ހަބަރު

ކާނާ ވިހަވެގެން ގިނަ ބަޔަކަށް ފަރުވާ ދެނީ

Mar 10, 2019
2

ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކާނާ ވިހަވެގެން ފަރުވާދެމުން އެބަދެ އެވެ. އެ މުވައްޒަފުން ކާނާ ވިހަވެފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ރިސޯޓްގެ މުވައްޒަފަކު މިރޭ އަވަސްއަށް ކިޔައިދިން ގޮތުގައި ކާނާ ވިހަވެގެން ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަނީ ފަރުވާދޭން ޖެހިފަ އެވެ. މިހާރު ވެސް ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި 15 މުވައްޒަފަކު އެޑްމިޓްކޮށްފައިވެ އެވެ.

"އެމީހުންގެ ހާލު އަދިވެސް ވަރަށް ދެރަ، ބޮލުގަ އާއި ބަނޑުގަ ރިއްސާ، ބޭރަށް ހިންގާ ހުން ވެސް އައިސްފަ ތިބީ،" އެ މުވައްޒަފު ބުންޏެވެ.

އެމީހުންގެ ހާލަތާ ބެހޭ ގޮތުން ކުޑަހުވަދޫ ހޮސްޕިޓަލްގެ ބަހެއް ނުލިބުނެވެ.

މުވައްޒަފު އިތުރަށް މައުލޫމާތު ދިން ގޮތުގައި ބައެއް މުވައްޒަފުންނަށް ކަނޑިންމަ ރިސޯޓްގެ ކްލިނިކްގައި ވެސް ފަރުވާ ދޭން ޖެހުނެވެ. އެއީ ގާތްގަނޑަކަށް 40 މުވައްޒަފުންނަށް ކަމަށް އޭނާ ބުންޏެވެ.

ކާނާ ވިހަވެގެން މާއެނބޫދޫ ހެލްތް ސެންޓަރުގައި ވެސް ބައެއް މުވައްޒަފުންނަށް ފަރުވާ ދިނެވެ. އެކަމަކު ރޭ އެމީހުންނަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އެކަމަކު އެމީހުން އަދިވެސް މުޅިން ރަނގަޅު ނުވާތީ ތިބީ އެ ރަށުގެ ގޭގެ ކަމަށް މުވައްޒަފު ބުންޏެވެ.

މުވައްޒަފުން ކާނާ ވިހަވީ ސީދާ ކޮން އެއްޗެއް ކެވިގެން ކަމެއް ސާފެއް ނުވެ އެވެ.

ކާނާ ވިހަވި މުވައްޒަފުންނަށް އެންމެ އެކަށީގެންވާ އަޅުލުމާއި ފަރުވާ ނުލިބޭކަން މުވައްޒަފު ފާހަގަކުރި އެވެ. މިކަމާ ގުޅިގެން ރިސޯޓްގެ ބަހެއް އަދި ނުލިބެ އެވެ.