ވިޔަފާރި

އެސްޓީއޯ އިން އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރެއް ހޯދަނީ

Mar 11, 2019

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި 2018 ވަނަ އަހަރު އަހަރީ އާއްމު ޖަލްސާއަށް އެ ކުންފުނިން ތައްޔާރުވަމުންދާތީ، 2019 ވަނަ އަހަރުން 2020 ގެ ނިޔަލަށް ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އާއްމު ހިއްސާދާރުން ތަމްސީލް ކުރުމަށް އެސްޓީއޯ ބޯޑަށް ކުރިމަތިލެވޭ މީހާގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ކުންފުނީގެ ހިއްސާދާރަކަށްވުމާއި ދިވެއްސަކަށްވުން އަދި އުމުރުން 21 އަހަރު ފުރިފައިވުން ހިމެނެ އެވެ. އަދި ވިޔަފާރި އާއި ފައިނޭންޝަލް މެނޭޖުމަންޓުގެ ދާއިރާއިން މަދުވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް އޮތުން ނުވަތަ މަދުވެގެން 10 އަހަރުގެ ތަޖުރިބާ އޮންނަން ޖެހެ އެވެ. އަދި ކުންފުނީގެ ވިޔަފާރިއާ ގުޅޭ ދާއިރާއިން ހޭލުންތެރި މީހަކަށްވެސް ވާން ޖެހެ އެވެ. މީގެ އިތުރުން ވެސް ގިނަ ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ.

އެސްޓީއޯގެ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރުގެ 81.63 ޕަސެންޓް ހިއްސާ އާއި އާއްމުންގެ 18.37 ޕަސެންޓް ހިއްސާ އޮންނަ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.