ބޭރު ކުޅިވަރު

ބަލިވުމަކީ ބޮޑު ވޭނެއް: މެސީ

Jul 7, 2015

ކުލަބް ފެންވަރުގައި ބަލިވުން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް އިހުސާސް ކުރެވިފައިވަނީ ވަރަށް މަދުންނެވެ. އޭނާގެ ކުލަބް ބާސެލޯނާ އަކީ އެއަށްވުރެ ކާމިޔާބު، ހާއްސަކޮށް މެސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުލަބެކެވެ. އެކަމަކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ހުރެ މެސީ އަށް ގައުމީ ޓީމުގައި ވަނީ ނާކާމިޔާބުތަކަކާ ކުރިމަތިވެފަ އެވެ.

އެންމެ ފަހުން އޭނާގެ އިހުސާސްތައް އޮއްސާލީ އޭނާގެ ފޭސްބުކް ޕޭޖުގަ އެވެ. އުމުރުން މިހާރު 28 އަހަރުގެ ކުޅުންތެރިޔާ ބުނެފައިވަނީ ފުޓްބޯޅަ މެޗަކުން ބަލިވުމަށްވުރެ ވޭން ގަދަ ކަމެއް އޭނާ އަށް ނެތް ކަމަށެވެ.

މެސީ މިހެން މި ބުނީ ޖެހިޖެހިގެން ދެ އަހަރަކު ބޮޑު ދެ މުބާރާތެއްގައި އޭނާގެ ކެޕްޓަން ކަމުން އާޖެންޓީނާ އަށް ނާކާމިޔާބުވެފައި ވަނިކޮށެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާޖެންޓީނާ ބަލިވީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޗިލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގައި މެސީ ފިޔަވައި އާޖެންޓީނާގެ އެހެން ހުރިހާ ކުޅުންތެރިންގެ ޕެނަލްޓީތައް ނާކާމިޔާބުވި އެވެ.

މި ނާކާމިޔާބީގެ ކުރިން ހުސްވި އަހަރު މެސީގެ ކެޕްޓަން ކަމުގައި އާޖެންޓީނާ އަތުން ބީވެގެން ދިޔައީ ދުނިޔޭގެ ތައްޓެވެ. ޖަރުމަނު އަތުން އާޖެންޓިނާ ބަލިވީ މެޗުގެ އިތުރު ވަގުތުގެ ފަހު ހާފު ކުޅެމުންދަނިކޮށް ޖަރުމަނުގެ މާރިއޯ ގޮޓްޒާ ޖެހި ލަނޑުންނެވެ.

ވޯލްޑް ކަޕު ފައިނަލުން ބަލިވި ނަމަވެސް މެސީ އަށް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނެވެ. އެކަން އޭނާ ގަބޫލުކޮށް އެވޯޑް ވެސް ލިބިގަތެވެ. އެކަމަކު ކޮޕާ އެމެރިކަގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން އޭނާ ވަނީ އެކަން ގަބޫލު ނުކޮށްފަ އެވެ.

މެސީ ބުނީ ޓީމު ބަލިވި ނަމަވެސް އަބަދުވެސް ތަރުހީބުދޭ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށާއި ހާއްސަކޮށް ދިމާވާ އުނދަގޫ ވަގުތުތަކުގައި ސަޕޯޓަރުން އޭނާއާއެކު ތިބޭކަމީ އުފާވާ ކަމެއް ކަމަށެވެ.