން މެންބަރަކު ވަނީ މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެއީ އާއްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

މަޖިލިސް ރައީސާއި ނައިބް ރައީސް ހޮވާ ޖަލްސާ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.