ދުނިޔެ

އީރާނާއެކު އެއްބަސްވުމަކަށް ނާދެވި ސުންގަޑި އިތުރުކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ

Jul 7, 2015

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި ފަހުގެ އެއްބަސްވުމަކަށް އައުމަށް ކަނޑައަޅާފައިވާ ސުންގަޑި ކަމަށްވާ މާދަމާގެ ކުރިން އެ އެއްބަސްވުން އެކުލަވައި ނުލެދިވާނެ ކަމުގެ ބިރު ހީވެއްޖެ އެވެ. އެކަމަކު އެ ސުންގަޑި އަނެއްކާ ވެސް ދުވަސްކޮޅަކަށް އިތުރުކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

މީގެ ކުރިން ވެސް އިތުރުކޮށްފައިވާ ސުންގަޑީގެ ކުރިން އެއްބަސްވުމަކަށް ނާދެވިދާނެ ކަމުގެ ބިރު ހީވީ، މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ދެ ފަރާތުގެ އޮފިޝަލުން ވެސް ވިދާޅުވި ގޮތުގައި، އީރާނުން އާ ޑިމާންޑްތަކެއް ކުރަން ފެށުމުންނެވެ. އެއީ އެ ގައުމުން ކުރިއަށް ގެންދާ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ޑިމާންޑް ކަމަށް އެ އޮފިޝަލުން ވިދާޅުވި އެވެ.

"ހުޅަނގުން ބުނަނީ އެ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގޮތުގައި ދަމަހައްޓާނެ ކަމަށް. އަދި އެ މީހުން ބޭނުން ވަނީ އީރާނުން އެ ޕްރޮގްރާމް ހުއްޓާލަން. އެކަމަކު އަހަރުމެން މި ބުނަނީ އެއީ އީރާންގެ ހައްގެކޭ. އެހެންވެ، އެހެން ދަތިކުރުމުގެ ފިޔަވަޅުތަކާ އެކީގައި އެ ދެ ފިޔަވަޅު ވެސް އުވާލަން ޖެހޭނެއޭ،" އީރާންގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.

އެކަމަކު، އީރާންގެ މި ޑިމާންޑަށް ހުޅަނގުގެ އޮފިޝަލުން ދަނީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ.

އެއާ އެކު، މާދަމާގެ ސުންގަޑީގެ ކުރިން އެއްބަސްވުމަކަށް ނާދެވިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑަށް ހީވެފަ އެވެ. އެކަމަކު، ހުޅަނގުގެ އޮފިޝަލަކު ވިދާޅުވީ އެ ސުންގަޑި ދެ ދުވަހަށް އިތުރުކުރުމާ މެދު އެ ގައުމުތަކުގެ މައްސަލައެއް ނެތް ކަމަށެވެ. އެހެންވެ، ސުންގަޑީގެ ފަހުން ވެސް މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާ އެކު ފަހުގެ އެއްބަސްވުމަކަށް އައުމަށް އުދަނގޫ ނިންމުންތަކެއް ނިންމަންޖެހޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވަނީ ހޯމަ ދުވަހު ވިދާޅުވެފަ އެވެ. އޮސްޓްރިއާގެ ވިއޭނާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާ ތަމްސީލްކުރައްވާ ކެރީ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ. އެކަމަކު، މުހިއްމު ގިނަ މައްސަލަތަކެއްގައި އަދިވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އުދަނގޫ ނިންމުންތަކެއް ނިންމިއްޖެ ނަމަ، މި ހަފުތާގެ ތެރޭގައި އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތް،" ކެރީ ވިދާޅުވި އެވެ.

""އެކަން ނުުކުރެވި، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، މަޝްވަރާތަކުން އެނބުރި ދާން އެމެރިކާ ތައްޔާރު.

އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ކެރީ ވިދާޅުވީ، ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި ހުޅަނގާ އެކު ފަހުގެ އެއްބަސްވުމަކަށް އައުމަށް، މިހާރަށް ވުރެ ގާތަށް އާދެވިފައި ނުވާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ވެސް ވިދާޅުވެފައި ވަނިކޮށެވެ.

ޔޫޓިއުބުގައި ހުކުރު ދުވަހު ޝާއިއުކުރެއްވި ވީޑިއޯ މެެސެޖެއްގައި ޒާރިފް ވިދާޅުވި ގޮތުގައި އީރާނުން އޮތީ އެއްބަސްވުމަކަށް އައުމަށް މިހާރު ވެސް ތައްޔާރަށެވެ. އެފަދަ އެއްބަސްވުމަކަށް އައުމަށް މިހާރަށް ވުރެ ގާތަށް މީގެ ކުރިން ދުވަހަކު ވެސް އަދި އާދެވިފައި ނުވާ ކަމަަށް ވިދާޅުވެ، އޭނާ ވަނީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި "މަޖުބޫރުކުރުވުމާއި ޕްރެޝަރު ކުރުން" ހުއްޓާލުމަށް ގޮވާލަައްވާފަ އެވެ.

އީރާނާއި އެ ގައުމާ އެކު މަޝްވަރާކުރަމުންދާ އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާ އިން މިދިޔަ އޭޕްރީލް މަހު އެއްބަސްވެފައި އޮތީ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭ ފަހުގެ އެއްބަސްވުން މިދިޔަ އަންގާރައިގެ ނިޔަލަށް އެކުލަވާލައި ނިންމުމަށެވެ. އެކަމަކު، ސުންގަޑީގެ ކުރިން އެއްބަސްވުމަކަށް ނާދެވޭނެކަން ކުރިން ވެސް އޮތީ ޔަގީންވެފަ އެވެ. އެއީ އޮސްޓްރިއާގެ ވިއޭނާގައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ފަށައިގެން ކުރިއަށްދާ ވާހަކަތައް ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުމުންނެވެ.

ފަހުގެ އެއްބަސްވުން އެކުލަވާލުމަށް ކަނޑައަޅާފައިވާ ސުންގަޑި މިދިޔަ އަންގާރައިގެ ނިޔަލަށް ހަމަވެފައިވިޔަސް، މަޝްވަރާތައް އަލުން ފަށައިގެން ކުރިއަށް މިހާރު ދަނީ ކުރިއަށެވެ. އަދި މިހާރު ވަނީ މަޝްވަރާތަކުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާ އެކު މަޝްވަރާކުރާ ބާރުތަކުން ބޭނުން ވަނީ ނިއުކްލިއާ މަސައްކަތް ވަރަށް ބޮޑަށް ކުޑަކޮށް، މަދުވެގެން 10 އަހަރުދުވަސް ވަންދެން އީރާނުން އެއްވެސް ނިއުކްލިއާ ދިރާސާއެއް ނުކުރުމަށެވެ. އޭގެ ބަދަލުގައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސް ވިޔަސް، އެކަން ކުރެވޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ހުޅަނގުން ދަނީ ޝަރުތުކުރަމުންނެވެ. އަދި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް ގޮސް، ސައެންސްވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަކީ ޑިމާންޑެކެވެ.

އިރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވައިނުލަނީސް ނިއުކްލިއާ ޕްރޮގްރާމް ހުއްޓައި ނުލާނެ ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ މިދިޔަ ހަފުތާގައި ވެސް ވިދާޅުވެފަ އެވެ. އަދި ހުޅަނގުން އެދެމުން ދިޔައަސް، މަދުވެގެން 10 އަހަރު ދުވަސް ވަންދެން ނިއުކްލިއާ ދިރާސާތައް ހުއްޓައި ވެސް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރީ އެއްވެސް ތަނަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަ ނުދޭނެ ކަމަށާއި އެއްވެސް ސައެންސްވެރިއަކާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ނުދެވޭނެ ކަމަށް އީރާނުގެ ކަންކަމުގައި ފަހު ބަސް ވިދާޅުވާ ހާމަނާއީ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ