ހަބަރު

ނާޒިމްގެ މައްސަލައެއް އެމްޑީޕީން އީސީއަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާބެހޭ މައްސަލައެއް އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް "ނާޒިމް އަފާފް ފައުންޑޭޝަން" ގެ ނަމުގައި ދަނގެތީ ދާއިރާގެ ރަށްރަށަށް ވަކިވަކި ކަންތައްތައް ކޮށްދޭނަމޭ ބުނަމުންދާ ކަމަށާއި އެ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރަށުގައި ހިނގާ ބައެއް ކަންކަމަށް އެ ފައުންޑޭޝަނުން ހަރަދު ކުރަމުންދާ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުންނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ އެއިންކަމެއް ކޮށްދޭނެކަމަށް ބުނުމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނަށް ފަހުން ގެނައި އިސްލާހުގެ ދަށުން ކުށެކެވެ.

އީސީ އިން ވަނީ އެފަދަ މައްސަލަތައް ބަލާނެ ކަމަށް ބުނެފަ އެވެ. އަދި މިހާރު ވެސް އިންތިހާބާ ދިމާކޮށް އެފަދަ ކަންތައްތައް ކުރާ ބައެއް މައްސަލަ ބަލަމުން އަންނަ ކަމަށް އީސީ އިން ބުނެފައިވެ އެވެ.