ދުނިޔެ

ބޯޓު ތެރޭގައި "ތާށިވެފައި" އޮތް ބޮމެއް ބަގުދާދަށް ވެއްޓި ބަޔަކު މަރުވެއްޖެ

Jul 7, 2015

ވެރިރަށް ބަގުދާދު މަތިން ދަތުރުކޮށްފައި ދިޔަ އިރާގުގެ އަަސްކަރީ މަތިންދާބޯޓެއްގެ ތެރޭގައި "ތާށިވެފައި" އޮތް ބޮމެއް ވެއްޓި އަށް މީހަކު އިއްޔެ މަރުވެއްޖެ އެވެ.

އިރާގު ސިފައިންގެ ތަރުޖަމާނު، ބްރިގޭޑިއާ ޖެނަރަލް ސާދު މާން ވިދާޅުވި ގޮތުގައި އެއީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދިނުމަށް ފަހު އެނބުރި އަސްކަރީ މަރުކަޒަށް ދިޔަ ބޯޓެކެވެ. ބަގުދާދަށް ވެއްޓުނީ އެ ހަމަލާތަކުގައި ދިމާާވި "ޓެކްނިކަލް މައްސަލައަކާ" ގުޅިގެން ބޯޓުގެ ބައެއްގައި ތާށިވެފައި އޮތް ބޮމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތާށިވެފައި އޮތް ތަނުން އެ ބޮން ނެއްޓޭތޯ ޕައިލެޓް ހަ ފަހަރު މަސައްކަތް ކުރި،" ސާދު ވިދާޅުވި އެވެ.

އޭޕީ ނޫސް އެޖެންސީން ބުނި ގޮތުގައި އެ ބޮން ވެއްޓުނީ އިރާގުގެ ބަގުދާދުގެ ޖަދީދާ ނަމަކަށް ކިޔާ ސަރަހައްދުގެ ގެތަކެއްގެ ފުރާޅަށެވެ. އެ ހާދިސާގައި ތިން ކުޑަކުއްޖަކު ވެސް މަރުވި ކަމަށް އެ އެޖެންސީން ބުންޏެވެ.