ރެއާލް މެޑްރިޑް

އުނދަގޫ ހާލަތަކަށްފަހު ރެއާލްއަށް ހަމަޖެހުމުގެ ނޭވާއެއް

މިދިޔަ ހަފުތާގައި، ތިން މުބާރާތުގެ ދޮރު ބަންދުވުމާއެކު ހިތްދަތި ކަމުގައި އޮތް ރެއާލް މެޑްރިޑަށް، ރެއާލް ވަލަޑޮލިޑް އަތުން ލިބުނު މޮޅާއެކު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

ސަސްޕެންޝަންގެ ސަބަބުން، ކެޕްޓަން ސާޖީއޯ ރާމޯސްއަށް މެޗުގައި ނުކުޅެވުމުން، ރޭ ވެސް، ރެއާލްގެ ޑިފެންސަށް މައްސަލަ ކުރިމަތި ވެގެން ދިޔަ އެވެ. ރެއާލުން މެޗު ކާމިޔާބު ކުރީ 4-1 ންނެވެ.

ފުރަތަމަ ލީޑް ނެގީ ރެއާލް ވަލަޑޮލިޑުންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި، އަނުއާ ތުހާމީ ޖެހުމުގެ ކުރިން އެ ޓީމުން ވަނީ ދެ ލަނޑު ޖާހަފަ އެވެ. އެ ދެ ލަނޑު ގޯލްގެ ގޮތުގައި ހިމަނާފައި ނުވަނީ އޮފްސައިޑް ވުމުންނެވެ. އަދި އޭގެ ކުރިން އެ ޓީމުގެ ރުބެން އަލްކާޒްއަށް ވެސް ލިބުނު ޕެނަލްޓީވެސް އޭނާ ޖެހީ ބޭރަށެވެ.

މެޗުގެ 34 ވަނަ މިނެޓްގައި، ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ރަފޭލް ވަރާން އެވެ. ރެއާލުން ދެ ވަނަ ހާފުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ކަރީމް ބެންޒެމާ އެވެ. ރެއާލްގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ، ލިބުނު ޕެނަލްޓީން އަކުންނެވެ.

ތިން ވަނަ ލަނޑަކީ، ޓޯނީ ކްރޫޒް ނަގައިދިން ކޯނަރެއްގައި، ބެންޒެމާ ބޮލުން ކާމިޔާބު ކުރި ލަނޑެކެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ލުކަ މޮޑްރިޗެވެ.