ފްލެޓް ފޯމްގައި ހަމައެކަނި ނަން ޖަހާލައި ދެން ހުރި ބައިތައް ނުފުރާ ދޫކޮށްލާފައި ހުރި މީހުންނަށްވެސް މިދިޔަ ސަރުކާރުން ފްލެޓްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ފާއިތުވި ސަރުކާރުން ފްލެޓްތަށް ދިންގޮތް ބެލުމަށް ރައީސް ސޯލިހު ވަނީ ކޮމިޓީއެއް އުފައްދާފަ އެވެ. އެކޮމިޓީއިން ފާއިތުވި ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓް ލިބިފައިވަނީ ހައްގުވެރިންނައްތޯ ބެލުމާއި ގުޅިފަޅު ހައުސިން ޕްރޮޖެކްޓްގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތްތަކަކާ މެދު ކެބިނެޓަށް ލަފާއެރުވުމުގެ އިތުރުން ފްލެޓްތަކާ ގުޅޭގޮތުން ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތަށް ދަނީ ދިރާސާ ކުރަމުން އެވެ.
އެކޮމިޓީ އިން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިން ފަރާތްތަކުގެ ނަންތައް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންގެ އާއިލާތަކަށް ވަރަށް ގިނަ ފްލެޓް ލިބިފައިވާކަން ހާމަވެފައި ވެއެވެ.
އައްޑޫ، މީދޫ އަށް ވަޑައިގެން އެދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކެނޑިޑޭޓް ރޮޒައިނާ އާދަމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ރައީސް ވިދާޅުވީ، އަައްޑޫ މީދޫ ދާއިރާއިން ރޮޒައިނާ ހޮއްވަވައި ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެއީ ގެއްލިގެންދާނެ ވޯޓެއް ނޫން ކަމަށެވެ. އެޖެންޑާ 19 ތަންފީޒު ކުރުމަށްޓަކައި ރޮަޒައިނާ ފަދަ ބޭފުޅުން މަޖިލީހުގައި ތިއްބަވަންޖެހޭ ކަމަށެވެ.
"ގެއްލިފައިވާ ފައިސާ ހޯދަން އެބަޖެހޭ، މަރުތަކުގެ ހަގީގަތް ދެނެގަންނަންޖެހޭ، ފްލެޓްތައް އެގޮތް މިގޮތަށް ދީފައި އޮތް އޮތުން ބަލައި އޭގެ ހައްގުވެރި ފަރާތްތަކަށް ފްލެޓް ދޭން ޖެހޭ، ދަންނަވަންތޯ ފްލެޓްތައް ދީފައިހުރި އިރުގައި ބައެއް ފަރާތްތަކަށް އެބަހުއްޓޭ ހަމައެކަނި ފޯމްގައި ނަން ޖަހާލުމުން ފްލެޓްދީފައި،" ރައީސްް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއަކީ އެންމެ އިސްކަމެއްދޭނެ މަޝްރޫއު ކަމަށެވެ. މި ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ރައްޔިތަކުން ނުހުންނާނެ ކަމަށެވެ. އެވައުދު ފުއްދަދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފްލެޓް މައްސަލާގައި އެންމެ ބޮޑަށް އިހުމާލުވެފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތަހުގީގް ހިންގުމަށް ގޮވާލާފަ އެވެ. ނަމަވެސް މީގެ ކުރިން މުއިއްޒު ވަނީ ފްލެޓް ދިނުމުގައި އެއްވެސް ކަމެއް ގާނޫނާ ހިލާފަށް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވައުދުތައް ފުއްދުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އައްޑޫގެ ރައްޔިތުން ވަނީ ވަރަށް ބޮޑު ތާއީދަކާއެކު އެކަނިކުފާނު ހޮއްވަވާފައި ކަމަށެވެ. އަދި ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު ވާޖިބަނީ ރިޔާސީ އިންތިހާބުގައިވީ ވައުދުތައް ފުއްދުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑު ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު އެއް ވާޖިބަކީ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ތިބޭފުޅުންނަށްވީ ވައުދުތައް ފުއްދުން، އެކަން ނުކުރެވޭނެ ކަމަށް ވަންޏާ އަޅުގަނޑު މިތާ ހުރުމުގެ ބޭނުމެއްނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ވައުދުތައް ފުއްދުމުގެ މަސައްކަތް ބާރަށް ކުރަމުން ކަމަށެވެ. ދަތިތަކާއި އުނދަގޫތަކެއްވެސް އެބަހުރި ކަމަށާއި ނަމަވެސް އެކަމަކީ ވައުދު ނުފުއްދޭނެ ކަމަށް ދައްކާނެ އުޒުރެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އޭރު ދެއްކީން ރާއްޖޭގެ ދައުލަތުގެ މާލިއްޔަތުން ވަގަށް ނަގާފައިވާ ފައިސާ ހޯދާ ވާހަކަ، ނޭންގޭ ގޮތަށް ގެއްލިފައިވާ، މަރާލެވިފައިވާ މީހުން ހޯދައި ހާމަކުރާ ވާހަކަ، އަޅުގަނޑުމެން ދެއްކީން ޖުޑީޝަރީ އިސްލާހުކުރާ ވާހަކަވެސް، އަޅުގަނޑުމެން ދެއްކީން ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހަދަންޖެހޭ ވާހަކަ، މިއަދު އައިސް މިތިބި ހިސާބުން މިޖެހެނީ މިކަންތައްތައް ކުރުމަށްޓަކައި ބަދަލުތަކެއް ރައްޔިތުންގެ މަޖިލީހަށް ގެންނަން، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ތާއީދު ސަރުކާރަށްނެތި މިދެންނެވި ކަންތައްތައް ކުރުން މިވަނީ އުނދަގުލަކަށްވެފަ، ދަތިތަކަކަށްވެފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އޭރު ވައުދުވެފައިވާ ގޮތުން ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރި މީހުން ހޯދާނެ ކަމަށާއި އެކަން ހުއްޓާ ނުލާނެ ކަމަށެވެ. އެފައިސާ ވަގަށްނެގި މީހުންނާއި ހިސާބަށް ގާނޫނު އަރާ ހަމަކުރަންޖެހޭ ކަމަށެވެ. އެކަންކަން ހާސިލް ކުރުމަށްޓަކައި އެކަންކަމަށް ތާއީދުކުރާ މެންބަރުން މަޖިލީހުގައި ތިއްބަވަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އައްޑޫ މެގަ ޕްރޮޖެކްޓް ފެށިގެންދާއިރު، އައްޑޫ ސިޓީގެ ރަށްތަކަށް ވަރަށް ގިނަ ކަންކަން ކުރެވިގެންދާނެ ކަމަށެވެ. މިއަހަރުގެ ބަޖެޓްގައިވެސް މީދޫގެ ތަރައްގީއަށް ބަޖެޓްގައި ކަންކަން ހިމެނިފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން މީދޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ބިޑަށްލެވި އެކަން ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި ލަސްތަކެއްނުވެ އެކަން ފެށިގެންދާނެ ކަމަށެވެ. އަދި ގިރާ ސަރަހައްދުގެ ސްޓަޑީއެއް މިއަހަރު ހެދި، ރަނގަޅަށް އެތަން ރައްކާތެރި ކުރެވޭނެ ކަމަށެވެ. އަދި ބީޗްގެ ބޭނުން ރަނގަޅު ގޮތުގައި ކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.