ބޭރު ކުޅިވަރު

އެތްލެޓިކޯގެ ތުރާން ބާސެލޯނާ އަށް

Jul 7, 2015

އެތްލެޓިކޯ މެޑްރިޑުގެ މިޑްފީލްޑަރު އަރްދާ ތުރާން ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ތުރުކީ މިޑްފީލްޑަރު ސްޕޭނުގެ ޗެމްޕިއަން ޓީމަށް ސޮއިކުރީ 24 މިލިއަން ޕައުންޑަށެވެ. ނަމަވެސް ބާސެލޯނާއިން ބުނަނީ އޭނާ ގަންނަން ހޭދަވާ ޖުމުލަ 29 މިލިއަން ޕައުންޑަށް އަރާނެ ކަމަށެވެ.

ނަމަވެސް މިވަގުތު ވަގުތީ ކޮމިޝަނެއްގެ ދަށުން ހިންގަމުން އަންނަ ބާސެލޯނާގެ އާ ރައީސަކަށް މި މަހުގެ 18 ވަނަ ދުވަހު އިންތިޚާބުވާ ރައީސަކަށް ތުރާން އަލުން އެތްލެޓިކޯ އަށް ވިއްކާލެވިދާނެ އެވެ. އެއީ އޭނާ ގަތުމަށް ހޭދަކުރި އަދަދުގެ 10 ޕަސެންޓް ކުޑައަގެއްގައި ވިއްކާލެވިދާނެ ކަމަށް ކޮންޓްރެކްޓްގައި މާއްދާއެއް ހިމަނާފައިވާތީ އެވެ.

މި ގޮތަށް ހެދީ ދެ ސަބަބަކާ ހެދި އެވެ. އެއް ކަމަކީ އަންނަ އަހަރުގެ ކުރިން ބާސެލޯނާ އަށް މިހާރު ޓީމުގައި ތިބި ކުޅުންތެރިން ފިޔަވައި އިތުރު އެއްވެސް ކުޅުންތެރިއަކު ލައްވައި ނުކުޅެވޭނެތީ އެވެ. އެއީ 15 އަހަރުން ދަށުގެ ކުޅުންތެރިން ލައްވައި ގަވާއިދާ ހިލާފަށް ސޮއިކުރުވި މައްސަލާގައި މިދިޔަ އަހަރު ފީފާއިން ބާސެލޯނާ އަށް އާ ކުޅުންތެރިން ރަޖިސްޓްރީ ކުރުން ސަސްޕެންޑްކޮށްފައިވާތީ އެވެ.

އަނެއް ސަބަބަކީ ކުލަބުގެ އާ ރައީސަކަށް ހޮވޭ ބޭފުޅަކު ތުރާން ބޭނުންނުވެދާނެ ކަމަށް ބަލައިފަ އެވެ. ހާއްސަކޮށް ކުރީގެ ރައީސް ހުއާން ލަޕޯޓާ މިހާރު ވެސް ދަނީ އޭނާ ހޮވިއްޖެނަމަ ޔުވެންޓަސްގެ ޕައުލް ޕޮގްބާ ގެންނާނެ ކަމަށް ވައުދުވަމުންނެވެ.

ތުރުކީގެ ގައުމީ ޓީމަށް 81 މެޗު ކުޅެދީފައިވާ ތުރާން ވަނީ ހުސްވި ސީޒަނުގައި 32 މެޗު ކުޅެ 22 ގޯލު ޖަހާފަ އެވެ. ތުރުކީގެ ގަލަޓަސަރާއީން 2011 ވަނަ އަހަރު އެތްލެޓިކޯއާ ގުޅުނު ތުރާން ބާސެލޯނާ އަށް މި ބަދަލުވީ އޭނާ ގަތުމަށް އިނގިރޭސިވިލާތުގެ ޗެލްސީން ވެސް މަސައްކަތް ކުރަމުންދަނިކޮށެވެ.

ހުސްވި ސީޒަނުގައި ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ބާސެލޯނާއިން ވަނީ ސެވިއްޔާގެ އެލްކެސް ވިދާލް ވެސް ގެނެސްފަ އެވެ.