ރެއާލް މެޑްރިޑްގެ ކޯޗު ކަމުން، ސެންތިއާގޯ ސޮލާރީ ވަކިކޮށް، ޒައިނުއްދީން ޒިދާން ރެއާލްގެ ކޯޗު ކަމަށް އަލުން ހަމަޖައްސައިފި އެވެ.
މިދިޔަ ހަފުތާގައި، ސްޕެނިޝް ކަޕާއި ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުމުގެ އިތުރަށް ސްޕެނިޝް ލީގްގެ ދޮރު މުޅިހެން ބަންދުވުމުން، ސޮލާރީގެ ކުރިމަގާ މެދު ސުވާލު އުފެދުނެވެ. އޭރުވެސް ވާހަކަ ދެކެވުނީ، މި ހަފަުތާގައި ރެއާލްގެ ކޯޗު ކަމުން އޭނާ ވަކި ކުރާނެ ކަމަށެވެ.
ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސީނިއާ ޓީމުގެ ކޯޗު ކަމުން ސޮލާރީ ދުރު ކުރި ނަމަވެސް، އޭނާ އާ އެކު ކުލަބުން ހަދާފައިވާ ކޮންޓްރެކްޓް ބާތިލު ނުކުރާ ކަމަށެވެ. އަދި ކުލަބުގައި ދެމިހުރުމުގެ ފުރުސަތު އޭނާއަށް އެބައޮތްކަމަށް ރެއާލްގެ ބަޔާނުގައި ބުނެފައި ވެއެވެ. ރެއާލްގެ ކޯޗު ކަމަށް ޒިދާން ހަމަޖެއްސުމުން މިއީ، އެއް ސީޒަނެއްގައި އެ ޓީމަށް ހަމަޖައްސާ ތިން ވަނަ ކޯޗެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ރެއާލް މެޑްރިޑަށް ހޯދައިދިނުމަށް ފަހު ޒިދާން ރެއާލްގެ ކޯޗު ކަމުން އިސްތިއުފާ ދިނީ، އޭގެ ފަސް ދުވަސް ފަހުންނެވެ. އޭނާގެ ބަދަލުގައި އެ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސީ އޭރު ސްޕެއިންގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރި ހުލެން ލޮޕެޓެގީ އެވެ. އޭނާ އާއެކު ދަށް ނަތިޖާތަކެއް ހޯދުމުން ކޯޗު ކަމުން އޭނާ ވަކި ކުރީ އޮކްޓުބަރު މަހު އެވެ. ރެއާލްގެ ކޯޗު ކަމަށް ސޮލާރީ ހަމަ ޖެއްސީ އޮކްޓޫބަރު 18 ގަ އެވެ.
ރެއާލްގެ ކޯޗު ކަމަށް އައުމަށް ޒިދާން އެއްބަސްވީ ކުޅުންތެރިންގެ ޓްރާންސްފާއާ މެދު އޭނާއަށް ބޮޑެތި އިހްތިޔާރުތަކެއް ދިނުމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެއްބަސް ވުމުންނެވެ. ރެއާލް އާ އެކު މިއަދު ޒިދާން ވީ އެއްބަސްވުން އޮތީ ސީޒަން ނިޔަލަކަށް ނޫނެވެ. އޭނާ ސޮއި ކުރީ ތިން އަހަރަށެވެ. އެ އެއްބަސްވުން ހަމަ ވާނީ 2022 ވަނަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.