ބޭރު ކުޅިވަރު

ވޯލްޑް ކަޕް ބާއްވާ ރަޝިޔާގައި ފުޓްބޯޅައިގެ މަގުބޫލުކަން ދަށަށް

Jul 7, 2015

ވޯލްޑް ކަޕް 2018 ވަނަ އަހަރުގެ ބާއްވާ ގައުމު ރަޝިޔާގައި ފުޓްބޯޅައިގައި މަގްބޫލުކަން ރެކޯޑް އަދަދަކަށް  ދަށްވެއްޖެ އެވެ.

ސަރުކާރުން ހިންގާ ޓީވީ ޗެނަލަކުން މިދިޔަ ޖޫން މަހު 1600 ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރި ދިރާސާ އަށް ފަހު އިއްޔެ އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރަޝިޔާގެ 73 ޕަސެންޓް މީހުން ފުޓްބޯޅައާ މެދު ޝައުގުވެރިކަން ނެތް ކަމަށެވެ. މި ނިސްބަތް މީގެ 10 އަހަރު ކުރިން ހުރީ 43 ޕަސެންޓްގަ އެވެ.

ފުޓްބޯޅައާ ހެދި އުޅެނީ ރަޝިޔާގެ އެންމެ އަށް ޕަސެންޓް މީހުންނެވެ. މިއީ މިދިޔަ ވޯލްޑް ކަޕުގެ ދުވަސްވަރާ އަޅާބަލާއިރު މަދު އަދަދެއްވެސްމެ އެވެ.

ވޯލްޑް ކަޕް އޮގަނައިޒް ކުރުމުގައި އިސްކޮށް އުޅުއްވާ ރަޝިޔާގެ ސްޕޯޓްސް މިނިސްޓަރު ވިޓަލީ މުޓްކޯ ވިދާޅުވީ ފުޓްބޯޅައިގެ މަގުބޫލުކަން ދަށްވަނީ ރަޝިޔާ ލީގުގައި ތަޅާފޮޅުން ބޮޑުވުން ފަދަ ކަންތައްތަކުން ކަމަށެވެ.

"ފުޓްބޯޅައިގެ މަގުބޫލުކަން އެހާ ބޮޑެއް ނޫން މިހާރު،" މިނިސްޓަރު ވިދާޅުވި އެވެ.

ރަޝިޔާގައި ފުޓްބޯޅައިގެ މަގުބޫލުކަން ދަސްވެފައިވާއިރު އެ ގައުމުގެ ސްޓޭޑިއަމްތަކަށް މެޗު ބަލަން ވަންނަ މީހުންގެ އަދަދު ވެސް ވަނީ ފާއިތުވެދިޔަ 19 އަހަރު ދަށަށް ނުދާ ވަރަށް ދަށްވެފަ އެވެ. އަދި މިހާރުގެ ގައުމީ ކޯޗު އިޓަލީގެ ފަބިއޯ ކަޕޭއްލޯ މަގާމުގައި ހުރުމަށް 53 ޕަސެންޓް މީހުން ބޭނުމެއްނުވެ އެވެ.

ރަޝިޔާގައި ތަޅާފޮޅުމާއި ހަމަނުޖެހުން ބޮޑުވުމުން ބައިނަލް އަގްވާމީ ފުޓްބޯޅަ މެޗުތައް ކުޅުމަށް ވެސް ދަތިވެ އެވެ. އަދި މުސާރައިގެ މައްސަލާގައި ކޯޗާއި އެސޯސިއޭޝަނާ ދެމެދު ވެސް މައްސަލަ ވަނީ ގޯހުންގޯހަށް ގޮސްފަ އެވެ.