އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތައް ވަރަށް ގިނަ އެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ސިއްހީ މައްސަލަތަކަކީ އަންހެނުންނަށް ދިމާވާ އާންމު ކަންކަން ކަމުގައި ބަލާ އަޅާނުލެވި ދޫކޮށްލެވޭ ކަންކަމެވެ. ހާއްސަކޮށް މައްސަރު ދުވަސްވަރު ދިމާވާ އުނދަގޫތަކާ ގުޅިފައިވާ ސިއްހީ މައްސަލަތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވި ދާފަހަރު ވަރަށް ގިނަ އެވެ. މިފަދަ އެއް ބައްޔަކީ އެންޑޯމެޓްރިއޮސިސް އެވެ.
މާޗް މަހަކީ އެންޑޯމެޓްރިއޮސިސް އެވެއާންސް މަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ މަހެވެ. މި ބައްޔާ ހަނގުރާމަ ކުރަމުންދާ އަންހެނުން ދިވެހި މުޖުތަމައުގައި ވެސް ވަރަށް ގިނައިން އުޅޭއިރު އެންޑޯމެޓްރިއޮސިސްއަކީ ހަގީގަތުގައި ކޮބައިތޯ ދެނެގަނެ ހޭލުންތެރިވުން ވަރަށް މުހިންމެވެ.
އެންޑޯމެޓްރިއޮސިސް
އެންޑޯމެޓްރިއޮސިސްއަކީ ރަހިމުގެ އެތެރެ ފަށަލަ ކަމަށްވާ އެންޑޮމެޓްރިއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އުފެދިފައި ހުރުމެވެ. އެންޑޯމެޓްރިއަމް އަކީ މައްސަރު ދުވަސްވަރު ހޯމޯންސްއަށް އަންނަ ބަދަލުތަކާއެކު ގިނަ ބަދަލުތަކެއް އަންނަ ރަހިމުގެ ފަށަލަ އެވެ.
މައްސަރު ދުވަސްވަރުގެ ކުރިން މި ފަށަލަ ބޯވެ، މައްސަރު ތެރޭގައި މި ފަށަލަ ހަލާކުވެ ލޭ އާދެ އެވެ. އެހެންވެ މައްސަރު ތެރޭގައި ރަހިމުގެ އެތެރެ ފަށަލައަށް އަންނަ މި ބަދަލުތައް ރަހިމުގެ ބޭރުގައި އުފެދިފައިވާ އެންޑޯމެޓްރިއަމްގެ މި ޓިޝޫތަކަށް ވެސް އަންނާނެ އެވެ. ނަމަވެސް މައްސަރު ލެއާ ހިލާފަށް މި ޓިޝޫތަކުން އަންނަ ލޭ ހަށިގަނޑުން ބޭރުވާނެ ގޮތެއް ނެތި ހަށިގަނޑުގެ ތެރޭގައި ހަރުލުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން ވަރަށް ގިނަ އުނދަގޫތަކާއި ސިއްހީ މައްސަލަތަކާ އެންޑޯމެޓްރިއޮސިސް ހުންނަ އަންހެނުން ކުރިމަތި ލާންޖެހެ އެވެ.
މަގުފަހި ކުރުވައިފާނެ ކަންތައްތައް
އެންޑޯމެޓްރިއޮސިސް ޖެހުމަށް މެދުވެރި ކުރުވާ މައިގަނޑު ސަބަބު ހޯދިފައެއް ނުވެއެވެ. އެކަމަކު މި ބައްޔަށް މަގުފަހި ކުރުވާ ކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި އުމުރުން 12 އަހަރުގެ ކުރިން މައްސަރު ކަންތައް ފުރަތަމަ ޖެހުން އަދި މައްސަރު ކަންތައް މާ އަވަސްއަވަހަށް ޖެހުން ހިމެނެ އެވެ. އަދި ދަރިޔަކު ނުހޯދުން ނުވަތަ ދަރިޔަކު ނުހޯދާ ގިނަ ދުވަސް ވުމާއި އެންޑޯމެޓްރިއޮސިސްއާ ވެސް ގުޅުމެއްވާ ކަމަށް ހޯދުންތައް ދައްކައެވެ.
މީގެ އިތުރުން މަންމަ، ބޮޑު ދައިތަ ނުވަތަ ދައްތަ ފަދަ އާއިލާގެ އެހެން މެންބަރެއްގެ ގައިގައި މި ބަލި ހުރުމަކީ ވެސް މި ބަލި ވާރުތަވެ ޖެހުމުގެ ފުރުސަތުތައް އިތުރު ކޮށްދޭ ކަމެކެވެ.
އެންޑޯމެޓްރިއޮސިސް ހުންނަ ބައެއް މީހުންގެ ކިބައިން މާ ގިނަ އަލާމާތްތަކެއް ނުފެނި ހިނގައިދާނެ އެވެ. ނަމަވެސް އަނެއްބައި މީހުންނަށް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތި ވެއެވެ.
އެންޑޯމެޓްރިއޮސިސްގެ އާންމު އަލާމާތްތައް
- މައްސަރު ދުވަސްވަރު އާދަޔާ ހިލާފަށް ބަނޑުގައި ނުވަަތަ ދަށްބަނޑުގައި ރިއްސުން
- މައްސަރު ދުވަސްވަރު އާދަޔާ ހިލާފަށް ގިނައިން ލޭ ފޭބުން
- ދެ މައްސަރު ދޭތެރޭގައި ލޭ ފެނުން
- ޖިންސީ ގުޅުން ހިންގާއިރު ތަދުވުން
- ކުޑަ ކަމުދާއިރު، ނުވަތަ ބޮޑު ކަމުދާއިރު ރިއްސުން
- ދަރިމައިވުމަށް އުނދަގޫތަކާ ކުރިމަތިވުން
- ގޭހުގެ އުނދަގޫ ކުރިމަތިވުމާއި ބަނޑު ހިކުން
- ވަރުބަލިވުން ހޮޑުލެވުމާއި ބޭރަށް ހިނގުން ފަދަ އެހެނިހެން އަލާމާތްތައް
އެންޑޯމެޓްރިއޮސިސްގެ ފަރުވާ
އެންޑޯމެޓްރިއޮސިސް އެއްކޮށް ރަނގަޅު ކުރަން ފަރުވާއެއް ނެތް ނަމަވެސް މި ބައްޔަށް ޑޮކްޓަރު ފަރުވާ ކުރައްވާނީ ބަލީގެ އަލާމާތްތަކާއި ބަލީގެ ސްޓޭޖަށް ބައްލަވައިގެނެވެ. އެންޑޯމެޓްރިއޮސިސް ހުންނަކަން ކުރީބައިގައި ދެނެގަނެވިއްޖެ ނަމަ އަލާމާތްތައް ލުއި ކޮށްދިނުމަށް އެހީތެރި ވެދޭނެ ފަރުވާތައް ހުރެއެވެ.
ހޯމޯނަލް ތެރަޕީ އަކީ އެންޑޯމެޓްރިއޮސިސްގެ އަލާމާތްތަކަށް ލުއިއެއް ގެނައުމަށް އެހީތެރިވެދޭ އެއް ފަރުވާ އެވެ. ނަމަވެސް މިއީ ދާއިމީ ހައްލަކަށް ނުވެ ދާނެ އެވެ. ހާއްސަކޮށް ދަރިމައިވުމަށް މަސައްކަތްކުރާ ފަރާތެއްނަމަ ހޯމޯނަލް ތެރަޕީއިން އެންމެ އެދެވޭ ނަތީޖާއެއް ނުލިބި އެހެން ފަރުވާއެއް ހޯދަން ޖެހިދާނެ އެވެ. އެހެނީ އޮޕަރޭޝަންއެއްގެ އެހީގައި ރަހިމުގެ ބޭރުން ރަހިމުގެ ޓިޝޫ އުފެދިފައިވާ ތަންތަނުން މި ޓީޝޫ ނެގިދާނެ އެވެ. ނަމަވެސް އެންޑޯމެޓްރިއޮސިސްގެ އެންމެ ފަހު ސްޓޭޖްތަކުގައި މިގޮތަށް އޮޕަރޭޝަންއެއް ކުރި ނަމަވެސް އޯވަރީސްއާއި ބިސް ދަތުރުކުރާ ހޮޅިކަމަށްވާ ފެލޯޕިއަން ޓިއުބް ފާރުވެ ބެދުމުގެ ސަބަބުން ދަރިމައިވުމަށް ހުރަސް އަޅާފާނެ އެވެ.
އެންޑޯމެޓްރިއޮސިސްގެ ސަބަބުން ދިމާވާ މައްސަލަތައް
މި ބަލީގެ ޝިކާރައަކަށް ވެފައިފާ ގިނަ އަންހެނުން ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރިމައިވުމަށް އުނދަގޫ ވުމެވެ. އެހެނީ ގިނަ ފަހަރު އެންޑޯމެޓްރިއޮސިސް ހުންނަކަން އެނގެނީ ވެސް ކުއްޖަކު ހޯދަން ދަތިތަކާ ކުރިމަތިވާ ހިސާބުންނެވެ. މިބަލި ހުންނަ އަންހެނުން ލަސް ނުކޮށް ދަރިން ހޯދުމަށް މަސައްކަތް ކުރުން ބުއްދިވެރި އެވެ. މީގެ އިތުރުން އެންޑޯމެޓްރިއޮސިސް ހުންނަ އަންހެނުންގެ މެދުގައި އޯވަރީސްގެ ކެންސަރު ޖެހޭ މިންވަރު ގިނަ ކަމަށް ވެސް ފާހަގަވެފައިވެ އެވެ.
އެންޑޯމެޓްރިއޮސިސް ހުންނަކަން ދެނެގަތުން މުހިންމު
އެންޑޯމެޓްރިއޮސިސްގެ ފަރުވާއަށް އެންމެ މުހިންމު ކަމަށް ވާނީ ކުރީބައިގައި މި ބަލި ހުރިކަން ދެނެގަތުމެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މި ބައްޔަކީ ދެނެގަތުމަށް އެންމެ ފަސޭހަ ބައްޔެއް ވެސް ނޫންކަމެވެ. މިހެން ބުނެވޭ އެއް ސަބަބަކީ އެންޑޯމެޓްރިއޮސިސް ގެ އަލާމާތްތަކަކީ އޭގެ ކުޑަ ބޮޑު މިން ދެނެގަތުމަށް ފަސޭހަ އަލާމާތްތަކަކަށް ނުވުމެވެ.
މިސާލަކަށް މައްސަރު ދުވަސްވަރު ބޮޑަށް ތަދުވުމަކީ އެންޑޯމެޓްރިއޮސިސް ހުންނަ މީހެއްގެ ބަލީގެ ސީރިއަސްކަން އަންގައިދޭ ކަމެއް ނޫނެވެ. މި ބަލީގެ ފަހުގެ ސްޓޭޖްތަކަށް ދާއިރު ވެސް މާ ބޮޑު އުނދަގޫތަކެއް ނުވާ ފަރާތްތައް ވެސް ތިބެއެވެ.
މީގެ އިތުރުން މިބަލި ހުރިކަން ނޭނގި ގިނަ ދުވަސްވާ އަނެއް ސަބަބަކީ ބަލީގެ އަލާމާތްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭތީ އެވެ. މިހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ މައްސަރު ކަންތަކާއި އެންޑޯމެޓްރިއޮސިސްގެ އަލާމާތްތަކާއި ގުޅިފައިވުން ކަމަށް ބެލެވެ އެވެ. ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަނީ މައްސަރު ދުވަސްވަރު މާ ބޮޑަށް ބަނޑުގައި ރިއްސުމާއި މާ ގިނައިން ލޭ އައުމަކީ އާންމު ކަމެއް ކަމުގަ އެވެ. އަދި ކޮންމެ މަހަކު މި އުނދަގޫތަކާ ކުރިމަތި ވާއިރު ތަދު ކަނޑުވާ ބޭސްތަކަށް ބަރޯސާވެ އެވެ. ނަމަވެސް ހަގީގަތުގައި އާދަޔާ ހިލާފަށް މައްސަރު ދުވަސްވަރު އުނދަގޫތަކާއި ކުރިމަތިވާ ނަމަ އަދި ކުރިން ފާހަގަ ކުރެވުނު އަލާމާތްތައް ހުންނަކަން ފާހަގަވެއްޖެ ނަމަ އެކަމަށް ސަމާލުވާންވާނެ އެވެ. އަދި ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް ވެސް މުހިންވާނެ އެވެ.
އެންޑޯމެޓްރިއޮސިސްގެ ޝިކާރައަކަށް ވެފައިވާ ގިނަ އަންހެނުން ނުހަނު ގިނަ ސިއްހީ މައްސަލަތަކާއި ވޭން ތަހައްމަލު ކުރެއެވެ. ވީމާ އެންމެ އެދެވޭ ފަރުވާއެއް ހޯދުމަށް މުހިންމީ މިބަލި ހުންނަކަން އަވަހަށް ދެނެގަތުމެވެ. އެންޑޯމެޓްރިއޮސިސްގެ އަލާމާތްތަކާމެދު ހޭލުން ތެރިވެ ސަމާލެވުމެވެ. ރަގަޅު ފަރުވާއާއެކު މިބަލި ސީރިއަސް ސްޓޭޖްތަކަށް ދިއުމުން ރައްކާތެރި ކޮށްދީ މި ބަލީގެ ސަބަބުން ދިމާވާ އިތުރު ސިއްހީ މައްސަލަތަކަށް ލުޔެއް ހޯދައި ދިނުމަށް އެހީތެރި ވެދޭނެ އެވެ.
އެޑިޓަރުގެ ނޯޓް: އާމިނަތު ނައުޝާ އަހުމަދަކީ ޒުވާން މެޑިކަލް ސުޓޫޑެންޑެކެވެ. ޖަމާލުއްދީނާއި ސީއެޗްއެސްއީގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު މެޑިކަލް ޑޮކްޓަރުކަށްވެ ވަޑައިގަތުމަށް ނައުޝާ ކިޔަވާ ވިދާޅުވަނީ މެލޭޝިޔާ އިންޓަނޭޝަލް މެޑިކަލް ޔުނިވާސިޓީގަ އެވެ. ނައުޝާއަކީ 2013 ވަނަ އަހަރު ޖަމާލުއްދީނުގެ އެންމެ މޮޅު ދަރިވަރެވެ. އޯލެވެލް އާއި އޭލެވެލްގައި ރާއްޖޭގެ އެއްވަނަ ވެސް ހޯއްދެވި ނައުޝާ ކިޔާ ވިދާޅުވަނީ ރައީސުލްޖުމްހުރިއްޔާގެ ސްކޮލާޝިޕެއްގަ އެވެ. ސްކޫލް ދައުރުގައި ވެސް ލިޔުންތެރި ކަމުގައި ފާހަގަ ކުރެވުނު ނައުޝާ ސިއްހީ ދާއިރާގެ އެކި މައްސަލަތަކާ ބަލާލައި ލިޔާ ލިޔުންތައް ކޮންމެ އާދީއްތަ ދުވަހެއްގައި ގެނެސްދޭނެ އެވެ.