އިންޑިއާއާ ޕާކިސްތާނާއި ދެމެދު އުފެދިގެން އުޅޭ މައްސަލަ، ސޯޝަލް މީޑިއާގައި ދައުރުކުރާ "ފޭކު" ހަބަރަތަކުގެ ސަބަބުން އިތުރަށް ހޫނުވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެފި އެވެ.
އެފަދަ ފޭކު ހަބަރުތަކާއި ގުޅިގެން، މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދާނެ އިންޑިއާގެ އާންމު އިންތިހާބުގެ ސައްހަ މައުލޫމާތު ހޯދުމުގައި މީޑިއާތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެކަމަށް ގިނަ ނޫސްވެރިންވެސް ގަބޫލުކުރެ އެވެ.
އިންޑިއާގެ 1.3 ބިލިއަން އާބާދީގައި 460 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރާއިރު، ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ފެތުރޭ ފޭކު ހަބަރުތަކުގެ ސަބަބުން މީހުން މެރުމާއި، ހަމަނުޖެހުން އުފެއްދުމުގެ މައްސަލަ ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
ކަޝްމީރު މައްސަލާގައި ޒަމާނުއްސުރެ އިންޑިއާއާ ޕާކިސްތާނާއި ދެމެދު އޮންނަ ނުތަނަވަސްކަމުގެ ތެރެއިން، ދޮގު ހަބަރުތައް ބާރު ދުވެލީގައި ދަނީ ފަތުރަމުންނެވެ. ދާދި ފަހުން ރަޝިއާގެ އަސްކަރީ ހަތިޔާރުތަކުގެ ފޮޓޯތަކެއް، އިންޑިއާގެ އަސްކަރިއްޔާގެ ބާރު ދެއްކުމަށް ބޭނުންކުރަމުންދިޔަ އިރު، ޕާކިސްތާނުގެ އަސްކަރީ ޓޭންކުތައް އިންޑިއާ އާގުޅޭ ބޯޑަރު ސަރަހައްދަށް ދަނިކޮށް ނަގާފައިވާ މަންޒަރުތަކެއް ވެސް މުޅި ސޯޝަލް މީޑިއާ ބިރުގަންނަވާލި އެވެ. ނަމަވެސް، އެ މަންޒަރުތަކަކީ މީގެ ދެ އަހަރު ކުރިން ރެކޯޑުކޮށްފައި މަންޒަރުތަކެއް ކަން ފަޅާ އެރީ މާފަހުންނެވެ.
އެފަދަ ފޭކު ހަބަރުތައް ބޭނުންކޮށްގެން، ދެފަރާތުގެ ސިޔާސީ ބޭފުޅުން މައްސަލަ އިތުރަށް ހޫނުކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައްވެސް ވަނީ އިތުރުވެފައި އެވެ.
އިންޑިއާގެ އާންމު އިންތިހާބާއި ދިމާކޮށް މި މައްސަލަ އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވޭއިރު، ރައްޔިތުންނާއި ހަމައަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް މީޑިއާތައް ވެސް ވަނީ ނުކުޅެދިފައި އެވެ.