(10 މާރިޗު 2019 އާ ގުޅޭ)
ކާޅުގެ ބޯކައިރީ ސިއްރުން އެއްޗެހިތަކެއް ކިޔެވެ. އަދި އެ ހިފައިގެން އިރުމަތީ ފެންޑާއަށް ނުކުމެ ގަހުގެ އެންމެ މަތީ އޮފިގަޑަށް އޭނާ އަރައި އަޑެއް ލައްވާލިއެވެ. އެއާއެކު އަތުގައި އިން ކާޅު ދެފަހަރު ގޮވާލާފައި އުދުހިގަނެއްޖެއެވެ. އެއަށް ބަލަން ހުރެ ޒިޔަޒެލް ބޯޖަހާލީ މަތީގައި އޮތް ކާޅު ވެސް ތިރިއަށް ބަލާލުމުންނެވެ.
ރައުލް ތުނޑިއާ ދިމާއަށް އައިއިރު އެތަނުގައި އޭނާގެ އެކުވެރިން ތިއްބެވެ. އެމީހުންގެ ތެރެއިން ހާސްވެފައި ހުރިހެން ހީވަނީ ރާވިންއެވެ. އޭނާ ރާޅުފަށުގައި ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. ރައުލްގެ ހިލަންވުމުން އެންމެން ވެސް އޭނާއާ ބައްދަލުކުރުމަށް އަވަސްވެގަތެވެ.
"އެ މީހުން ޤަބޫލުނުވިތަ؟ އެހެންވެތަ އީޝަލް ގޭގައި ނެތީ؟" ރާވިން ނިކަން އަވަހަށް އެހިއެވެ.
"އަހަރެން ހަނދާންނެތުނީ، އަހަރެން އެނބުރި އަންނައިރު އީޝަލް ނުހުރެދާނޭ މީކާޢިލް ބުނި، އެހެންވިޔަސް ޒިޔަޒެލް އަހަރެންނާ ބައްދަލުކުރާނޭ ބުނި، އަދި އީޝަލްއާ ކައިވެނިކުރަން ބޭނުންވާނަމަ އަހަރެން ޖެހޭނީ އީޝަލް އެނބުރި އަންނަން ދެން މަޑުކުރަން... ބައްޕަގެ ހުއްދަ ހޯދަން އަހަރެން ދިޔައީ އެކަމަށް އެއްބަސްވެފައި، އެ މީހުން އީޝަލް ތަމްރީނުކުރަން ބޭނުންވޭ، އީޝަލްގެ އަމިއްލަ ރައްކާތެރިކަމަށް... ސޭމެސް، ކަލޭ އަހަރެންނަށްވުރެ ދޮށި، އަހަރެން ފާޅުގައި ނުބުންޏަސް ތީ އަހަރެންގެ ބޭބެކަމުގައި ޤަބޫލުކުރަން، އީޝަލްއާ މެދު ކަލޭގެ ހިތުގައިވާ އެއްޗެއް ބުނެބަލަ، އަހަރެން އެ އަންހެންކުއްޖާއަށް ޓަކައި ވަރަށް ބޮޑު ފިޔަވަޅެއް އަޅަން ނިންމައިފިން، ކަލޭމެން އެކަން ޤާބޫލުކުރާކަށް އަހަރެން ނުބުނާނަން، މީ އަހަރެންގެ އަމިއްލަ ދިރިއުޅުން، ބޭނުން ވަގުތަކު އެނބުރި ދިއުމުގެ އިޚްތިޔާރު ތިޔައިގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބިގެންވޭ" ރައުލް ވާހަކަދެއްކިއެވެ.
"ރައުލްއާ ދެކޮޅަށް ތެދުވުމުގެ ނިޔަތެއް އަހަރެންގެ ނެތް، އީޝަލްއާއި އޭނާގެ ޢާއިލާ ކަމެއް ސިއްރުކުރާހެން އަހަރެންނަށް ހީވަނީ، އަހަރެން ކަންބޮޑުވަނީ ރައުލްއާމެދު، އެމީހުންގެ ފަރާތުން ރައުލްއަށް ކަމެއްވެދާނެތީވެ" އެންމެންގެ މޫނަށް ބަލާލާފައި ސޭމެސް ވާހަކަދެއްކިއެވެ.
"އީޝަލްއާއި އޭނާގެ ޢާއިލާއާ ބެހޭ ގޮތުން އަހަރެންނަށް ނޭނގޭކަމެއްނެތް، އެކަމަކު ހުރިހާ ސިއްރުތަކަކީ ފާޅުކުރެވޭނޭ ކަންކަމެއްނޫން، އަހަރެންގެ މައްޗަށް އެ މީހުންގެ ފަރާތުން ގެއްލުމެއްނެތް... އަހަރެންނަށް އިތުބާރުކުރޭ، ކަލޭމެން ގާތު ހުރިހާ ވާހަކައެއް ބުނެވެންނެތީ އީޝަލްގެ ރައްކާތެރިކަން އަހަރެންނަށް މުހިންމުވީމަ، އަހަރެން ގަސްދުކުރަނީ އީޝަލްއާއެކު މިތަނުގައި ދިރިއުޅެން، އަހަރެމެންގެ ތެރެއަށް ގެންގޮސްގެން އަހަރެންނަށް އޭނާ އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ނުކުރެވޭނެތީ، އަދި އަހަރެން އެ މީހުންގެ ދީނާއި އުސޫލުތައް ޤަބޫލުކޮށް އެކަމަށް ތަބާވާން ނިންމައިފިން" ރައުލް ގަސްދުކޮށްފައިވާ ގޮތް ހާމަކުރިއެވެ. އެންމެންގެ ނަޒަރު ރައުލްއަށް ހުއްޓިފައިވީއިރު އެއިން ކޮންމެ މީހެއްގެ މޫނުން ފާޅުވަނީ ހާސްކަމެވެ.
"އަހަރެން ހުންނާނީ ރައުލްއާއެކު، ރައުލް ތަބާވާ ކޮންމެ ކަމަކަށް އަހަރެން ބޯލަނބާނަން" ދާރިއުސް ބުންޏެވެ. ރައުލްއަށް ފިނިނޭވާއެއް ދޫކޮށްލެވުނެވެ.
"އަހަރެން... އަހަރެން ވެސް ރައުލްއާއެކު ހުންނާނީ" އެކަކުއަނެކަކަށް ބާލާލާފައި ހަތޯރު ބުންޏެވެ.
"މި ނިންމުމުގެ ސަބަބުން އަހަރެމެންގެ ދުޝްމިނުން ގިނަވާނެ، ބޭރީތުގެ ހިމާޔަތުން ބޭރުކޮށްލާނޭކަން ޔަގީން، ކަލޭމެންނަށް ނިކަމެތިކަމެއް ލިބޭކަށް އަހަރެން ނޭދެން، އެހެންވެ މިބުނަނީ... އަހަރެންނާ ވަކިވެ އެނބުރި ދިޔަ ނަމަވެސް އަހަރެން ކަލޭމެން އެކަކުގެ މައްޗަށް ވެސް ހިތްބަރެއްނުކުރާނަމޭ، އަހަރެން އުފަންވީ އެ މީހުންގެ ތެރެއަށް، އެހެންވިޔަސް އަދިދަށް ވެސް އަހަރެންނަށް އެ މާޙައުލުވަނީ ބީރައްޓެހިތަނަކަށް" ރައުލް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.
"އަހަރެން މި ހުރީ ރައުލްއާއެކު" ދާރިއުސް ކުރިއަށް ޖެހިލައި ބުނެލިއެވެ.
"އަހަރެންގެ ޟަމީރު ބޭނުންވަނީ ރައުލްގެ ތި ނިންމުމުގައި ބައިވެރިވާން، އެކަމަކު... އަހަރެން... ލާވީއާއި ޔާފިއާ" ރާވިންއަށް ވާހަކަދައްކަން އުނދަގޫވިއެވެ. ރައުލް އައިސް ރާވިންގެ ކޮނޑުގައި ކަނާއަތްތިލަ ބާއްވާލިއެވެ. އޭނާ އެއްޗެއް ބުނަން އުޅެނިކޮށް ސޭމެސްގެ އަޑު އިވުނެވެ.
"އަހަރެން ވެސް މިހުރީ ރައުލްއާއެކު، ކަލޭގެ ދުޝްމިނަކީ އަހަރެންގެ ދުޝްމިނެއް، އަދި ކަލޭ ގުޅުން ބަދަހިކުރަން ބޭނުންވާ ބަޔަކާ އަހަރެން ވެސް ހުންނާނި ރުހިގެން، ހަޤީޤީ ވެރިއެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ސިފައެއް އަހަރެން ދުށީ ކަލޭގެ ފަރާތުން، ކަލެއަށްވުރެ އުމުރުން ދޮށިވިޔަސް އަހަރެންގެ ހިތާއި ޟަމީރު ކަލެއަށް ތަބާވުމަށް އަހަރެން ގާތު ބުނިއިރު ކަލޭގެ އުމުރުން ވާނީ އެންމެ ހަތްއަހަރު، އެކަމެއްގައި ގެއްލުމެއް އޮތްނަމަ ކަލޭ އެކަމަކަށް އަމިއްލަ ނަފްސު ހުށައެއްނާޅާނެކަން އަހަރެން ޤަބޫލުކުރަން، އަހަރެން ކަލެއަށް ފުރިހަމައަށް އިތުބާރުކުރަން، ރައުލް!... މިއަދަށްފަހު ކަލޭގެ ކޮންމެ ނިންމުމެއްގައި އަހަރެން ހުންނާނީ ކަލެއާއެކު، މަރު އައިސް ޖެހެންދެން އަހަރެން ކަލެއާއެކު ދުޝްމަނުންނާ ކުރިމަތިލާނަން" ސޭމެސް ބުންޏެވެ. އޭނާގެ ވާހަކައިން ރާވިން އިސްދަށަށް ޖަހާލި ގޮތަށް ދުރަށް ހިނގައިގަތެވެ. ހަތޯރު ހުރީ ފުން ވިސްނުމަކަށް ގެއްލިފައި ހުރި މީހަކު ފަދައިންނެވެ.
"ކުއްލިއަކަށް ނިންމުންތަކެއް ނިންމާކަށް އަހަރެން ނުބުނަން، ވަގުތު އެބައޮތް... މިވަގުތު ޒިޔަޒެލް ހުރީ އަހަރެމެންގެ އިންތިޒާރުގައި، ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް އޭނާ އަހަރެމެންނަށް ދަޢުވަތުދީފި، އަހަރެން މިއައީ ކަލޭމެން ބަލައި، ފަހުން ބުނަން ގަސްދުކުރި ވާހަކައެއް މިބުނެވުނީ މާ އަވަހަށް، މިކަމުގައި ވަގުތު ދިގުލައިފި، ޒިޔަޒެލް އިންތިޒާރުގައި ބެހެއްޓުން ރަނގަޅެއްނުވާނެ... ހިނގާ ދަމާ" ރައުލް ބުނެލިއެވެ. ރާވިން ނޫނީ އެންމެން ހިނގައިގަތެވެ. އެކަން އެނގުމުން ރައުލް މަޑުކުރިއެވެ. ރާވިން ގޮވައިގެން ރައުލް އަންނާނަން ކަމުގައި ބުނެ ދެންތިބި މީހުން ފޮނުވާލިއެވެ.
"ރާވިން..." ރައުލް އައިސް ރާވިންގެ ގާތުގައި މަޑުކޮށްލަމުން ގޮވާލިއެވެ.
"އެކަކު އެއްބަސްނުވިޔަސް އަހަރެން އެއްބަސްވާނޭކަމަށް ރައުލް އުންމީދުކުރާނޭކަން އެނގޭ" ރާވިންއަށް ރައުލްއާ ނަޒަރު ސީދާކޮށްލާކަށް ނުކެރުނެވެ.
"ބައެއްފަހަރު ކިތަންމެ ބޭނުންވިޔަސް އެކުގައި ނުތިބެވޭނޭ ވަގުތު އާދެއެއްނު، ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ، ޔާފިއާއާއި ލާވީއަކީ ރާވިންގެ ދިރިއުޅުންކަން އަހަރެންނަށް އެނގޭ، ރާވިންގެ ނިންމުން އަހަރެން ޤަބޫލުކުރާނަން، އެކަމަކު... އަހަރެންގެ ދުޝްމިނެއްގެ ގޮތުގައި އަހަރެންގެ ކުރިމަތީ ހުރެއްޖެނަމަ އަހަރެން ކަލެއަށް ދުވަހަކުވެސް މަޢާފެއްނުކުރާނަން" ރައުލް ބުންޏެވެ. ރާވިން ކުއްލިއަކަށް ރައުލްގެ ގައިގާ އޮޅުލައިގަތެވެ.
"އެދުވަހެއްނާންނާނެ... އަހަރެން..." ރާވިން ބުނަން ބޭނުންވިޔަސް އޭނާ ފާޅުކުރަން ޖެހިލުންވިއެވެ.
"ދެން ހިނގާ" ރައުލް އޭނާގެ ބުރަކަށީގައި މަޑުމަޑުން ޖަހާލިއެވެ. އަދި ރާވިން އަތުގައި ހިފާ ދަމާލުމާއެކު އޭނާ ގޮވައިގެން ރައުލް ޣައިބުވެއްޖެއެވެ.
* * * * *
ވެލިގަނޑު މަތީ އަޅާފައި އޮތް ކުނާގައި އީޝަލްއާއި މިޒަރެންގެ އިނެވެ. ލުގަލްބަންދާ އޮތީ އީޝަލް އިން ފަރާތު ވެލިގަނޑުމަތީ ބަނޑުޖަހާލައިގެންނެވެ. އަތުގައި އޮތް މާޅެސްކެޔޮ ދެފަޅި ކޮށްލައި އެއްފަޅި ލުގަލްބަންދާގެ އަނގަޔަށް އީޝަލް ލަވާދިނެވެ. އަދި އަތުގައި އޮތް ފަޅި އޭނާ ކާންފެށިއެވެ. އޭރު ޖަހާފައި ހުރި އަލިފާންގަނޑުގެ ހޫނުކަން އެންމެންނަށް ވެސް ކުރެވެއެވެ. މީކާޢިލް އިނީ އަލިފާންގަނޑު ކައިރީގައެވެ. ދެންތިބި އެންމެންނަށް ފުރަގަސް ދީގެންނެވެ. ދޭތެރެއަކުން އަލިފާންގަނޑަށް ލާފައި ހުރި ދަރުތައް މީކާޢިލް ހަމަޖައްސާލައެވެ.
މިޒަރެންގެ ވާހަކަތައް އަޑުއަހަން އިނދެފައި ކުއްލިއަކަށް އީޝަލް ތެދުވިއެވެ. އޭނާ އުޑުމަތި ބަލަން ފެށުމުން މިޒަރެން ހާސްވިއެވެ. ލުގަލްބަންދާ ވެސް އޮތްތަނުން ތެދުވީ އީޝަލްގެ ހަރަކާތްތައް ހުރިގޮތް ފެނިއެވެ.
"މީކާޢިލް" މިޒަރެން ގޮވާލިއެވެ. މީކަޢިލް ވެސް އިންތަނުން ތެދުވެއްޖެއެވެ. އޭނާ ވެސް އުޑުމަތި ހޯދަން ފެށިއެވެ.
"މި ދިމާލަށް އެ އަންނަނީ... ޒިޔަޒެލް ކަންނޭނގެ" އީޝަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ޣުރާބް..." މީކާޢިލް މަޑުމަޑުން ބުނެލިއެވެ.
"އެއީ ކާކު؟" އީޝަލްއަށް މީކާޢިލް ބުނި އެއްޗެއް އިވި އަހާލިއެވެ. ގިނައިރެއްނުވެ އެންމެންނަށް ވެސް ހުދު ކުލައިގެ ދޫންޏެއް ފެނިއްޖެއެވެ. އެއީ ކޮން ދޫންޏެއްކަން މީކާޢިލްއަށް އެނގޭ ކަހަލައެވެ. ނަމަވެސް އޭނާ ހުރީ ހިމޭނުންނެވެ. އެމީހުންގެ ބޯމަތިން އެ ދޫނި ދެ ބުރު އެޅިއެވެ. މީކާޢިލް އެއަށް ބަލަން ހުރެ އޭނާގެ ވައަތް ދަމާލީ ދެނެވެ. އެއާއެކު މަތީގައި އޮތް ދޫނި ތިރިއަށް ފައިބަން ފެށިއެވެ. ވަކި ވަރަކަށް ކައިރިވުމުން އެއީ ކާޅެއްކަން އީޝްލްއަށް ޔަގީންވިއެވެ.
"އެއީ ޒިޔަޒެލްގެ ކާޅެއް... އެއައީ އޭނާގެ ޚަބަރެއް ހިފައިގެންކަންނޭނގެ" އީޝަލްގެ ގާތުގައި މިޒަރެން ބުނެލިއެވެ.
ކާޅު އައިސް ތިރިކުރީ މީކާޢިލްގެ އަތަށެވެ. އޭގެ ފައިގައިވާ ބަޑީގެ ތެރެއިން ޒިޔަޒެލް ފޮނުވި މެސެޖު މީކާޢިލް ނެގިއެވެ. އަދި އެތަނުގައި ފަޅާފައި އޮތް ކުރުނބާ ފަޅިއަކަށް ފެންފޮދެއް އަޅައި އޭގެ ކައިރީ ކާޅު ބެއިންދިއެވެ. އީޝަލްގެ ޖެހެލީ ކާޅު ފެންނަ ހިސާބަށެވެ. އެ ސޮރުގެ ހަރަކާތްތަކަށް ބަލަން ދުރުގައި ހުއްޓެވެ.
"ޒިޔަޒެލްގެ ޚާއްޞަ އެއްޗެއް ދޯ އެއީ، އެހެންވެ އަހަންނަށް އެ ހީވީ ޒިޔަޒެލް އަންނަނީއޭ، އޭނާގެ ބާރުގެ އަސަރު އެ ކާޅުގެ ވަށައިގެން ވާކަހަލަ... އަހަރެން ކުރިން ނުދެކެން އެ ކާޅެއް... އަހަރެމެން އައި ފަހުން ޒިޔަޒެލްގެ ޚަބަރެއް އެވީ ފުރަތަމަ ފަހަރަށް ދޯ... އެކޮޅުގައި ކަމެއް ހިނގީތަ؟ ރައުލް އައީ ކަންނޭނގެ ދޯ" އީޝަލް ވާހަކަދެއްކީ މިޒަރެންނާއެވެ.
"ނޭނގެ ބުނާކަށް، ވެދާނެ އީޝަލްގެ މާމައާއި ބޮޑުދައިތަ އައީ ކަމަށް ވެސް، އެ މީހުންނަށް ވެސް މިއިން އެއްވެސް ކަމެއްގެ ޚަބަރެއް ނުވެއެއްނު އަހަރެން އައީ" މިޒަރެން ބުންޏެވެ.
"އާން ތިހެން ވެސް ވެދާނެ، ބައްޕަ ގާތު އަހަމާ" އީޝަލް ބުންޏެވެ. މިޒަރެން އެކަމާ ގުޅިގެން ހަމައެކަނި ބޯޖަހާލީއެވެ.
މީކާޢިލް ޖަވާބު ލިޔެ ކާޅުގެ ފައިގައިވާ ބަޑިއަށް ލައްވާލިއެވެ. އަދި އެނބުރި ދިއުމަށް ކާޅަށް އަމުރުކުރިއެވެ. އެ ސޮރު މަޑުކުރުމެއްނެތި އުދުހިގަތީއެވެ. އީޝަލް މަޑުކޮށްލައިގެން ހުރީ މީކާޢިލް އެއްޗެކޭ ބުނާނޭ ކަމަށެވެ. ނަމަވެސް އޭނާ އެއްވެސް ވާހަކައެއް ނުދައްކައި އިހު އިން ގޮތަކަށް އަލިފާންގަނޑު ކައިރީ އިށީނީއެވެ. ތުންފިއްތާލަމުން އީޝަލް ބަލާލީ މިޒަރެންނަށެވެ. މިޒަރެން ބޮލުން އިޝާރާތްކޮށްލީ މީކާޢިލް ގާތު އަހާށޭ ބުނާ ފަދައިންނެވެ. ޖެހިލުންވެފައި ހުރެ ވެސް އީޝަލް އައިސް މީކާޢިލްގެ ގާތުގައި މަޑުކޮށްލިއެވެ. އިރުކޮޅަކު ހުރެފައި އީޝަލް އެއްޗެކޭ ބުނަން އަނގަހުޅުވާލުމާއެކު މީކާޢިލް ވާހަކަދެއްކިއެވެ.
"އީޝަލް... ބޭކާރު ކަންކަމުގައި ހަކަތަ ދުއްވާނުލާ... ވަރުބަލި ފިލައިފިއްޔާ ލުގަލްއާއި މިޒަރެންނާއެކު މަސައްކަތް ފަށާ" މީކާޢިލް ބުންޏެވެ. އެ އައި ސިޓީއާ ގުޅިގެން މީކާޢިލް ވާހަކަނުދައްކާނަމޭކަން އެބުނަނީ އީޝަލް ދެނެގަތެވެ. އެހެންވެ އިތުރަށް ސުވާލުކުރުން ވާނީ ބޭކާރުކަމަކަށެވެ. ކަރުއެލުވާލައިގެން ހުރެ މިޒަރެންއާއި ލުގަލްބަންދާ ގާތަށް އީޝަލް އެނބުރިއައެވެ.
* * * * *
އަވަށްޓެރި ޖިންނީން ހިފައިގެން އައި ކާއެއްޗެހި ބޮޑުއަށިމަތީ އަތުރާފައި އެ މީހުން އެނބުރި ދިޔައީއެވެ. އެކަން ހަމަޖެހި ނިމުނުއިރު އެގެއަށް ރައުލްމެން ވެސް އަތުވެއްޖެއެވެ. އެމީހުންނާއެކު ބޮޑުއަށީގައި ޒިޔަޒެލް ހަމަޖެހިލިއެވެ. އޭނާއަށް ރައުލްއާއި އޭނާއާއެކުވީ މެންބަރުގެ މެދުގައިވީ ހިމޭންކަން ފާހަގަކުރެވުނެވެ. މާގިނަ ވާހަކައެއް އެކަކު ވެސް ނުދެއްކިއެވެ. ސަމާސާ ކުރުން އެއްވެސް ވަރަކަށް ރާވިންގެ ފަރާތުން ނުފެނުމުން ރައުލް އެ މީހުންގެ ގާތުގައި ހުރިހާ ވާހަކައެއް ދެއްކީކަން ޒިޔަޒެލްއަށް ޤަބޫލުކުރެވުނެވެ.
"އީޝަލް އެނބުރި އަންނާނީ ކިހާތާކު؟" ކައި ނިންމާފައި ހުރިހާ މެންބަރުން ޒިޔަޒެލްގެ ގެއިން ނުކުންނަން އައި ވަގުތު ރައުލް އެއްސެވެ.
"އެހެންބުނާކަށް ނޭނގެ، ރައުލް އަތުވެއްޖެކަމުގެ ޚަބަރު މީކާޢިލްއަށް މިހާރު ލިބިފައިވާނީ" ޒިޔަޒެލް ބުންޏެވެ. ރައުލް ބޯޖަހާލަމުން އެ ގެއިން ނުކުތެވެ.
ބޮޑު ތުނޑިއާ ދިމާއަށް ނުކުމެވުމާއެކު ރާވިން ބަލާލީ ރައުލްއަށެވެ. އޭނާ ރައުލްއާ ވާހަކައެއް ދައްކަން ބޭނުންވާކަން ހާމަކުރިއެވެ. އެހެންވެ އޭނާއާއެކު ރައުލް އެކަހެރިވެލިއެވެ. އެއާއެކު ރާވިން އެދުނީ އޭނާ އެނބުރި ދިއުމަށް ބޭނުންވާ ކަމުގައެވެ. ލާވީއަށްވުރެ ޔާފިއާއާ ބައްދަލުކުރަން މިވަގުތު އޭނާ ބޭނުންވާކަން ރައުލްގެ ގާތުގައި ބުންޏެވެ.
"ރާވިން އެނބުރި އަންނަން ގަސްދުނުކުރާނަމަ، އަހަރެން އެ ނިންމުން ޤަބޫލުކުރާނަން... އަހަރެން އަދިވެސް އެންމެ އިތުބާރުކުރާ މީހަކީ ތީ، އަހަރެންގެ ނިންމުންތަކަށް މަޢާފުކޮށްދެއްޗޭ" ރައުލް ބުންޏެވެ. އޭނާ ޒިޔަޒެލްގެ ހުރިހާ ހުށަހެޅުމެއް ރާވިންއަށް ކިޔައިދިނެވެ. އަދި އޭނާ ގަސްދުކުރާގޮތް ވެސް މެއެވެ. ނަމަވެސް އެ ނިންމުންތަކަށް ޢަމަލުކުރާނީ އީޝަލް ގޮވައިގެން ބޭރީތުގެ ގާތަށް ގޮސްފައި އައިސްކަމުގައި ރައުލް ބުންޏެވެ.
ރާޅުފަށުގައި ރައުލް މަޑުކޮށްލައިގެން ހުރީ ރާވިން މޫދަށް އެރިގެން ދިޔަ ދިމާ ބަލާށެވެ. އޭނާގެ ގާތުގައި ދެންތިބި މެންބަރުން އައިސް މަޑުކޮށްލިއެވެ.
"ކޮންތާކަށް ރާވިން އެ ދިޔައީ" ހަތޯރި އެހިއެވެ.
"އޭނާއަށް ރައުލްގެ ނިންމުން ބަލައިގަންނަން ފަސޭހަނުވީ" ސޭމެސް ބުންޏެވެ.
"ހަތޯރު... ކަލޭ ވެސް މައިންބަފައިން ގާތަށް އެނބުރި ދޭ، ކަސްދިޔާ އާއި ޒަގަންއަކީ ކަލޭގެ ޢާއިލާ، އަހަރެން ގާތުގައި މަޑުކުރުމަކީ އެ މީހުންނާ ދެކޮޅުވުން، އެގޮތް ކަމަކުނުދާނެ" މޫދަށް ނަޒަރު ހުއްޓާލައިގެން ހުރެ ރައުލް ބުންޏެވެ.
"އެމީހުން އެއީ ވަކި ރަނގަޅު ބައެއްތަ؟... މީ އަހަރެންގެ އަމިއްލަ ނިންމުން، ރައުލްގެ ފަހަތުގައި އަހަރެން ހުންނާނަމޭ ނުބުނަންތަ؟ އަހަރެމެން ބައިބައިވަނީތަ؟ ރައުލް... ކަލޭ ބޭނުންވަނީ އަހަރެމެންނާ ގުޅުން ކަނޑާލަންތަ؟ ކަސްދިޔާގެ ދަރިއަކަށް އަހަރެން ވީމަތަ އަހަރެންގެ ނިންމުން ބަލައިނުގަނެވޭނީ" ހަތޯރު އައިސް ހުއްޓުނީ ރައުލްގެ ކުރިމަތީގައެވެ. ނިތްކުރީގައި ހިފަހައްޓާލުމާއެކު ރައުލް ފިނިނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނާ ހިނގައިގަތީ އެންމެނާ ދުރަށެވެ. އޭނާގެ ފަހަތުން ހަތޯރު ދާން އުޅުމުން އޭނާގެ ކޮނޑުގައި ސޭމެސް ހިފެހެއްޓިއެވެ.
"މިވަގުތު އޭނާއާ ޖަދަލުނުކުރޭ، އޭނާ އަހަރެމެން ދުރުކޮށްލަން އުޅޭނަމަ އެ އުޅެނީ އަހަރެމެންނަށް ރަނގަޅަކަށް، އޭނާ އެކަނިވިޔަސް، އަހަރެމެންނަށް ބޭނުންވިޔަސް ނުބުނާނެ، ހަތޯރު، ރައުލް ޚިޔާރުކުރަން އެ އުޅެނީ ދަތި އުނދަގޫ ދިރިއުޅުމެއް، ބޭރީތަކީ އަހަރެމެންގެ ބައްޕަ، އެކަމަކު އޭނާގެ ދުޝްމިނުންނަށް އަހަރެމެން ވާނެ، އެކަމުން ކަލެއަށް ކުރާނޭ އަސަރު އެންމެ ބޮޑުވާނީ، ކަސްދިޔާއާއި ޒަގަން ބަލަން ތިބޭނެތަ ކަލޭ ރައުލް ކޮށައިދޭ މަގުން ހިނގަމުންދާއިރު، އެ މީހުން ކަލެއަށް ކަމެއްނުކުރިޔަސް ރައުލްގެ ފުރާނައަށް ތިބެނީ ފެންބޮވައިގެންފައި، ވިސްނާފައި ގޮތެއް ނިންމަންވާނީ... އަހަރެން ބޭނުންވަނީ ރައުލް ރައްކާތެރިކުރަން، އޭނާގެ ގާތުގައި ހުރެ" ހަތޯރުގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ސޭމެސް ވާހަކަދެއްކިއެވެ. އެ މީހުންގެ ވާހަކަ އަޑުއިވޭ ހިސާބުގައި ދާރިއުސް ހުއްޓެވެ.
(ނުނިމޭ)