ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަނޑިންމަ މުވައްޒަފު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑަށް ޕޮޒިޓިވް ވި މުވައްޒަފަކު މަރުވި މައްސަލާގައި އެ ރިސޯޓުގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެން) އިން ތަހްގީގު ކުރަން ފަށައިފި އެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ގައިން ކޮވިޑް-19ގެ އަލާމާތްތަށް ފެނި ޓެސްޓު ކުރުމުން ބައްޔަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 38 ވަނަ މީހާ އެވެ.

އޭނާ ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

އެކި މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުުރުވުމުން މީގެ ކުރިންވެސް އެޗްއާރްސީއެމުން ބުނާ އުސޫލުން އެ ކޮމިޝަނުން މިއަދު ބުނީ އަމިއްލަ އިސްނެގުމުގެ މަތިން މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ. ރާއްޖޭގައި އުފެދިފައިވާ މިނިވަން މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންގެ އިތުބާރު އެންމެ ކުޑަ އެއް މުއައްސަސާއަކީ އެޗްއާރުސީއެމްއެވެ.

މަރުވި މީހާ އާއެކު އެ ރިސޯޓުގައި މަސައްކަތް ކުރި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެމީހާ އެންމެ ފުރަތަމަ ކަރުގަ ރިއްސާތީ އުޅުމުން ރިސޯޓުގައި ހުންނަ ޑޮކްޓަރަށް ދެއްކުމުން އެންޓިބައޯޓިކް ދިނުމަށްފަހު ފޮނުވާލި ކަމަށެވެ. ފަހުން ހުން ގަދަވެ، ވަސް ނުދުވުމާއި ކާއެއްޗެހީގެ ރަހަ ނުލާތީ ޑޮކްޓަރަށް ދެއްކި ކަމަށާއި ބޭސް ކެއުމުން ރަނގަޅު ނުވާ ކަމަށް ތަކުރާރުކޮށް އެމީހާ ބުނި ކަމަށެވެ. އަދި މާލެ ނުވަތަ އަމިއްލަ ރަށަށް ފޮނުވާތޯ އެ ރިސޯޓުގެ ވެރިން ގާތު އާދެސް ކުރުމުންވެސް ނުފޮނުވި ކަމަށެވެ. އެންމެ ފަހުން ނޭވާލާން އުދަނގޫވެ ހާލު ސީރިއަސްވުމުން ކުޑަހުވަދޫ އަށް ގެންދިޔަ ކަމަށް އެ މީހުން ބުނެފައިވެ އެވެ. އަދި ފަރުވާދެމުންދިޔަތާ މާ ގިނަ އިރެއް ނުވެ އެމީހާ ވަނީ މަރުވެފަ އެވެ.

އުމުރުން 60 އަހަރުގެ އެ މީހާގެ ބޭސްފަރުވާ އަށް ރިސޯޓުން އިހުމާލުވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަ ރިސޯޓުން ވަނީ ދޮގު ކޮށްފަ އެވެ. އެހެން ނަމަވެސް އެ މަރުގައި ރިސޯޓުގެ އިހުމާލު އޮތް ކަމަށް އާއިލާގެ އިތުރުން ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން (ޓީމް) އިންވެސް ވަނީ ތުހުމަތުކޮށްފަ އެވެ. މި މައްސަލަ ބަލައި އިންސާފު ހޯދައިދޭން، ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ މި ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

މި ކޭސް އާއި ގުޅިގެން އެ ރިސޯޓުގައިވަނީ ކްލަސްޓާއެއް ވަނީ އުފެދިފަ އެވެ. މިހާރު އެންމެ ގިނައިން ކޮވިޑް-19 ބަލީގެ މީހުން ތިބީ އެ ރިސޯޓުގަ އެވެ. އެގޮތުން މިހާތަނަށް ފަތުރުވެރިންނާއެކު 46 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެ ރިސޯޓަށް އަރާ ފޭބުން މަނާކޮށް އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމެއް ދަނީ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.