ހަބަރު

ޔާމީންގެ 32 ކެންޑިޑޭޓަކަށް ޖޭޕީއިން ތާއިދުކުރާކަން ހާމަކޮށްފި

Mar 9, 2019
8

ކުރީގެ ރައީިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހަށް ނުކުންނަވާ 32 ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީ، ޖޭޕީގެ ތާއިދު އޮންނާނެކަން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ހާމަ ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީއިން ޖުމްލަ 51 ދާއިރާއަށް ވާދަކުރާއިރު އޭގެ ތެރެއިން 37 ކެންޑިޑޭޓުންނަށް ރައީސް ޔާމީންގެ ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަން ވެސް ވަނީ ތާއިދުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީއިން ތާއިދުކުރަން ނިންމާފައިވާ ބައެއް ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ހިމެނެ އެވެ.

ގާސިމް އިބްރާހިމް މިރޭ ވިދާޅުވީ އެގޮތަށް އެއްބަސްވެފައިވަނީ މަޖިލިސް އިންތިހާބުގައި ދެ ފަރާތަށް ވެސް ވީއެންމެ ގިނަ ގޮނޑިތަކެއް ހޯދުމަށް ބޭނުންވާތީ ކަމަށެވެ. އެގޮތަށް މަޝްވަރާ ކުރެވި އެއްބަސްވީ ރައީސް ޔާމީން ޖަލަށް ގެންދިޔުމުގެ ކުރިންކަން ވެސް ފާހަގަކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީއިން ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެންޑިޑޭޓަކަށް ތާއިދުކުރާއިރު އެ ޕާޓިއިން ވެސް 14 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެ އެވެ. އޭގެ ތެރެއިން މަޑުއްވަރީ ދާއިރާ ފާހަގަކޮށްލެވެ އެވެ. އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާދަ ކުރައްވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން މިހާރުގެ ވެސް މެންބަރު މުހައްމަދު އަމީތު ވާދަ ކުރައްވަ އެވެ.