އަބްދުﷲ ސިނާން

32 ޓީމާއެކު ސިނާންގެ ކެމްޕޭން ޓީމުގެ ފުޓްސަލް މުބާރާތް ލޯންޗްކޮށްފި

މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަ ކުރައްވާ، އަދި މިހާރުވެސް އެ ދާއިރާ ތަމްސީލު ކުރައްވާ އަބްދުﷲ ސިނާންގެ ކެމްޕޭން ޓީމުން ބާއްވާ، ފުޓްސަލް މުބާރާތް "މައްޗަންގޮޅި ފައިވް ވާސަސް ފައިވް" ފުޓްސަލް މުބާރާތް ލޯންޗު ކޮށްފި އެވެ.

މި މުބާރަތަކީ، މައްޗަންގޮޅި ދެކުނަށް ހާއްސަ މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 40000 ރުފިޔާ ހުށަހަޅާފައި ވެއެވެ. ރަނަރަފު ޓީމަށް 20000 ރުފިޔާ ދެ އެވެ. އޭގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވަން ވެސް ވަނީ ނިންމާފަ އެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކާއި މިރޭ ރާނބާ ރެސްޓޯރަންޓްގައި ބައްދަލު ކުރައްވާ ސިނާން ވިދާޅުވީ، އެ މުބާރާތަކީ މައްޗަންގޮޅި ދެކުނަށް މިފަހަރު ވެސް އޭނާ ކުރިމަތިލައްވާތީ ބާއްވާ މުބާރާތެއް ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ފަސް އަހަރު ވެސް އެ މުބާރާތް ބާއްވާނެ ކަމަށެވެ.

މުބާރާތް ލޯންޗް ކުރުމަށް ސިނާން މިރޭ ވާހަކަފުޅު ދައްކަވަނީ -- އަވަސް

"މި މުބާރާތަކީ މި އަހަރު ބައްވާ މަޖިލިސް އިންތިހާބުގައި އަޅުގަނޑު ކުރިމަތިލާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ވުޖޫދަށް އައި މުބާރާތެއް. އެހެން ނަމަވެސް، މި މުބާރާތަކީ މި ހިސާބުން ފެށިގެން، އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތް ފަސް އަހަރުވެސް، ކޮންމެ އަހަރެއްގައި ކުރިޔަށް ދާނެ މުބާރާތެއް. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ މައްޗަންގޮޅިގެ ޒުވާނުންގެ ހާއްސަކޮށް މައްޗަންގޮޅި ދެކުނުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތު އިތުރަށް ފަހި ކޮށްދިނުމާއި، ހަމަ އެއާއެކީގައި އަޅުގަނޑުމެނާ ހުރިހާ އެންމެން އެކީ އެއްބައިވަންތަކަމާއެކީ، އެއްރޫހެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުން" ސިނާން ވިދާޅުވި އެވެ.

ސިނާން ކެމްޕޭން ޓީމުގެ ފަރާތުން، މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ، ކުލަބު ގްރީން ސްޓްރީޓްގެ އިސް މާގާމެއް ފުރުއްވި އަހްމަދު ޝަޒީނެވެ. އޭނާ ވިދާޅުވީ ސިނާން ކެމްޕޭން ޓީމުގެ އަމާޒަކަށްވީ، މައްޗަންގޮޅި ދެކުނުގެ ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން މުބާރާތުގައި މައްޗަންގޮޅި ދެކުނުގެ ޒުވާނުންނަށް ފުރުސަތު ލިބޭނެހެން މުބާރާތުގެ ގަވާއިދު އެކުލަވާލާފައި ވާނެ ކަމަށެވެ.

މި މުބާރާތުގެ ކޮންމެ ޓީމެއްގައި މައްޗަންގޮޅި ދެކުނަށް ނިސްބަތްވާ ތިން ކުޅުންތެރިން ހިމެނެން ޖެހެ އެވެ. އަދި ޓީމުގެ މެނޭޖަރުގެ ގޮތުގައި ލިސްޓް ކުރަން ޖެހޭނީ ވެސް މައްޗަންގޮޅި ދެކުނަނަށް ނިސްބަތްވާ މީހެކެވެ.

ކޮންމެ ޓީމެއްގައިވެސް ހިމެނެން ޖެހޭނީ ހަތް ކުޅުންތެރިންނެވެ. އެއިން ތިން ކުޅުންތެރިންނަކީ މައްޗަންގޮޅި ދެކުނަށް ނިސްބަތްވާ ކުޅުންތެރިންނަށް ވުން ލާޒިމެވެ. އެއީ ބައިވެރިވެފައިވާ 32 ޓީމުން 224 ކުޅުންތެރިންނެވެ. ދަނޑުމަތީގައި އަބަދުވެސް ހަރަކާތްތެރި ވެވޭނީ ކޮންމެ ޓީމަކުން ވެސް ފަސް ކުޅުންތެރިންނަށެވެ.

"އެ އަދަދަށް ވުރެ ގިނައިން މުބާރާތުގައި ޒުވާނުންގެ ޝާމިލުވުން ހިމެނެނޭ،" ޝަޒީން ވިދާޅުވި އެވެ. "ޓީމެއްގެ އޮފިޝަލުންނާއި މުބާރާތުގެ ޖަޖިން ޕެނަލާއި، ސަޕޯޓަރުންނާއެކު 400 ވުރެ ގިނަ މީހުންގެ ޝާމިލުވުން މި މުބާރާތުން ފެނިގެން ދާނެ."

މި މުބާރާތް، ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. އެއަށް ފަހު ހޮނިހިރު ދުވަހުވެސް މުބާރާުގެ ކުޅުން އޮންނާނެ އެވެ. އޭގެ ފަހުން ފަސް ދުވަސް މެދުކެނޑުމަށް ފަހު މުބާރާތުގެ ކުޅުން ދެން އޮންނާނީ، މި މަހު 22 އަދި 23 ގަ އެވެ. އެއީ ޖެހިގެން އަންނަ ހަފުތާގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ 23 ވަނަ ދުވަހު އެވެ.

"ވީކެންޑްގައި މެޗުތައް ކުޅުމުގެ ބޭނުމަކީ ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ހޯދައިދިނުން،ވަޒީފާ ތަކުގައި އުޅޭ ކުދިންނަވެސް ޗުއްޓި ދުވަހެއްގައި މުބާރާތް ކުޅެވޭ ގޮތަށް ހެދީމަ، އެ ކުދިންވެސް މި މުބާރާތުގެ ތެރޭގައި ހިމެނޭނެ، އެހެންވެ ވީކެންޑްގައި މެޗު ކުޅެން ނިންމީ." ޝަޒީން ވިދާޅުވި އެވެ.