ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލިސް ހިންގާފައިވަނީ ވައުދުވީ ގޮތަކަށް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ މިއަދު އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ވޯޓު ދިނީ ރިޔާސީ އިންތިހާބުގައިވީ ވައުދުތައް ފުއްދުމަށް ކަމަށެވެ. އެއީ އެކުގައި މަސައްކަތްކޮށްގެން ފުއްދަން ޖެހޭ ވައުދުތަކެއް ކަމަށެވެ.
އެހެންނަމަވެސް މަޖިލީހުން ފެންނަނީ އެ މަންޒަރު ނޫން ކަމަށް ކަންބޮޑުވުމާއެކު، ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވިއިރު، އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ވަނީ މަޖިލީހުގައި ފާސްނުވެ ތާށިވެފަ އެވެ. ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ ވެރިކަމުގެ ވަރަށް ކުރީކޮޅު އެވެ.
ނަމަވެސް މިދިޔަ އަހަރު މަޖިލިސް ނިންމާލައި ޗުއްޓީއަށް ދިޔައީ ބިލް ފާސްނުކޮށެވެ. އޭގެ ފަހުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެކަމަކު އެ ޖަލްސާ ބޭއްވުމަށް މެންބަރުން ބޭނުމެއް ނުވި އެވެ. އަލުން މަޖިލިސް ފެށުނު ފަހުން ވެސް ދެ ފަހަރެއްގެ މަތިން އެ ބިލަށް ވޯޓަށް އަހަން ތާވަލުކުރި އެވެ. އެކަމަކު މެންބަރުން ހަމަނުވެގެން ވޯޓަށް ނޭހުނެވެ.
އޭގެފަހުން ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ވޯޓާ ވެސް އެކު، އެ ބިލް އަނބުރާ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާލާފަ އެވެ. އެއީ ކޮމިޓީ ރިޕޯޓްގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ބައެއް މެންބަރުން ޝަކުވާކޮށްފައިވާ ކަމަށް ވިދާޅުވެ އެވެ. ގާސިމް އެހެން ވިދާޅުވުމުން ކޮމިޓީގެ އޭރުގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ. މިހާރު އެ ކޮމިޓީގެ މުގައްރިރު ކަމުން ރޮޒައިނާ ވަނީ ވަކިވެވަޑައިގެންފަ އެވެ. މިހާރު އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ރިޔާޒު ރަޝީދެވެ.
ގޮތް ނޭނގޭ މަރުތަކާއި ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަން ބެލުމަށް ރައީސް ސޯލިހު އެކުލަވާލެއްވި ކޮމިޝަންތަކަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެ ކޮމިޝަންތައް އެމަނިކުފާނު އުފެއްދެވީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބުގައިވީ ވައުދުތައް އޮތީ އޮތްތާ ކަމަށާއި އެކަން ފުއްދުމަށް މަޖިލީހުގެ ތެރެއިން އެއްވެސް މަސައްކަތެއްކޮށް ނުދެއްވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ހުންނެވީ ވައުދުތައް މަތީ ކަމަށް ވިދާޅުވި އެވެ.
އަންނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމުގެ މުހިންމުކަން ވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. ރައީސް ސޯލިހު ވިދާޅުވީ އެހެން ނުވެއްޖެނަމަ ރައްޔިތުންގެ ފައިސާތަކެއް އިސްރާފުވެ، ކަންކަން ހާސިލްކުރުން ލަސްވެގެންދާ ކަމަށެވެ.