ކުޅިވަރު

އިންޑިއާގެ ޗެމްޕިއަންކަން ޗެންނާއީ ހޯދައިފި!

ލީގްގެ އެންމެ ފަހު މެޗުގައި މިނޭވާ ޕަންޖާބް 3-1 ން ބަލިކޮށް، އިންޑިއާގެ ރަސްމީ ލީގް 'އައި ލީގް' ގެ ޗެމްޕިއަންކަން ޗެންނާއީ ސިޓީން ހޯދައިފި އެވެ.

މިނޭވާ ޕަންޖާބް އެފްސީއަކީ، އިންޑިއާގެ ކުރީގެ ޗެމްޕިއަން ޓީމެވެ. މި އަހަރުގެ އޭއެފްސީ ކަޕުގައި އިންޑިއާގެ ޓީމަށް ލިބޭ ފުރަތަމަ ޖާގަ ލިބުނީ އެ ޓީމަށެވެ. ނަމަވެސް މި ސީޒަންގެ ލީގް ތާވަލުގައި އިންޑިއާގެ އެ ޓީމު ނިންމާލީ 10 ވަނައިގައި އޮވެގެންނެވެ.

އައި ލީގް ހޯދުމުގެ ރޭހުގައި އެންމެ ފަހު މެޗަށް މަޑު ނުކޮށް ލީގް ހޯދުމުގެ ފުރުސަތު މިދިޔަ ހަފުތާގައި ޗެންނާއީ ލިބިގެން ދިޔަ އެވެ. ޗާޗިލް ބްރަދާސް އާ ދެކޮޅަށް މިމަހުގެ އެއް ވަނަ ދުވަހު ކުޅުނު މެޗުން މޮޅު ވެވުނު ނަމަ، ޗެންނާއީ އަށް ލީގް ލުބުނީހެވެ. އެހެންނަމަވެސް އެ މެޗުގައި ޗެންނާއީ ބަލިވީ 3-2 ންނެވެ.

ލީގްގެ ދެ ވަނަ ހޯދި، އީސްޓް ބެންގާލްގެ ޓީމުން ވެސް ވަނީ، ޗެންނާއީއަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. އެ ޓީމުން ވަނީ ރޭ ގްކުލަމް އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ، 2-1 ންނެވެ. ޗެންނާއީ ސިޓީ ޗެމްޕިއަންކަން ހޯދީ 43 ޕޮއިންޓް ހޯދައިގެންނެވެ. އީސްޓް ބެންގާލުން 42 ޕޮއިންޓް ހޯދި އެވެ. ލީގްގައި މުޅިން އަލަށް ވާދަ ކުރާ ރިއަލް ކަޝްމީރުން ވަނީ ލީގް ތާވަލުގެ ތިން ވަނަ ހޯދާފަ އެވެ.