ދުނިޔެ

ޖަޕާނުގެ ފެރީއެއް ބޮޑު މަހެއްގައިޖެހި 80 މީހަކަށް އަނިޔާ

Mar 10, 2019
1

ޖަޕާނު ކަނޑުގައި ދުއްވާފައި ދިޔަ ޕެސެންޖާ ފެރީއެއް ބޮޑު މަހެއްގައި ޖެހި 80 މީހަކަށް އަނިޔާވެއްޖެ އެވެ.

ޕެސެންޖާ ފެރީ އޮޕަރެޓް ކުރާ، ސަޑޯ ސްޓީމް ޝިޕް ކުންފުނިން ބުނީ ޖަޕާނުގެ ނިއަގާތާ ބަނދަރުން އެ ގައުމުގެ ސަޑޯ ނަމަކަށް ކިޔާ ރަށަކަށް ދަތުރު ކުރަމުން ދިޔަ ހައި ސްޕީޑް އެ ފެރީގެ ފަހަތްކޮޅުގައި، "އެއްޗެއް" ޖެހުމުގެ ސަބަބުން ފެރީގެ ފަހަތް ކޮޅުން 15 ސެންޓިމީޓަރުގެ ތަންގަނޑެއް ވަނީ ފަޅައިގެން ގޮސްފަ އެވެ. މީގެ އިތުރުން އިންޖީނުގެ އެއް ބުރަފަތި ވެސް ވަނީ ހަލާކުވެފަ އެވެ. އެ ފެރީ ބެލި މެރިން އެކްސްޕާޓުން ޔަގީންކަން ދެނީ، އެ ފެރީ ޖެހިފައި ވަނީ ބޮޑުމަހެއްގައި ކަމަށެވެ. އެ ފެރީ ބޮޑުމަހުގައި ޖެހުނު އިރު 121 ޕެސެންޖަރުންނާއި ހަތަރު ކްރޫއިން ފެރީގައި ތިއްބެވެ.

ފެރީއިން ދަތުރުކުރި މީހުން، ބުނީ ފެރީ ބޮޑުމަހުގައި ޖެހުނު ވަގުތު އެރި ލޮޅުމުގެ ސަބަބުން ބައެއް މީހުން ބުރައިގެން ދިޔަ ކަމަށެވެ. އަދި އަނެއް ބަޔަކު ބިރުން ރޮއި ހަޅޭލެވި ކަމަށް ވެސް ފެރީއިން ދަތުކުރި މީހުން ބުންޏެވެ. ކޯސްޓް ގާޑުން ބުނީ، 13 މީހަކަށް ސީރިއަސް އަނިޔާވެފަައިވާ ކަމަށެވެ. އެހެން އެންމެންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މެރިން ރިސާޗަރުން ބުނަނީ، ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ، ޖަޕާނު ކަނޑު ހުރަސްކޮށް ބޮޑުމަސްތައް ދުނިޔޭގެ އެކި ހިސާބުތަކަށް ހިޖުރަކުރާ ދުވަސްވަރެއް ކަމަށެވެ.