ކުޅިވަރު

އާއްކޮ ދަ ގްރޭންޑޭއަށް ސޮއި ކޮށްފި!

މިދިޔަ ތިން އަހަރު މާޒިޔާއަށް ކުޅުނު، ވިންގާ އަހްމަދު އިމާޒު 'އާއްކޮ' ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ދަ ގްރޭންޑް ސްޕޯޓްސް ކުލަބަށް ސޮއި ކޮށްފި އެވެ.

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ދަ ގްރޭންޑޭއިން ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަގީންކުރި ފަހުން، އެ ޓީމުން ދަނީ ފުރަތަމަ ޑިވިޝަނަށް ހާއްސަ ޕްލޭނެއްގެ ދަށުން ތައްޔާރު ވަމުންނެވެ.

މިދިޔަ މަހު ނިމިގެން ދިޔަ، ޔޫތު ޗެމްޕިއަންޝިޕްގައި ވެސް ވާދަ ކުރި، ދަ ގްރޭންޑޭ ޓީމުގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ގިނަ އެވެ. އާ ސީޒަނަށް ތައްޔާރު ވުމަށް އެ ޓީމުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ، ތަޖުރިބާކާރު ކޯޗް އިސްމާއީލް މަހްފޫޒް 'އިންމަ' އެ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސުމެވެ.

ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކުރި، އިންމަ ވަނީ، މާޒިޔާއިން ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރިއިރު އެ ޓީމުގައި ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ. ޒުވާން ކުޅުންތެރިންނާއެކު ނިކުމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕު މާޒިޔާއަށް ހޯދައިދިފަ އެވެ.

އާއްކޮ، ދަ ގްރޭންޑޭއަށް ސޮއި ކުރީ ތިން އަހަރު ދުވަހަށެވެ. މާޒިޔާގައި ހޭދަ ކުރި ތިން އަހަރުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މާޒިޔާގައި އޭނާގެ ކުޅުން އެންމެ ފަނޑުކޮށް ފެނުނީ 2017 ވަނަ އަހަރު މެދު ތެރޭގަ އެވެ. އެކަމާ ގުޅިގެން ގައުމީ ޓީމުގެ ޖާގަވެސް އޭނާއަށް ގެއްލުނެވެ.

އެހެންނަމަވެސް، މިދިޔަ އަހަރު އަލުން ކުޅުން ރަނގަޅުކޮށް، ސާފް ޗެމްޕިއަންޝިޕަށް ދިޔަ ގައުމީ ޓީމުގެ ސްކޯޑުގައިވެސް އާއްކޮ ވަނީ ހިމެނިފަ އެވެ. ހދ. ނޭކުރެންދޫއަށް ނިސްބަތްވާ ކުޅުންތެރިޔާއަކީ، އަރިމަތިން ސްޕީޑް ބާރު ހަލުވި ކުޅުންތެރިޔެކެވެ.