ލައިފްސްޓައިލް

މި ބަންދުގައި މި 10 ކަންތައް ކުރަމާ!

ސްކޫލް ބަންދަށް ހަފުތާއެއް ލިބުމަކީ އުފަލެކެވެ. ކުދިންނަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ފޯރުކޮށްދޭން މައިންބަފައިން ވެސް ވަރަށް މަސައްކަތް ކުރެ އެވެ. ބައެއް މައިންބަފައިން އެމީހުންގެ ކުދިން ތަފާތު އެކި އެކި ކްލާސްތަކުގައި އެންރޯލްކޮށްލަ އެވެ. އަކުރު އެޅުމާއި ދަސްކުރުމާއި ޓިއުޝަނެވެ. އަނެއް ބަޔަކު ހިޔާރު ކުރަނީ އާޓް އަދި ކްރާފްޓް ކްލާސްތަކާއި ބޭކިން ކްލާސް ނުވަތަ ކޮންމެވެސް އެހެން ކަމެއް ދަސްކޮށްދޭ ކްލާސްތަކެވެ. ބައެއް ބެލެނިވެރިންގެ އަތްމަތި ދަތިވުމުގެ ސަބަބުން މީގެ އެއްވެސް ކްލާހަކަށް ކުއްޖާ އެންރޯލް ނުކުރެވެ އެވެ. މިފަދަ ބެލެނިވެރިންނަށް ވެސް ގޭތެރޭގައި އާއި ބޭރުގައި ކުއްޖާއަށް ކުޅެލައި މަޖާކޮށްލާ ހަދާލުމުގެ ފުރުސަތު ހޯދައި ދެވިދާނެ އެވެ.

1
 

ފިލްޑް ޓްރިޕް ހުޅުމާލޭ ސެންޓްރަލް ޕާކަށް

ގަނޑަކާއި ކްލިޕް ބޯޑެއް އަދި ފަންސޫރެއް ހިފައިގެން ހުޅުމާލެ ސެންޓްރަލް ޕާކަށް ދަރިފުޅު ގޮވައިގެން އެއް ދުވަހު ޖައްސާލަށެވެ. އަދި މަސައްކަތު ޝީޓެއް ގޮތުގައި ފެންނަ އެއްޗިހީގައި ފާހަގަ ޖަހަން ހަވާލު ކުރާށެވެ. ނުވަތަ ފެންނަ މަތިން ދާ ބޯޓު އަދަދު ލިޔުމަށް ހަވާލު ކުރާށެވެ. މިއީ އުމުރުން 3 އަހަރާއި 7 އަހަރު އުމުރު ފުރައިގެ ކުދިންނަށް މަޖާވާނެ ވެސް އެކްޓިވިޓީ އެކެވެ.

ހަތް އަހަރާއި 10 އަހަރުގެ ކުއްޖެއްނަމަ ފެންނަ އެއްޗެހީގެ ސްޕެލިން ލިޔަން ދަސްކޮށް ދޭށެވެ. އަދި 10 އަހަރާއި 15 އަހަރާއި ދެމެދު ކުދިންނަށް ޕާކުގައި ވަގުތު ހޭދަ ކުރުމުން އެކުދިންގެ އުފާވެރި ހަނދާންތަކާއި އިހުސާސްތަކާއި އެކި އުއްމީދުތަކުގެ އިތުރުން ޑޫޑުލް ކުރަން ހަވާލު ކުރެވިދާނެ އެވެ. މިއީ ހައްތަހާވެސް ކުދިން ސްކްރީންތަކާއި ދުރުކޮށް ޕާކެއްގައި ކޮށްލެވިދާނެ ކަންކަމެވެ.

2
 

ރީތި މޫދުން ކުދިންނަށް ހިނިތިންވުން ގެނެސްދީ

ކޮންމެވެސް އެއް ދުވަސް އެއީ ކުދިންނާއެކު މޫދަށް ދާ ދުވަސްކަމަށް ނިންމާ ކުދިން ގޮވައިގެން މޫދަށް ދިއުމަކީ ވެސް ކުރެވިދާނެ ކަމަކެވެ. ވަރަށް ގިނަ ކުދިންނަކީ މޫދަށް އެރޭ ހިތްވާ ކުދިންނަށް ވުމުން އެ ކުދިންނަށް މި އުފާ ހޯދައިދޭށެވެ. މޫދަށް ގޮސް ފަތަން ދަސް ކޮށްދިނުމަށް މަސައްކަތް ކުރާށެވެ. އަދި މޫދު ދެކެ ބިރުގަންނަ ނަމަ މި ބިރު ކަނޑުވަން މަސައްކަތް ކުރާށެވެ. މިއީ ވެސް މި ޗުއްޓީގައި މަޖާގޮތަކަށް ދަރިފުޅާއެކު ވަގުތު ހޭދަކޮށްލެވިދާނެ ގޮތެކެވެ.

މީގެ އިތުރުންވެސް މޫދަށް ގެންދާއިރު ގޮނޑުދޮށަށް ކުނިނޭޅުމާއި ޕްލާސްޓިކްގެ ސަބަބުން ކަނޑުތަކާއި ފަރުތަކުގެ ދިރުމަށް ލިބޭ ގެއްލުމަށް ކުދިން ހޭލުންތެރިކުރުމަށް ވާހަކަ ދައްކާ ބީޗް ކްލީން އަޕެއްވެސް ޖެއްސިދާނެ އެވެ.

3
 

އާޓް އެންޑް ކްރާފްޓް ޕްރޮޖެކްޓެއް

ހުސް ފޮށިގަނޑަކުން ކޮންމެވެސް ކަހަލަ ރޮކެޓް ޝިޕެއް ނޫނީ ކާސަލްއެއް ކަހަލަ އެއްޗެއް ހެދުމަށް އެ ކުދިންނާއެކު މަސައްކަތް ކުރާށެވެ. އެކީގައި ކުއްޖާ ޝައުގުވެރިވާ ކަހަލަ އެއްޗެއް ހެދުމަށް ވަގުތު ހޭދަކޮށް މަސައްކަތް ކުރާށެވެ. އޭރުން އެ އެއްޗެއް ހެދުމަށް އަދި ޕްރޮޖެކްޓް ނިންމުމަށްފަހު ނަތީޖާ ހޯދުމަށް ހޭދަވާ ވަގުތުގައި ދެމީހުންގެ މެދުގައި އެކި އެކި ވާހަކަ ދެއްކި އެތައް އާ ކަމެއް ކުއްޖާއަށް ދަސްކޮށްދެވިދާނެ އެވެ. އުމުރާއި އެކަށީގެންވާ ކަހަަލަ އެކި އެކި ކްރާފްޓް ހެދުމަށާއި ކުރަހާ ކުލަޖެއްސުމަށް މޭޓިރިއަލް ހޯދައި ދީ ވަގުތު ހަމަޖައްސައިދެވިދާނެ އެވެ.

4
 

ކެއްކުން

ދަރިފުޅާއި އެއްކޮށް އެއްދުވަހުގެ ކޮންމެވެސް އެއް ގަޑިއެއްގައި ކައްކަން ވެސް މަސައްކަތް ކުރެވިދާނެ އެވެ. މިއީވެސް ކުދިން ގަޔާވާނެ ކަމަކެވެ. އަދި ކަޕްކޭކް ނުވަތަ ޕިއްޒާ ފަދަ އެއްޗެއް ތައްޔާރުކުރުމަށް ވެސް ވަގުތު ހުސް ކުރެވިދާނެ އެވެ. ކެއްކުމުގައި ކުދިން ޝާމިލު ކުރުމަކީ ސިއްހަތަށް ފައިދާހުރި ކާނާ ހިޔާރު ކުރުމަށް އެކުދިން ބާރުއަޅުވައިދޭ ވެސް ކަމެކެވެ. އަދި ކެއްކުމުގައި ރެސިޕީ ބެލުމަށާއި ރެސިޕީއާއި އެއްގޮތަށް ކާނާ ތައް ކުދިންނަށް ދަސް ވެއެވެ.

5
 

ކުތުބުހާނާއަށް ގެންދިއުން

ކުދިންގެ ކިބައިގައި ފޮތް ކިޔުމުގެ އާދާ އަށަގަނުވުމުގެ ގޮތުން އެ ކުދިން ގޮވައިގން ކުތުބުހާނަތަކަށް ގިނައިން ޒިޔާރަތް ކުރަންވީ އެވެ. އަދި އެކި އެކި މައުލޫގެ ފޮތްތައް ކިޔުމުގެ އާދަ ހަރުއްލަވާ ސްކޫލް ބަންދުގައި ވީހާވެސް ގިނަ ފޮތްތައް ކިޔުމަށް ބާރު އަޅަންވީ އެވެ. މިއީ ކުއްޖާގެ ބަސްކޮށާރު މުއްސަންދިވުމާއި މައުލޫމާތު މުއްސަންދިވާނެ ކަމެކެވެ.

6
 

ދާރުލް އާސާރަށް ގެންދިއުން

ރާއްޖޭގެ ތާރިހާއި ސަގާފަތަށް ކުއްޖާ ހޭލުންތެރި ކުރުމުގެ ގޮތުން ދާރުލް އާސަރަގެން ގޮސް އެ ތަނުން ފެންނަ އެއްޗެހި ކިޔައިދީ ދިވެހި ތާރީހީ ކަން ކަމަށް ކުއްޖާގެ ހޭލުންތެރި ކުރުމަށާއި ހިތްޖެއްސުމަށް މަސައްކަތް ކުރެވިދާނެ އެވެ. މިއީ ދިވެހި ސަގާފަތާޢި އާދަކާދަ ތަކާއި ގުޅޭ އެތައް ވާހަކައެއް ކުއްޖާއާ ދެއްކުމަށް ފުރުސަތު ހުޅުވާލެވޭ ކަމަކަށްވާނެ އެވެ.

7
 

ބިނާތަކާއި މިސްކިތްތަށް ދައްކާ މައުލޫމާތު ދިނުން

މާލޭގެ ނުވަތަ ރަށުގައި ނަމަވެސް ޗުއްޓީ ހޭދަ ކުރާނަމަ މުހިއްމު ބިނާތައް ދައްކާ އެ ކުދިންނަށް އެތަންތަނާއި ގުޅޭ މައުލޫމާތު ދެވިދާނެ އެވެ. މިއީ ކުރަން ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ. އޭގެ ސަބަބުން ގިނަ ފައިދާތަކެއް ހަޔާތަށް ކުރާނެ ކަމެކެވެ.

8
 

ދުވެލަން ދުވާ ޓްރެކަށް ދިއުން

ސްކޫލްގައި ކުދިން ގިނަ ވަގުތު ތިބެނީ ކްލާސްރޫމެއްގައި ބަންދުވެފަ އެވެ. ޗުއްޓީވުމުން ކުދިންނަށް ދުވެ ހަދާލަން ރަނގަޅަށް ދުވާ ބޫޓަކަށް އަރުވާލައި ފެންފުޅިއެއް ހިފައިގެން ދުވާ ޓްރެކަށް ގޮސް އެ ކުދިންނާއެކު ކަސްރަތެއް ކޮށްލަން ނުވަތަ ދުވެލައިގެން ވެސް އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެ އެވެ.

9
 

ބައިސްކަލް ދުއްވަން ދަސްކޮށްދިނުން

ބައިސްކަލް ދުއްވަން ދަރިފުޅަށް ދަސްކޮށް ދިނުމުގެ މަސައްކަތް ވެސް މި ބަންދު ތެރޭ ފަށަން ވެސް ސަޅިވާނެ އެވެ. އަދި މި ކަމަކީ ކުދިންގެ ކުޑައިރުގެ ހަނދާންތަކުގެ ތެރޭގައި ރައްކާކުރެވިގެން ދާނެ މުހިއްމު ބޮޑު ކަމަކަށް ވެސް އެކުދިންނަށް ވެގެން ދާނެ ކަމެކެވެ.

10
 

ފަންޏެއް ކޮކާލަކަށް ބަދަލުވާ މަންޒަރު ބެއްލުން

ލައިފް ސައިކަލްއާ ބެހޭ މައުލޫމާތު ކުއްޖާއަށް ދިނުމަށް ބޭނުންނަމަ ކޮކާ ފަންޔެއް ހޯދައިގެން އެ ފަނިން ކޮކާލަކަށް ބަދަލުވާ މަންޒަރު ބަލާލުމަކީ ވެސް ޝައުގުވެރިވާނެ ކަމެއް ކަން ޔަގީންނެވެ.

11
 

އިރު އަރާ އޮއްސޭ މަންޒަރު ބަލަން ދިއުން

ބޮޑެތި މީހުންނެކޭ އެއްގޮތަށް އިރުއަރާ އޮއްސޭ މަންޒަރު ބެލުމަކީ ކުޑަކުދިންނަށް ވެސް ޝައުގުވެރިވާ އަދި ހިތްގައިމު މަންޒަރަކަށްވާނެ އެވެ. މި މަންޒަރު ދައްކާލުމަށް ކުދިން ގޮވައިގެން ދިއުން ވެސް ވަރަށް ސަޅިވާނެ އެވެ. އަދި އުޑުމައްޗަށް އަރާ ދޯދިތަކާއި ރަތްވިލާތަކުގެ ރީތި މަންޒަރު ފަހުން ކުރަހައި ފެންކުލަ ޖެއްސުމަށް ވެސް ވަގުތު ހޭދަ ކުރެވިދާނެ އެވެ.

މި ލިސްޓުގައި ހިމެނޭ ކަންކަން ނޫން އެތައް ކަމެއްވެސް ކުރެވިދާނެ އެވެ. ކުދިން ރަނގަޅު ގޮތުގައި ހެދިބޮޑުވުމަށް ބޭނުންވަނީ މައިންބަފައިން އަޅާލުމާއި ލޯތްބެވެ. މި ބަންދު ތެރޭގައި ވެސް ކުދިންނާއި އެކު ރަނގަޅު ގޮތުގައި ވަގުތު ހޭދަކޮށް އެކުދިންނަށް އުފާވެރިކަން ގެނެސްދޭން މަސައްކަތް ކުރާށެވެ. އެކުދިން އަބަދު ކުޑަކުދިންތަކެއް ގޮތުގައި ނުތިބޭނެކަން ދަންނާށެވެ. ވީހާވެސް ވަރަކުން މިހާރު އެކުދިންނާއި އުފާވެރި ޅަފުރާއެއް ހޯދައި ދެވޭތޯ މަސައްކަތް ކުރާށެވެ.