ހަބަރު

ރެޑްވޭވަށް އަނެއްކާ ވެސް ހެލްމެޓް ގެނެސް ވިއްކަން ފަށައިފި

ރެޑްވޭވް ފިހާރަތަކަށް އަނެއްކާވެސް ހެލްމެޓް ގެނެސްފި އެވެ.

ރެޑްވޭވް އިން ބުނީ، ހެލްމެޓްގެ ޑިމާންޑް ބޮޑުވެގެން އަނެއްކާވެސް ހެލްމެޓް ގެނެސްފައިވާ ކަަމަށާއި މިއީ ފުރަތަމަ ގެނައި ހެލްމެޓްގެ ޝިޕްމެންޓް އެއްކޮށް ހުސްވުމާއި ގުޅިގެން ދެވަނަ ޝިޕްމަންޓެއްގެ ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހެލްމެޓް ވިއްކަނީ 350 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށެވެ.

ހެލްމެޓް އަޅަން މަޖުބޫރު ކޮށްފައިވަނީ އިއްޔެއިން ފެށިގެންނެވެ. ނަމަވެސް ހެލްމެޓް ނާޅާނަމަ ފިޔަވަޅު އަޅަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ބްރިޖާއި ހައިވޭގައި ބޮޑެތި އެކްސިޑެންޓްތަކެއް ހިންގައި މީހުންނަށް އަނިޔާވަމުންދާތީ ޓްރާންސްޕޯޓް މިނިސްޓްރީން ހެލްމެޓް އަޅަން މަޖުބޫރު ކުރަން ނިންމައި، ހެލްމެޓް ހުންނަން ޖެހޭ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި އިސްލާހަކާއެކު، 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލްގެ ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން ޖެހޭނެ ކަމަށެވެ. އަދި އުމުރުން ދެ އަހަރުން މަތީގެ ކުޑަކުދިންވެސް ސައިކަލްގެ ކުރިއަށް ނުވަތަ ފަހަތަށް އަރުވާނަމަ ހެލްމެޓް އަޅުވަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެ އެވެ.

ހެލްމެޓްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ސައިކަލް ދުއްވާއިރު އެކަމަށް ހާއްސަ ހެލްމެޓަކަށްވެފައި ބޮލަށް ހެޔޮވަރު ވާން ޖެހޭނެ ކަމަށާއި ހެލްމެޓްގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ގޮތަށް ކަމަރެއް އިންނަން ޖެހޭނެ ކަމަށެވެ. އަދި ދަތްދޮޅި ދަށަށް އިންނަ ކަމަރަކީ އެކަތި ގަނޑަކަށް ހުންނަ ކަމަރަކަށްވުމާއި ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ.

ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ނުވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހެލްމެޓްގެ ކުލައަކީ ލޮލަށް އުނދަގޫނުވާ ކުލައަކަށްވުމާއި ކާކުކަން ނޭންގޭ ގޮތަށް މޫނުގެ އެއްބައި ފޮރުވައި މީހުންނަށް އޮޅޭ ގޮތަށް ހެލްމެޓް ނޭޅުމަށްވެސް ޝަރުތުތަކުގައި ހިމެނެ އެވެ.

ހެލްމެޓް އެޅުން މަޖުބޫރު ކުރުމުން އޭގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.