ބޭރު ކުޅިވަރު

އިންޑިޔާ ލީގުގެ ކޯޗަކަށް ރޮބާޓޯ ކާލޯސް

Jul 7, 2015

އިންޑިޔާގައި މިދިޔަ އަހަރު ފެށި އިންޑިއަން ޕްރެމިއާ ލީގުގައި ކޯޗުކޮށްދޭން ބްރެޒިލްގެ ކުރީގެ މަޝްހޫރު ވާތު ބެކް ރޮބާޓޯ ކާލޮސް ނިންމައިފި އެވެ.

އުމުރުން 42 އަހަރުގެ ކުރީގެ އެންމެ މޮޅު ވާތު ބެކް ކޯޗު ކޮށްދޭނީ ދިއްލީ ޑައިނަމޯސް އަށެވެ. މިދިޔަ އަހަރުގެ ލީގުގައި އެ ޓީމު ލައްވާލީ ފަސް ވަނާގަ އެވެ.

ސްޕޭނުގެ ރެއާލް މެޑްރިޑަށް އެތައް އަހަރެއް ވަންދެން ކުޅުނު ރޮބާޓޯ ކާލޮސް މީހުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ އޭނާ ބާރު ހިލޭޖެހުން ތަކުންނެވެ. ހާއްސަކޮށް 1998 ވަނަ އަހަރު ފްރާންސްގެ މަޝްހޫރު ކީޕަރު ފަބިއަން ބާތޭޒް ބެލެހެއްޓި ގޯލަށް ހާފުގެ މެދުތެރެއިން އޭނާ ޖެހި ގޯލަކީ އަދިވެސް ހިޓެކެވެ.

ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ޓީމުގައި ނަގާކިޔާފައިވާ ކާލޮސް އަކީ ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ނަމަވެސް ކޯޗިންގައި މާ ވަރުތަކެއް ދެއްކުނު މީހެއް ނޫނެވެ. އޭނާ މިހާތަނަށް ކޯޗުކޮށްދިނީ ތުރުކީގެ އާދައިގެ ދެ ކުލަބަކަށެވެ.