ހަބަރު

ރާއްޖޭގެ މަހަށް އީޔޫއިން ނަގާ ޑިއުޓީ ކުޑަކޮށްދޭން އެދިއްޖެ

ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް މިހާރު އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ 24 ޕަސެންޓް ޑިއުޓީ ކުޑަކުުރުމަށް ރާއްޖެ އާއި އީޔޫއާ ދެމެދު މިއަދު މަޝްވަރާކޮށްފި އެވެ. އެކަމާ މެދު މަޝްވަރާކުރީ މިއަދު ކުރުބާ މޯލްޑިވްސްގައި ބޭއްވި ރާއްޖެ-އިޔޫގެ ހަތަރު ވަނަ ޕޮލިސީ ޑައިލޮގް ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނެވި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ބައްދަލުވުމަށް ފަހު ވިދާޅުވީ، ރާއްޖެއަށް އިގްތިސާދީ ފައިދާތައް ހޯދުމާ ގުޅޭ ގޮތުން އީޔޫގެ ގައުމުތަކާ އެކު މިއަދު ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން، ދިވެހި ވިޔަފާރިވެރިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އީޔޫއަށް ބޭރު ކުރާ މަހުން 24 ޕަސެންޓް ނަގަމުން ދިޔުން ކަން ފާހަގަ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ އަދަދު ކުޑަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ދެންނެވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެކަމަށް އީޔޫގެ ގައުމުތަކުން މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވި. ދެން ދިވެހިން އީޔޫގެ ގައުމުތަކަށް ދަތުރުކުރުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު، އޭގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީއާ އިންސާނީ ހައްގުތަކާއި ރާއްޖޭގެ މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ
ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތައް ވަރަށް ބޮޑު ތަރުހީބެއް އީޔޫގެ ގައުމުތަކުން ލިބިގެންދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުން އެނގިގެން ދިޔައީ ރާއްޖޭގެ ރައްޔިތުން ގެނައި ބަދަލަށް އީޔޫގެ ގައުމުތަކުން ވަރަށް ހޫނު މަރުހަބާއެއް ކިޔައި އެކަން ބަލައިގެންފައިވާ މިންވަރު ކަމަށެވެ.

"މިއަދު ބޭއްވި ހަތަރު ވަނަ ޕޮލިސީ ޑައިލޮގް އިން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ދިވެހި ރާއްޖެ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ބަލައިގެންފިކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު މި ބައްދަލުވުން ނުބާއްވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަންކަމުގެ ސަބަބުން ރާއްޖެއާ އީޔޫގެ ގައުމުތަކާއި ދެމެދު އޮތީ ވަރަށް ބޮޑު ދުރުކަމެއް އައިސްފައި ކަމަށެވެ.

"އިގްތިސޯދީ ގޮތުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ގައުމުތަކެއް ހިމެނޭ ސަރަހައްދެއް އީޔޫ އަކީ، ރާއްޖެއަށް ލައްކަ ގިނަ ޓުއަރިސްޓުން ރާއްޖެއަށް އާދެ، ރާއްޖޭގެ ޓުރިޒަމް އިންޑަސްޓްރީގައި އީޔޫގެ ވަރަށް ގިނަ އިންވެސްޓްމެންޓް އެބަހުރި،"

މިއަދުގެ ބައްދަލުވުގައި އީޔޫގެ އިންވެސްޓްމެންޓް ޑައިލޮގެއް މިއަހަރުގެ ތެރޭގައި ރާއްޖޭއާއެކު ބޭއްވުމަށް މަޝްވަރާ ކުރެވުނު
ކަމަށެވެ. އެޑައިލޮގްގެ ސަބަބުން ރާއްޖެއަށް އީޔޫގެ އިތުރު އިންވެސްޓްމެންޓްތައް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ވަރަށް ވެސް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ.