ހަބަރު

ކޮލަމް އޭޑީ: މަޖިލިސް ކެމްޕެއިންގައި އިހުލާސްތެރިކަމާމެދު ތުހުމަތު!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން މަހަކަށްވުރެ ވެސް ކުޑަ ދުވަސްކޮޅަކަށް ވީ އެވެ. ކެނޑިޑޭޓް ނަންބަރުތައް އިލެކްޝަންސް އިން ތަރުތީބު ކުރުމާއެކު ކެމްޕެއިން މިވަނީ މެކުހަށް ޖަހާފަ އެވެ. ކެމްޕެއިން ލޯންޗިން ޖަލްސާތައް ފުލުފުލުގައި ގެންދަނީ ބާއްވަމުންނެވެ. އެއް ޕާޓީއަކުން ކުރިމަތިލާ ހަތަރު ފަސް ކެނޑިޑޭޓަކު ވެސް އެއް ގަޑިއެއްގައި ވެސް ކެމްޕެއިން ލޯންޗިން ބާއްވަނީ އެވެ. މި ހުރިހާކަމެއް މިހެން ދާއިރުވެސް، މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުން ވަމުންދާ ވައުދުތަކާއި މެދު ހައިރާންވާ ބަޔަކު ނޫޅެނީބާއޭ ހިތައް އަރައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސޫލިއްޔަތުތަކާއި، ވާޖިބުތައް ވަރަށް ސާފުކޮށް، އެބަޔާން ކުރަންޖެހޭ ގާނޫނުތަކާއި ގަވައިދުތަކުގައި ވަނީ ލިޔެފަ އެވެ. ހަމަ ގައިމުވެސް އޭގެން އެއްވެސް ގާނޫނެއް އަދި ގަވައިދަކަށްވެސް ބައެއް ފަރާތްތަކުން މި ވަމުން އަންނަ ވައުދުތަކާއި، ދައްކަމުންދާ ވާހަކަ ތަކެއް ނުފެތެއެވެ. މަޖިލިސް މެމްބަރުންނަށް ރަށެއްގެ ބަނދަރު އަޅައިދޭން، ފެނާއި ނަރުދަމާ އަޅައިދޭން، ގޭސް ހޮޅި އަަޅައިދޭކަށް ވައުދެއް ނުވެވޭނެ އެވެ. އެއީ މެމްބަރުންގެ މެންޑޭޓުގައި އޮންނަ ކަމެއް ނޫނެވެ. އެހެން ނަމަވެސް މަޖިލިސް މެމްބަރަކަށް، އެދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރަން އޮފީހަށް އަޅައިދޭނެ ކަމަށް ވައުދުވެވިދާނެ އެވެ.

ތަރައްގީގެ ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ހިންގަވައިދެއްވާނެ ކަމަށް އެ ވާ ވައުދުތަކަކީ އެބޭފުޅުންގެ އިސްކޮޅަށްވުރެ މާބޮޑެތިކޮށް ވަމުން އަންނަ ވައުދުތަކެކެވެ. ތަރައްގީގެ ޕްރޮޖެކްޓްތަކާއި ކަންކަން ހިންގުން އޮންނަނީ އެއިރެއްގަ އޮންނަ ސަރުކާރެއްގެ އަތް މަތީގައެވެ. އެކަންކަން ހިންގިޔަސް ނުހިންގިޔަސް އެ މެމްބަރަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ އެވެ. އެ މެމްބަރަށް ހަމަ އެކަނި ކުރެވޭނެ ކަމަކީ އެކަން ކޮށްދޭން ސަރުކާރަށް ބާރު އެޅުމެވެ. މަޖިލީހުގެ ތެރެއިން ބަޖެޓް ކުރާ އިރު، އެކަންކަން ހިމެނުމަށް ލޮބީ ކުރުމާއި، އެކަންކަން ނުކޮށްދޭނަމަ، ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމެވެ. ވަމުން އަންނަ ވައުދުތަކުގެ އިބާރާތް ކޮޅަށް ކުޑަ ބަދަލެއް ގެނެސްގެން މިކަން ހައްލު ކުރެވިދާނެ އެވެ. އެގޮތުން އެކަންކަން ކޮށްދޭން ސަރުކާރަށް ބާރު އަޅަން ވައުދުވަމޭ ބުނެވިދާނެ އެވެ. އެހެން ނޫން ނަމަ އެވައުދު ވެވެނީ ބޮޑު އޮޅުވާލުމަކަށެވެ. މިކަމަށް ރައްޔިތުން ހޭލުންތެރިވާން ވެއްޖެ އެވެ.

ސަރުކާރަކާއި، މަޖިލީހުގެ މެމްބަރުން އެއްވަރުކުރުން ހުއްޓާލަންވެއްޖެ އެވެ. މަޖިލީހަށް ކުރިމަތިލާ މީހާ ތިމަންނާ މިވެނި ޕްރޮޖެކްޓެއް ހިންގަދޭނެ ކަމަށް ވައުދުވަމޭ ބުނީމާ، ރައްޔިތުމީހާ ހެވިފައި ހުންނަ ހުރުން ހުއްޓާލުމަށްފަހު، އެކަން ކުރާނީ ކިހިނެތްތޯ ސުވާލު އުފައްދައި އެކަމަށް ބާރު އަޅަން ފަށަން އެބަޖެހެއެވެ. އެޅިހާ ބަތަކަށް ރިހަވާ އުސޫލުން އެ ދައްކަވާ ހުރިހާ ވާހަކައަކަށް އާނބަސް ބުނުން ހުއްޓާލަންވެއްޖެ އެވެ. މަޖިލީހުގެ މެމްބަރަކީ ތިމާމެން ތަމްސީލު ކުރަން އެތަނަށް ފޮނުވާ މީހެއްކަމާއި، އޭނާގެ ވިސްނުމުގައި ޕާޓީގެ ކުލައިގެ ވިސްނުމަށްވުރެ، ރައްޔިތުންގެ ވިސްނުން އިސްކުރޭތޯ ބަލަން އެބަފަށަން ޖެހެއެވެ. ޕާޓީއެއްގެ ކުލަވަރުގައި ތާށިވެ ކަންކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނިއްޖެ އެވެ. އެކަން ތަކުރާރު ނުވާނެ ގޮތަކަށް ޕާޓީތަކުގެ ވިސްނުންވެސް ބަދަލުކޮށް ރައްޔިތުންވެސް އެކަމަށް ހޭނެން ވެއްޖެ އެވެ.

ދެން މިއޮތީ ސަރުކާރަށް ނިސްބަތްވާ ޕާޓީއެއްގެ މެމްބަރުންގެ ކެމްޕެއިންގައި ދައްކާ "ހޮޅި" ވާހަކަ އެކެވެ. އެޕާޓީގެ ކެނޑިޑޭޓުން މަޖިލީހަށް ހޮވިގެން ނޫނީ ދާއިރާތަކަށް ކުރިއެރުމެއް ނާންނާނެ ވާހަކަ އެވެ. އެ ދައްކާ ވާހަކައިގައި އެބުނެވެނީ ކިހާވަރެއްގެ އެއްޗެއްތޯވެސް އެ ބޭފުޅުން ބައްލަަވަން އެބަޖެހެއެވެ. އެވާހަކައިން ދޭހަވަނީ ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު އެބޭފުޅުން ސުވާލު އުފައްދަވާ ކަަމެވެ. އެއީ އެއްވެސް ސަރުކާރަކުން ރައްޔިތުންވެސް އަދި ދާއިރާތައްވެސް ތަފާތުކޮށްގެން ނުވާނެ ކަމީ އެއީ އެންމެނަށްވެސް އެނގޭނެ ކަމެކެވެ. އެދާއިރާއެއްގެ މެމްބަރަކަށް ހުރީ މިވެނި ޕާޓީއެއްގެ މީހެކޭ ބުނެ އެދާއިރާއަކަށް ބޭނުންހާ ގޮތެއް ސަރުކާރަކަށް ނެހެދޭނެ އެވެ. އޭރުން ވެވޭނީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހަމަހަމަކަމުގެ ހައްގަށް ހަރާންކޯރެވެ. ރައްޔިތުންނަށްވެސް ހަރާންކޯރެވެ.

ރައްޔިތުން އެތަކެއް ގުރުބާނީއެއް ވެގެން ގެނެސްފައިވާ ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު އެފަދަ ޝައްކާއި، ވަހުމް ރައްޔިތުންގެ ތެރޭގައި ފެތުރުން ހުއްޓާލަން ވެއްޖެ އެވެ. ސަރުކާރާއި މެދު ރައްޔިތުންގެ މެދުގައި އޮތް ތަސައްވަރު ކިލަނބުވާގޮތަށް އެދައްކާ ވާހަކަތައް ސަރުކާރުންވެސް ހުއްޓުވަން ޖެހެއެވެ. މީގެ އިތުރުން ބޮޑެތި ވައުދުތައް ވަމުންދާ ފަރާތްތަކުންވެސް އެގެންދަނީ ރައްޔިތުން ގުނބޯހައްދަމުން ކަމަށްވާތީ، އެކަންކަމަށް މުއައްސަސާތަކުންވެސް ބަސް ބުނަން އެބަޖެހެއެވެ. ތަހުޒީބު މުޖުތަމައުއެއް ބިނާ ކުރެވޭނީ ހުރިހާ ފަރާތަކުންވެސް އެކަމުގައި ޝާމިލް ވެގެންނެވެ. ތިމާމެންގެ ޕާޓީގެ މީހަކު ރުޅިއައިސްދާނެ ކަމަށް ހައްގުބަސް ބުނަން ފަސްޖެހިގެން ނުވާނެ އެވެ. ގައުމެއް ތަރައްގީވެ ކުރިއަރާދާނީ ކަންކަން ރޭވިފައި އޮންނަ ގޮތަށް ތަރުތީބުން އެކަންކަން ކޮށްގެނެވެ. ދިވެހިންގެ ތެރޭގައި ކަންކަމުގައި އަސްލު އޮންނަ ގޮތް އޮޅުވާލުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. އެހެން ނަމަވެސް އެކަންކަން އޭގެ އަސްލަށް ރުޖޫއަ ކުރުމަކީވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.