(7 މާރިޗު 2019 އާ ގުޅޭ)
އުފަލާއެކު ރައުލްގެ އެ އެދުން ޔާފިއާ ބަލައިގަތެވެ. އަދި ލޯބިވެރިޔާއާއި އެކުވެރީންނަށް އަމާން ދަތުރަކަށް އެދި އެ މީހުންނާ ވަދާޢުގެ ސަލާމް ޔާފިއާ ކުރިއެވެ.
ގަނޑުވަރާ ދުރުގައި ހުރި ކަސްބީ އަންހެނުންތަކެއް އުޅޭ ގެއެއްގެ ތެރޭ މަޖާކުރުމުގައި ޒަގަން އުޅުނެވެ. އޭނާގެ ވަފާތެރި ޚާދިމެއް އެ ގޭ ތެރެއަށް ފާޅުވިކަން އެނގުމުން އަންހެނުންތަކުގެ ދާނުން ތެދުވިއެވެ. އެވަގުތު އެތަނުގައި ހުރި ޒުވާން އަންހެންކުއްޖަކު ޒަގަންގެ ލިބާސް ގަޔަށް ހެޔޮވަރުކޮށްލަދިނެވެ. ރަނުގެ ގަހަނާއިން އެތަނުގައި ތިބި އަންހެނުންނަށް އަގު އަދާކުރުމަށްފަހު ޒަގަންއާ ބައްދަލުކުރުމަށް އައިސް ހުރި ޚާދިމާ ބައްދަލުކުރަން ނުކުތެވެ. އަދި އޭނާ ގޮވައިގެން އެކަހެރިވެލިއެވެ. އޭނާ ޒަގަންގެ ގާތުގައި ބުނީ ބޭރީތުގެ ޚާއްޞަ ޖިންނީންގެ ތެރެއިން ޖިންނިއަކާއެކު ރައުލް ގަނޑުވަރަށް ގެނެވުނު ކަމެވެ. އަދި ރައުލް ގޮވައިގެން ލާވީ ގެއްލުނީކަމެވެ. ރައުލްއާއި ބޭރީތު ސިއްރުން ބައްދަލުވެއްޖެކަމާއި އެ ބައްދަލުވުމަށްފަހު ކުއްލި ގޮތަކަށް ރައުލް ގަނޑުވަރުން ނުކުމެގެން ހިނގައްޖެކަމުގެ ޚަބަރު އެ ޚާދިމު ޒަގަންއަށް ދީފިއެވެ.
"އެމީހުން ދެއްކި އެއްވެސް ވާހަކައެއް އަޑުއިވުނުތަ؟ ކީއްވެ އެ މީހުންގެ ފަހަތުން ނުދިޔައީ" ޒަގަން އެއްސެވެ.
"ސާހިބު، ރައުލްގެ ހުސިޔާރުކަން އެނގިލައްވާނޫންތޯ" އިސްޖަހާލަމުން ޚާދިމު ބުންޏެވެ. ޒަގަންއަށް އޭނާގެ ޚާދިމު ބުނި އެއްޗެއް ވިސްނެއެވެ. ކުރިން ވެސް އޭނާވަނީ ރައުލްއަށް ޖާސޫސްކުރުމަށް ޖިންނިއަކު ފޮނުވާފައެވެ. އޭނާއަށްވީގޮތެއް އަދިވެސް ނޭނގެއެވެ. ޚަބަރުދޭން އެނބުރި ޒަގަންގެ ގާތަކަށް އޭނާއެއް ނާދައެވެ. މިހާރު ދުނިޔޭގައި ހުރިކަމެއް ވެސް ޔަގީނެއްނުވެއެވެ. އޭނާ ވީތަނެއް ހޯދަން ޒަގަން މަސައްކަތެއްނުކުރީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވިދާނޭ ހީވެގެންނެވެ.
"އަޅުގަނޑަށް ހީވާ އެއްޗެއް ދަންނަވަންތަ" ޒަގަންގެ ގާތުން ހުއްދައަކަށް ޚާދިމު އެދުނެވެ.
"ބުނެބަލަ" ވިސްނުމަކަށް ގެއްލި ހުރި ޒަގަންގެ ނަޒަރު އޭނާގެ ޚާދިމުއާ ސީދާ ކޮށްލިއެވެ.
"ރައުލްގެ ކައިވެންޏާ ގުޅިގެންހެން ހީވަނީ އެ ދިޔައީ، ސާހިބުގެ ކޮއްކޮ ވެސް ރައުލް ގާތުހައި ހުއްޓާ ދުށީން، އެ މީހުން ރައުލްގެ އަނބިމީހާއާ ގުޅޭ ގޮތުން ވާހަކައެއްދެއްކި، ސާފުވާހާ ގާތްވާކަށް ނުކެރުނު... އެ އެންމެން އެކުގައި ދިޔައީ" ޚާދިމަށް އިވުނު ތަންތަންކޮޅުގެ މައްޗަށް ލަފާކޮށް ވާހަކަދެއްކިއެވެ. ޒަގަން މަޑުމަޑުން ބޯޖަހާލިއެވެ.
"ކަލެއަށް ގޮވާލެވެންދެން އިހަށް ދޭ" ޒަގަން ބުންޏެވެ. އެއާއެކު ވަގުތުން އެ ޚާދިމު ހުރިތަނުން ޣައިބުވެއްޖެއެވެ.
ޒަގަން އަވަސްވެގަތީ އެނބުރި ގަނޑުވަރަށް އަންނާށެވެ. އޭނާ ބޭނުންވިޔަސް ރައުލް އުޅޭނޫޅޭ ގޮތް ބެލުމަކީ ފަސޭހަކަމަށްނުވިއެވެ. ޚާއްޞަކޮށް ގަނޑުވަރާ ދުރަށް ރައުލް ދަތުރުކުރާނަމަ އޭނާ ދާތަނެއް އެނގޭނޭ ގޮތެއް އަދި ނެތެވެ. ޖާސޫސެއް ފޮނުވައިގެން މިހާތަނަށް ކާމިޔާބުވެފައެއްނެތެވެ. ފާޅުގައި ކަމެއްކުރާކަށް ޒަގަންއަކަށް ނުކެރެއެވެ. ބޭރީތު ޚާއްޞަގޮތެއް ރައުލްއަށް ބަހައްޓާކަން އެއީ ގަނޑުވަރުގެ އެންމެންނަށް ވެސް އެނގޭ ކަމެކެވެ.
* * * * *
އިޝާ ނަމާދު ނިމި ޖަމާޢަތް ރޫޅި ޖިންނިތައް އެކިދިމަދިމާއަށް ދަތުރު ފެށިއެވެ. ޒިޔަޒެލް ވެސް އޭނާގެ ގެއަށް އެނބުރި އައީއެވެ. ނަމަވެސް ގޭތެރޭގެ ފަޅުކަން އިޙްސާސް ކުރެވި އޭނާ ބެރެބެދިގަހުން ނުކުތެވެ. ގަސް ދޮށުގައި މަޑުކޮށްލައިގެން ހުއްޓާ އެ ދިމާއަށް ބަޔަކު އަންނަކަމުގެ ހިލަމެއް ވިއެވެ. ފަޒާގެ ވަސް ބަދަލުވުމުން އެ އަންނަނީ ކޮންބައެއްކަން ދެނެގަންނަން ޒިޔަޒެލްއަށް އުނދަގުލެއްނުވިއެވެ. އެއްމިޔަކަނުން އޭނާ ހިނިތުންވެލިއެވެ. އަދި އެ އަންނަ ބަޔަކާ ކުރިމަތިވާނޭހެން ހުއްޓިލައިފިއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ ޒިޔަޒެލްގެ ކުރިމަތީގައި ހުރީ ރައުލްއާއި އޭނާގެ ބައިވެރިންނެވެ. ޒިޔަޒެލް ސަލާމް ގޮވާލިއެވެ. އެ ސަލާމަށް ޖަވާބުދޭން ނޭނގިފައި ރައުލް ހުއްޓެވެ. ލުއިގޮތަކަށް ހީނލާފައި ޒިޔަޒެލް ކުރިއަށް ޖެހިލައި ރައުލްއާ ކަރާކަރުޖައްސާ ސަލާމްކޮށްފިއެވެ. އަދި އެފަދައިން ރައުލްއާއެކު އައިސްތިބި ކޮންމެ މެންބަރަކާ ސަލާމްކޮށްފިއެވެ. އެ މީހުން ގޮވައިގެން ޒިޔަޒެލް ގޭތެރެއަށް ވަނެވެ. ރައުލްގެ ނަޒަރު ވަށައިގެން ހިންގާލެވުނެވެ. އީޝަލްއާއި ލުގަލްބަންދާގެ ހިލަމެއް އެ ގޭތެރެއަކުން ނުވެއެވެ. މީކާޢިލް ވެސް ގޭގައި ނޫޅޭކަން ރައުލްއަށް ޔަގީންވެއެވެ. ހިސާބެއްގެ ނުތަނަވަސްކަމެއް ރައުލްއަށް ލިބުނެވެ. އީޝަލް ދުށުމަށް އޭނާ އެ ހުރީ ކެތްމަދުވެފައެވެ. ހަމައެއާއެކު ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ. މީކާޢިލް ދީފައިވާ ބަހުގެ އިތުބާރާ މެދު ރައުލްގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. މެހެމާނުންނާއި ބައްދަލުކުރާ ފެންޑާގައި ހުރި ގޮނޑިތަކަށް ޒިޔަޒެލް އިޝާރާތްކޮށް އިށީނުމަށް އޭނާ ބުންޏެވެ. އަދި ގޭތެރެއަށް ވަދެގެން ދިއުމާއެކު ގިނައިރެއްނުވެ ނުކުމެގެން އައީ ތަބަކުގައި ތަށިތަކެއް އަތުރައިގެންނެވެ. ރައުލް ކޮޅަށް ހުރުމުން އޭނާއަށް ޒިޔަޒެލް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
"އީޝަލް..." ރައުލްއަށް ބުނެލެވުނެވެ. މިފަހަރު ވެސް ޒިޔަޒެލް ހީނލީއެވެ.
"އިހަށް އިށީންނަންވީނު... އަހަރެން އެކަނި ގޭގައި މިއުޅެނީ" ރައުލްގެ ކޮނޑުގައި އެއްއަތުން ޖަހާލަމުން ޒިޔަޒެލް ބުންޏެވެ. އަދި މެދުގައި ހުރި މޭޒުގައި ތަބަށް ބަހައްޓައި އެންމެން ގާތު އެއިން ތަށްޓެއް ނެގުމަށް ޒިޔަޒެލް އެދުނެވެ. އޭނާ ވެސް ތަބަކުގެ ތެރެއިން ތަށްޓެއް ނެގިއެވެ.
"އީޝަލްއާމެދު ވިސްނާފައި ކަންބޮޑުނުވޭ، އެ މީހުން އެނބުރި އަންނާނެ" ޒިޔަޒެލް ބުންޏެވެ.
"މި އައީ އަހަރެންގެ ބައްޕަގެ ރުހުން ހިފައިގެން، ކައިވެނީގެ ކުރީން އީޝަލްއާ ބައްދަލުކުރަން ބައްޕަ ބޭނުންވޭ، އަހަރެންނަށް އެނގޭ އީޝަލް އެކަނި އަހަރެންނާއެކު ނުފޮނުވާނޭކަން، އީޝަލްގެ ޢާއިލާއާ ވެސް ބައްޕަ ބައްދަލުކުރަން ބޭނުންވޭ" ރައުލް ވާހަކަދެއްކިއެވެ.
"ރައުލްއާ އެކަނި ބައްދަލުކޮށް ވާހަކަދައްކާލަން ބޭނުންވަނީ، އީޝަލްއާ ކައިވެނިކުރަން ގަސްދުކުރާތީ ދައްކަންވެފައި ހުރި ބައެއް ވާހަކަ އެބަހުރި، ރައުލްއަށް އެނގެން ޖެހޭނެ ކަންކަން ވެސް އެބަހުރި" ޒިޔަޒެލްގެ މޫނުގައިވި ސީރިއަސްކަން ދެންތިބި އެންމެންނަށް ވެސް ފާހަގަކުރެވުނެވެ.
"ރައުލް އެކަނި މިތަނު..." ސޭމެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ރައުލް ބަލާލި ގޮތުން އޭނާ ހިމޭންވީއެވެ.
"އަހަރެން އަންނަންދެން އަތިރިމަތީ މަޑުކުރޭ" ރައުލް ބުންޏެވެ. އެންމެން ވެސް އެބަހަށް ކިޔަމަންވިއެވެ. އެ މީހުންގެ މައްޗަށް ރައުލްގެ ނުފޫޒު އޮތް މިންވަރު ޒިޔަޒެލް ދެނެގަތެވެ. ރާވިން ނުކުތުމުގެ ކުރީން ރައުލްގެ ކޮނޑުގައި އަތްތިލަ ބާއްވާލިއެވެ. ރައުލް އޭނާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު ބޯޖަހާލައި ކޮނޑުގައި ބާއްވާލައިފައި އޮތް ރާވިންގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ.
އެންމެން ނުކުތުމުން ޒިޔަޒެލް ނުކުތީ ފެންޖަގެއް ހިފައިގެންނެވެ. ރައުލް ގާތު އެބަ އަންނަން ކަމުގައި ބުނެފައެވެ. ހައިރާންވެ ހުރެ ރައުލްއަށް އިންތަނުން ތެދުވެވުނީ ޒިޔަޒެލް ކުރާކަމެއް އެނގެން ބޭނުންވެގެންނެވެ. ފެންޖަގެއް ހިފައިގެން އޭނާ ބޭރަށް ނުކުންނަން ޖެހުނު ސަބަބެއް ނޭނގުނީމައެވެ. ރައުލްއަށް ގޭގެ މައިދޮރާ ހަމައަށް ނާދެވެނީސް ޒިޔަޒެލް އޭނާއަށް ގޮވާލައިފައި ގެއިން ނުނިކުތުމަށް ބުންޏެވެ. ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުއްޓައި ޒިޔަޒެލް އަތްގޮށިން ފެން ޖަހަމުން އައިސް އެ ގެއަށް ވަންނަން ހުރި ދޮރުގެ އޮޅިއަށް ފެންއަޅައިފިއެވެ. އަދި އެތެރެއަށް ވަދެގެން އައިސް ޖަގުގައި ބާކީ ހުރި ފެނުން އިނގިލިތަކުގެ ކުރި ތެތްމާލައި ގޭތެރޭގެ އެކި ދިމާއަށް ފޮޅާލިއެވެ.
"މިހާރު އަހަރެމެން ދައްކާ ވާހަކަ އަޑުއަހާނޭ ކަންފަތްތަކަށް އެއްވެސް އަޑެއް ނީވޭނެ" ހައިރާންވެ ބަލަން ހުރި ރައުލްއަށް ޒިޔަޒެލް ބުންޏެވެ. އަދި ރައުލްއަށް އެތެރެއަށް އައުމަށް އިޝާރާތްކޮށްލިއެވެ.
"މިތާ އުޅެނީ ޒިޔަޒެލްއަށް ކިޔަމަންވާ ޖިންނީނެއްނޫންތަ؟" ރައުލް އަހާލިއެވެ.
"އެތެރެފުއް އޮންނަ ގޮތެއް އެކަކަށް ވެސް ނޭނގޭނެ، އަހަރެންގެ ޢާއިލާގެ ސިއްރުތައް ދުރުހިލޭ މީހަކަށް ހާމަކުރާ ފުރަތަމަ ފަހަރު މީ، އެހެންވީމަ އަހަރެން ރައްކާތެރިކަން ޚިޔާރުކުރީ، އާންމުކޮށް ވެސް މި ގޭ ތެރޭގައި ދެކެވޭ ވާހަކަ އަޑެއް ނީވޭނެ ބޭރަކަށް، އެހެންވިޔަސް އަހަރެންނަށް ޔަގީންކަމެއްނެތް ރައުލްއާ މެދު، ބޭރީތު އެހާ ފަސޭހައިން ރުހިދާނޭ އަހަރެން ހިޔެއްނުކުރަން، އޭނާ ޖާސޫސް ކުރުމަށް ބަޔަކު ރައުލްގެ ފަހަތުން ފޮނުވާފާނޭތީ އަހަރެންގެ ރައްކާތެރިކަން ވަރުގަދަ ކުރަން ޖެހުނީ" ޒިޔަޒެލް އޮޅުންފިލުވައިދިނެވެ.
"އަހަރެން... އަހަރެން އީޝަލްއަށް ގެއްލުމެއްދޭކަށްނޫޅެން" ރައުލް ބުނެލިއެވެ.
"އެކަން އަހަރެންނަށް އެނގޭ... ކަލޭ އޭނާދެކެ ލޯބިވާވަރު ނުބުންޏަސް އަހަންނަށް އެބަ ފެނޭ" ލުއި ގޮތަކަށް ހީނލާފައި ޒިޔަޒެލް ބުންޏެވެ. ރައުލް ރަކިވީ ކަންނޭނގެއެވެ. އޭނާ ނިކަން އަވަހަށް އިސްޖަހާލައިފިއެވެ.
"ރައުލް، މި ކައިވެނި ކުރެވެންވާނީ އަހަރެމެންގެ ތެރޭގައި، ނަސަބުވެރިންގެ ތެރެއިން އީޝަލްގެ ފެށުން އައިސްފައިވަނީ، މިވަގުތު މި ދުނިޔޭގައި ތިބި އެންމެ ބާރުގަދަ ތިން މުއުމިނު ރަސްޖިންނީންގެ ތެރެއިން އެކެއް ކަމަށްވާ އައިޒަންގެ ދަރިއެއް މީކާޢިލްއަކީ، އައިޒަންގެ މިވަގުތު ހުރި ހަމައެކަނި ކާފަ ދަރިފުޅު އީޝަލްއަކީ، އީޝަލްއަކީ މީކާޢިލްގެ ދަރިއަކަށް ވިޔަސް އޭނާގެ މަންމައަކީ މިޝަލް ކިޔާ އިންސިއެއް، ރަސްކަލެއްގެ ދަރިއެއްކަމަކު މީކާޢިލް ކުރީ ކުށެއް، އެހެންވެ އޭނާގެ މީހުންގެ ގާތުގައި ދިރިއުޅެވެންނެތީ، މުއިމުނު ޖިންނީންނަކީ އެ މީހުންގެ އުސޫލުތަކުގައި ހިފަހައްޓާބައެއް، އަނެއްކޮޅުން އީޝަލްއަކީ އިންސިއަކާ މަސްހުނިވެ ލިބިފައިވާ ކުއްޖަކަށްވާތީ އޭނާއާ މެދު ޖިންނީން ޝައުގުވެރިވާނޭކަން މީކާޢިލްއަށް އެނގޭ، އޭނާ ކޮންމެ ގޮތަކުން ވެސް އެ ދަރިފުޅު ރައްކާތެރިކުރަން ބޭނުންވޭ، އައިޒަންއާ ދުރުގައި އޭނާގެ ފިރިހެން ދަރިފުޅާއި ކާފަ ދަރިފުޅު އުޅުނެއްކަމަކު އޭނާގެ ބެލުމުގެ ދަށުގައި އެ މީހުންވަނީ، އެތަނުން އެކަކަށް ވެސް ގެއްލުމެއް ލިބިއްޖެނަމަ އޭނާ މަޑަކުން ނުހުންނާނެ، އީޝަލްއާ ކައިވެނިކުރުމަށް ޓަކައި މުއުމިނު ޖިންނިއަކަށްވާން ޖެހޭ، އަހަރެމެންގެ ސަޤާފަތާއި އަހަރެމެންގެ އުސޫލުތައް އެނގެން ޖެހޭ، ރައުލް އުޅެ ބޮޑުވީ އަހަރެމެން މިއުޅޭ ފަދަ މާޙައުލަކަށްނޫން، ކުއްލިއަކަށް އެވަރުގެ ބޮޑު ބަދަލެއް އަމިއްލަ ނަފްސަށް ގެންނައުމަކީ ކުރަން ވަރަށް އުނދަގޫކަމެއް، ބޭރީތު މިއިން އެއްވެސް ކަމަކާ ޤަބޫލުނުވާނޭކަން އަހަރެންނަށް އެނގޭ... ރައުލް... ކަނޑުގައިވި ރަސް ޖިންނީންގެ ތެރެއިން ބޭރީތުގެ އަނިޔާވެރިކަމުގެ ޚަބަރު، ރައުލްއާ ބައްދަލުވުމުގެ ވެސް މާ ކުރީން އައިޒަންއާއި މީކާޢިލްއާ ހަމައަށް ވަނީ އައިސްފައި، އެހެން އެކަން އޮތީމަ އިތުބާރުކުރަން ފަސޭހަނޫނީ، އަނެއްކޮޅުން ތީ މުޅިން ދެ ނަސްލެއްގެ ޖިންނީން، އީޝަލްއަށް ކަނޑުއަޑީގައި ދިރިއުޅުން ފަސޭހައެއްނުވާނެ، އޭނާއަށް އަމިއްލައަށް ރައްކާތެރިއެއްނުވެވޭނެ، ހަމައެގޮތަށް ކަނޑު ޖިންނީންނަކީ ވެސް ގިނަ ދުވަހަށް ފެނާ ދުރުގައި އުޅެވޭނޭ ބައެއްނޫން، އެހާބޮޑު ފަރަގެއް ތި ދެމެދުގައި އެބައޮތް" ޒިޔަޒެލް ވާހަކަދެއްކިއިރު އޭނާގެ ވާހަކަތައް ފަރުވާތެރިކަމާއެކު ރައުލް އަޑުއެހިއެވެ. އަދި އޭނާ ވާހަކަދެއްކީ ޒިޔަޒެލްގެ ވާހަކަ ނިމުމުންނެވެ.
"އީޝަލްގެ މަންމައަކީ އިންސާނެއްކަން އަހަރެންނަށް އެނގޭ، އަހަރެން އުޅެ ބޮޑުވީ ކޮންމެ ކަހަލަ މާޙައުލެއްގައި ނަމަވެސް އަހަރެންނަކީ އެ މީހުންގެ ކަންކަމަށް ތަރުހީބުދޭ މީހެއްނޫން، މި ރަށުގައި ހޭދަކުރެވުނީ ކުޑަދުވަސްކޮޅެއް، އެހެންވިޔަސް މިތަނުގެ މީހުންގެ އުޅުން އަހަރެންނަށް ކަމުދިޔަ، އީޝަލްއަށް ޓަކައި އަހަރެން ކޮންމެ ކަމެއް ވެސް ކޮށްފާނަން، ދަސްކޮށްދޭނޭ އެދުރެއް ހުރެއްޖެނަމަ އަހަރެން ދަސްކުރާނަން، އަނތްބެއްގެ ގޮތުގައި އީޝަލް ނޫން އަންހެނަކު ބަލައިނުގަނެވޭނެ، އަހަރެންނަކީ އަހަރެންގެ ބައްޕައެއްނޫން... އަހަރެންނަށް ވެސް ޤަބޫލުކުރެވެނީ އީޝަލްއަށް އެންމެ ރަނގަޅުވާނީ އޭނާގެ ޢާއިލާގެ ގާތުގައި ހުރުންކަމުގައި، އަހަރެމެންގެ މީހުންނާ ޚިލާފަށް އަހަރެންނަށް ފެނާ ދުރުގައި އުޅުނަސް އުނދަގޫތަކެއް ކުރިމައްޗެއް ނުވޭ، ޢާއިލާގެ ހުރިހާ މެންބަރުން އީޝަލް ބަލައި ނުގަންނާނޭކަން އެނގޭ، ބައްޕަގެ އެތައް ބަނޑަކަށް ދަރީން އެބަތިބި، އަހަރެންގެ މަންމައަށް ލިބުނީ އަހަރެން އެކަނި، ވިހެއުމަށްފަހު އަހަރެންގެ މަންމަ ނިޔާވެއްޖެ، އަހަރެންނަށް މުހިންމީ ހަމައެކަނި އަހަރެންގެ ބައްޕަގެ ޚިޔާލު، ބައްޕަގެ ރުހުން ހޯދަން އަހަރެން މަސައްކަތްކުރަން ޖެހުނީތީ އެހާ އަވަހަށް އެނބުރި ނާދެވުނީ، ތެދަށް ބުނަންޏާ އަހަރެން ވެސް ބޭނުމެއްނޫން އެތަނަށް އީޝަލް ގެންދާކަށް، އެކަމަކު ބައްޕައަށް ވީތީ އެ ބައްޕަގެ ޤަދަރަށް އުނިކަމެއް އަތުވެދާނޭ ކަމެއް ކުރާކަށް ވެސް ނުކެރޭނެ، ބައްޕައަށް އެނގޭނެ އަހަރެން އީޝަލްއާ ކައިވެނިކުރަން ބޭނުންވާވަރު، އީޝަލްއާއި ބައްޕައާ ބައްދަލުވުމުން އިތުރު ހުރަހެއް ދެން ނޯންނާނެ، އަހަރެން ބައްޕައާ ވާހަކަދައްކާނަން، އީޝަލްއާއެކު އޭނާގެ މީހުންގެ ގާތުގައި ދިރިއުޅެން އަހަރެން ވެސް ބޭނުންވާކަން ހާމަކުރާނަން" ރައުލް ބުންޏެވެ. ޒިޔަޒެލް ހުރީ ހައިރާންވެފައެވެ. އޭނާ ދެއްކި ވާހަކަތަކުގެ ސީރިއަސްކަން ރައުލްއަށް ނުވިސްނެނީބާއޭ ޒިޔަޒެލްގެ ހިތަށް އެރިއެވެ.
"ރައުލްއާއެކު ވެސް ޢާއިލާގެ މެންބަރުން އެބަތިބި، ރައުލްގެ ދިރިއުޅުން އެގޮތަށް ބަދަލުވުމާ ދޭތެރޭ އެމީހުންގެ ޚިޔާލަކީ ކޮބައިތޯ ވެސް ބަލާލުން ރަނގަޅު، އޭރުން ރައުލްއަށް އިތުރަށް އެކަމާ މެދު ވިސްނާނޭ ފުރުޞަތު ލިބޭނެ" ޒިޔަޒެލް ބުންޏެވެ.
"އަހަރެންގެ އަމިއްލަ ދިރިއުޅުމާމެދު ގޮތެއް ނިންމަން މިއުޅެނީ، އެ މީހުންގެ ޚިޔާލު މުހިންމެއްނޫން" ރައުލް ބުނެލިއެވެ.
"ތިހެންނުބުނޭ، ރައުލްގެ ނިންމުގެ ސަބަބުން އެ މީހުންނަށް ކުރާނޭ އަސަރާ މެދު ވިސްނަންޖެހޭނެ، ތިމާ ނަގާ ފިޔަވަޅުން ތިމާގެ ވަށައިގެންވާ މީހުންނަށް ގެއްލުމެއް ލިބޭނަމަ އެކަމާމެދު ވިސްނަން ޖެހޭނެ، އެކަމާ އެ މީހުންނާ މަޝްވަރާކުރަންވާނެ" ޒިޔަޒެލް ބެލީ ވިސްނައިދެވޭތޯއެވެ. އެހެންނަމަވެސް ރައުލް އެގޮތް ބޭނުމެއްނޫނެވެ. އީޝަލްއަށް ޓަކައި ވިއްޔާ އޭނާ ހުރީ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށެވެ. އެކަން ޒިޔަޒެލްއަށް މިހާރު ޔަގީންވެއްޖެއެވެ.
"ރައުލް، އީޝަލްގެ ނަސަބު އައިސްފައިވަނީ ކިހާ ހިސާބަކުންކަން އެކަކު ގާތު ވެސް ބުނެގެންނުވާނެ، އީޝަލްއާ ކައިވެނި ކުރަން ބޭނުންވާނަމަ ބޭރީތަށް ވެސް އެކަން ނާންގާތި، އީޝަލްއަކީ އާދައިގެ ދިރިއުޅުމެއް އުޅޭ ޖިންނިއެއް ކަމުގައި ބުނާނީ، ބޭރީތަށް އެނގޭނެތަ އީޝަލްއަކީ އިންސިއަކާއި ޖިންނިއަކަށް ލިބިފައި ހުރި ކުއްޖެއްކަން" ޒިޔަޒެލް އެއްސެވެ. ރައުލް ދެފަރާތަށް ބޯހޫރުވާލިއެވެ.
"އަހަރެންނަށް ވަރަށް އިތުބާރުކޮށްފައި އީޝަލް އެ ވާހަކަތައް ކިޔައިދިނީ، އެހެންވެ އިތުރު މީހެއް ގާތު އެވާހަކަތައް ބުނުމަށް ހިތަށް ވެސް ނާރާ، އެއީ ކިހާ ނާޒުކު މަޢުލޫމާތެއްކަން އަހަރެންނަށް ވެސް ވިސްނޭ، އަހަރެން އީޝަލްއަށް ގެއްލުމެއް ލިބިދާނޭ އެއްވެސް ކަމެއް ނުކުރާނަން، ޒިޔަޒެލް... އަހަރެން ވަޢުދުވަން، މިއިން އެއްވެސް ކަމެއް އަހަރެންގެ ދުލުން ބޭރެއްނުވާނޭކަން، އަހަރެން އީޝަލް ރައްކާތެރިކުރާނަން" ރައުލް ބުންޏެވެ.
"އަހަރެން މީކާޢިލްއަށް އަންގާނަން ރައުލް އައިސް ހުރިކަން، އީޝަލްގެ ކައިވެންޏާ މެދު މަޝްވަރާ ކުރުމަށް އޭނާގެ ބޮޑުދައިތައާއި މާމަ ބައިވެރިވާނޭހެން ހީވޭ، އެ މީހުންގެ ރުހުން ވެސް މުހިންމުވާނެ މިކަމުގައި، އޭގެ ކުރިން އަހަރެން މީކާޢިލްއާ ވާހަކަދައްކާނަން... މިރޭ މިގޭގައި މަޑުކުރަންވީނު" ޒިޔަޒެލް އެދުނެވެ.
"އެގޮތް ކަމަކު ނުދާނެ، އީޝަލްއާ ކައިވެނި ނުކުރެވެނީސް މިގޭގައި ހުރުން ރަނގަޅެއްނުވާނެ، އަހަރެމެން ރަށުގެ ބޮޑު ތުނޑިއާ ދިމާގައި މަޑުކޮށްގެން ތިބޭނަން" ރައުލް ބުންޏެވެ.
"އެހެންވިޔަސް މިރޭ އަހަރެންނާއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވާންވާނެ" ޒިޔަޒެލް ދަޢުވަގުތު ދިނެވެ.
"އެންމެން ގޮވައިގެން އަންނާނަން" ރައުލް ބުންޏެވެ. ޒިޔަޒެލް ބޯޖަހާލިއެވެ.
ރައުލް ނުކުމެގެން ދިއުމުން ޒިޔަޒެލް އޭނާގެ ކުޠުބުޚާނާގެ ތެރޭގައި ބަންދުކޮށްފައި ހުރި ކޮޓަރިއަށް ވަނެވެ. އަދި އެތާ ތެރޭގައި ކޮށްޓަކަށް ލާފައި އިން ހުދު ކާޅެއް ނެގިއެވެ. އޭގެ ފައިގާވާ ބަޑީގެ ތެރެއަށް އެއްޗެއް ލިޔެފައި އޮތް ކަރުދާސްކޮޅެއް އޮޅާލައި ލިއެވެ. އަދި ކާޅުގެ ބޯކައިރީ ސިއްރުން އެއްޗެހިތަކެއް ކިޔެވެ. އަދި އެ ހިފައިގެން އިރުމަތީ ފެންޑާއަށް ނުކުމެ ގަހުގެ އެންމެ މަތީ އޮފިގަޑަށް އޭނާ އަރައި އަޑެއް ލައްވާލިއެވެ. އެއާއެކު އަތުގައި އިން ކާޅު ދެފަހަރު ގޮވާލާފައި އުދުހިގަނެއްޖެއެވެ. އެއަށް ބަލަން ހުރެ ޒިޔަޒެލް ބޯޖަހާލީ މަތީގައި އޮތް ކާޅު ވެސް ތިރިއަށް ބަލާލުމުންނެވެ.
(ނުނިމޭ)