ބެންގްކޮކް (މާޗް 9) - ތައިލެންޑްގެ ބޮޑުވަޒީރު ކަމަށް މިހާރުގެ ރަސްގެފާނު ވަޖިރަލޮންގްކޯންގެ ދައްތާފުޅު ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލްގެ ނަންފުޅު ހުށަހެޅި ޕާޓީ އުވާލާފައިވާކަމަށް އެގައުމުގެ އެންމެ މަތީ ކޯޓުން ނިންމައިފި އެވެ.
ޕްރިންސަސް އުބޮލްރަޓަނާގެ ނަންފުޅު ހުށަހެޅުއްވީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓުރާގެ ތައި ރަކްސާ ޗާޓް ޕާޓީންނެވެ. ޕާޓީ އުވާލުމާއެކު، ޝިނަވާޓުރާއަށް ސަޕޯޓުކުރާ ފަރާތްތަކުން މިމަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބު ކާމިޔާބު ކުރުމަށް އުނދަގޫވާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައި އެވެ.
ތައިލަންޑުގެ ދުސްތޫރީ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ބޮޑު ވަޒީރުކަމަށް ޕްރިންސަސް އުބޮލްރަޓަނާ ކުރިމަތި ނުލެއްވޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވީ ނަމަވެސް، އެކަމަނާގެ ނަންފުޅު ހުށަހެޅުމަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި އޮންނަ ޝާހީ އާއިލާއާ މެދު ސުވާލު އުފައްދާނެ ޖާގަ ލިބޭ ކަމެއް ކަމަށެވެ.
ޕާޓީ އުވާލުމުގެ އިތުރުން، ކުރިއަށް އޮތް 10 އަހަރު އެ ޕާޓީގެ އިސްވެރިންނަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުން ވެސް ކޯޓުން ވަނީ މަނާކޮށްފައި އެވެ.
އުމުރުފުޅުން 67 އަހަރުގެ، ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ވަނީ، އެމެރިކާ ރައްޔިތަކާ ކައިވެނި ބައްލަވައި ގަތުމަށް ފަހު ޝާހީ ޝަރަފު 1972 ވަނަ އަހަރު ދޫކޮށްލައްވައިފަ އެވެ. އެ ކައިވެނި ރޫޅުމަށް ފަހު 2001 ވަނަ އަހަރު އެނބުރި ތައިލެންޑަށް ވަޑައިގެން ނަމަވެސް، އެކަމަނާއަށް ޝާހީ ޝަރަފް ދީފައެއް ނުވެ އެވެ.
ބޮޑުވަޒީރުގެ މަގާމަށް ދެން ވާދަކުރައްވާނީ 2014 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވި ޖެނެރަލް އަދި ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ޗަން-އޮކަ އެވެ.