ދުނިޔެ

އިތިއޯޕިއާ ފްލައިޓް ވެއްޓުމުން ބޮއިންގްގެ ބޯޓާއިމެދު ސުވާލުތަކެއް

Mar 11, 2019

އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓް އިއްޔެ ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގް މަރުކާގެ ބޯޓާއިމެދު އެތަކެއް ސުވާލެއް އުފައްދައިފި އެވެ.

އިއްޔެ އިތިއޯޕިއާއިން ފުރައިގެން 157 ފަސަންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެވެ. ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުން ދަތުރުކުރި ހުރިހާ ފަސަންޖަރުން އެ ހާދިސާގައި މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މިއީ، ފާއިތުވި ފަސް މަހުގެ ތެރޭގައި އެ މަރުކާގެ ބޯޓެއް ވެއްޓުނު ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރު މަހު، އެ މަރުކާގެ ލަޔަން އެއާ ބޯޓެއް ވެއްޓި، 189 މީހުން ވަނީ މަރުވެފައި އެވެ.

އެންމެ ފަހުގެ ހާދިސާ އާގުޅިގެން، އެ މަރުކާގެ ބޯޓުތައް އުދުހުން ޗައިނާ އިން ވެސް މަނާކޮށްފައި އެވެ. އިތިއޯޕިއާ އެއާލައިންސް ފްލައިޓް ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައިނުވި ނަމަވެސް، ޗައިނާގެ އޭވިއޭޝަން އޮތޯރިޓީން ބުނީ، ފަހުން ހިނގި ދެ ހާދިސާގައި ވެސް އެއްގޮތް ކަންތައްތަކެއް ދިމާވެފައިވާ ކަމަށެވެ.

އެއާ ޗައިނާ، ޗައިނާ އީސްޓަން އަދި ޗައިނާ ސަދަން އާއެކު ޗައިނާގައި 90 އަށް ވުރެ ގިނަ ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓު އުދުހެ އެވެ. އެކަމުގެ ސަބަބުން ޗައިނާގެ ގިނަ އެއާލައިންތަކަށް ދަތިތަކާއި ކުރިމަތިވާނެކަމަށް ބެލެވެ އެވެ. ބޮއިންގްގެ 737 މެކްސް 8 މަރުކާގެ ބޯޓު ބޭނުންކުރަން ފަށާފައިވަނީ 2017 ވަނަ އަހަރެވެ.