ހަބަރު

ހުޅުމާލޭގައި އުޅަނދުތައް ރެޖިސްޓާ ކުރެވޭނީ ގޭގެ ވެރިންނަށް

ހަތަރު ފުރޮޅުލީ އުޅަނދުތައް ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓަރީ ކުރެވޭނީ ހުޅުމާލޭގެ ގޯއްޗާއި ރޯހައުސް އަދި ފްލެޓްތަކުގައި ވެރިފަރާތްތަކަށް އެކަނި ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ބުނެފި އެވެ.

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލުގެ ދަށުން ގަރާޖު ނެތް ތަންތަނަށް ދެމުން ގެންދިޔަ ހުއްދަ މަޑުޖައްސާލުމަށްފަހު އެސޫލުތައް މުރާޖާކޮށްފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ރެޖިސްޓާ ކުރެވޭނީ ހުޅުމާލޭގެ ގޯތި، ރޯހައުސް އަދި ފްލެޓެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ ނުވަތަ ބައްޕަގެ ނަންމަތީގައި އެކަނި ކަމަށް އެޗްޑީސީގެ އިއުލާންގައި ވެއެވެ.

އެޗްޑީސީ އިން ބުނީ، ޢެއުސޫލުގެ ދަށުން ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ އެކޯޕަރޭޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ޕޯޓަލްއަށް ލޮގް އިން ވުމުން ހުޅުމާލެއަށް އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލާއި ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު
ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު ފެންނަން ހުންނާނެ ކަމަށެވެ.

އެޗްޑީސީ އިން ބުނީ އަންނަ ބުދަ ދުވަހުގެ 8:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅުއްވޭނެ ކަމަށެވެ.

ގަރާޖު ރަޖިސްޓްރީ ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް މުރާޖާކޮށް ބަދަލުގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ. އެގަވާއިދުގައިވާ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ހުއްދަ ދީފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކު ކުރާނަމަ އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުވާނެ އެވެ.

ގަވާއިދުގައިވާ އިތުރަށް ވަނީ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކް ކުރަން ހުއްދަ ދީފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކްކޮށްފިނަމަ، އެ އުޅަަނދެއްގެ ރަޖިސްޓިރީ ހިފަހައްޓާނެ ކަމަށެވެ. އަދި އެ އުޅަނދުތައް ދަންވަރު 12:00 ފެށިގެން ހެދުނު 06:00 އާ ދެމެދު ގަޑި އިރަކަށް ވުރެ ގިނައިރު ވަންދެން މަގުމަތީގައި ޕާކު ކޮށްފައި ބެހެއްޓުން މަނާވާނެ ކަމަށެވެ.

އުޅަނދުތައް ބޭއްވުމަށް ދެވޭ ހުއްދަައިގެން ދަށުންް މިހާރު ހުއްދަށް ދެވޭނީ، ގޭގެ ރަޖިސްޓިރީގައި ހިމެނޭ މީހުނަށް އެކަނި ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ. އަދި އުޅަނދުތައް ޕާކު ކޮށްފައި ވަނީ ރަޖިސްޓާކޮށްފައިވާ ގަރާޖުގައިތޯ މިނިސްޓްރީގެ އޮފިޝަލުން ބަލާ ޗެކް ކުރާނެ ކަމަށާއި އެ ގަރާޖު އެހެން ބޭނުމަކަށް ބޭނުން ކުރަމުންދާނަމަ، ގަރާޖުން އުޅަނދު ޕާކު ކުރުމުގެ ހުއްދަ އަތުލާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ވިޔަފާރިގޮތުން އުޅަނދުތައް ޕާކު ކުރުމަށް ހުއްދަށް ދީފައިވާ ގަރާޖެއްގައި، އިތުރު އުޅަނދުތަކެއް ޕާކް ކުރަން ބޭނުންވާނަމަ، ގަރާޖުގެ ވެރިފަރާތާއި، އުޅަނދުގެ ވެރިފަރާތާއި، އުޅަނދު ޕާކް ކުރުމަށް ވެފައިވާ އެއްބަސްވުން މިނިސްޓިރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އުޅަނދުގެ ވެރިފަރާތުން ބޭނުން ކޮންމެ ވަގުތެއްގައި ވެސް ޕާކް ކުރުމުގެ ހުއްދަށް ދީފައިވާ އެއްބަސްވުމެއް ވެސް ހުށަހަޅަންޖެހޭނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެ އެވެ.