ރެއާލް މެޑްރިޑް

ރެއާލްގެ ސްކޮޑު ބަދަލުކުރަން ޕެރޭޒް އެއްބަސްވެއްޖެ

ރެއާލް މެޑްރިޑްގެ ޓީމު ބަދަލު ކުރަން ޖެހޭ ކަމަށް، އެކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު މެއި މަހު، ރެއާލްގެ ކޯޗު ކަމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދިނީ، ސްކޮޑް ބަދަލު ކުރަން ޕެރޭޒް ބޭނުން ނުވުމުން ކަމަށް އަޑުތައް ފެތުރުނެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކަމަށް، ޒިދާން އަލުން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޕެރޭޒް ވިދާޅުވީ، ރެއާލް މެޑްރިޑްގެ ސްކޮޑު ބަދަލު ކުރާނެ ކަމަށެވެ. ޒިދާން ވެސް ބުނީ، ރެއާލްގެ ކޯޗު ކަމަށް އޭނާ ދިޔައީ "ދެ ވަނަ ޕްރޮޖެކްޓަށް" ކަމަށެވެ.

ޓްރާންސްފާގައި ރެއާލުން ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ ޕީއެސްޖީގެ ފްރާންސްގެ ފޯވަޑް ކިލިޔަން އެމްބާޕޭ އެވެ. އެކަމާ ބެހޭގޮތުން ޕެރޭޒް އާ ސުވާލު ކުރުމުން، މަޖާ ރާގެއްގައި އޭނާ ވިދާޅުވީ ޒިދާން އަކީ ފްރާންސް މީހެއް ކަމަށާއި އޭނާއަށް އެމްބާޕޭ ގެނެވޭނެ ކަމަށެވެ.

"ޒިދާން އަކީ ފްރާންސް މީހެއް، އެހެންވީމަ އެމްބާޕޭ ގެންނަން ކޮންމެވެސް ކަމެއް އޭނާއަށް ކުރެވޭނެ،" ސަމާސާ ރާއްގެއްގައި ޕެރޭޒް ވިދާޅުވި އެވެ. "މިހާރު އަހަރެމެން ބޭނުން ވަނީ ވީ އެންމެ ރަނގަޅަކަށް ސީޒަން ނިންމާލުމަށް ފަހު އަންނަ އަހަރަށް [ސީޒަނަށް] ތައްޔާރުވުން."

ފުރުސަތު ލިބިއްޖެނަމަ އޭނާއަށް ގެންނާނީ އެމްބާޕޭ ތޯ ނުވަތަ ނޭމާ ތޯ ސުވާލު ކުރުމުން ޕެރޭޒް ވިދާޅުވީ އެ ދެ ކުޅުންތެރިންވެސް އޭނާ އިހްތިޔާރު ކުރާނެ ކަމަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ރެއާލް މެޑްރިޑަށް އައިސް ދާނެތޯ ޒިދާން އާ ސުވާލު ކުރުމުން އޭނާ ބުނީ، ޓްރާންސްފާ އާ ބެހޭގޮތުން އަދި އެއްވެސް ވާހަކަ އެއް ޕެރޭޒްއާ އެކު ދައްކާފައި ނުވާނެ ކަމަށެވެ. ޒިދާން ބުނީ އޭނާ މިވަގުތު ވިސްނަނީ ލީގްގައި އެޓީމަށް ކުރިއަށް އޮތް 11 މެޗަށް ކަމަށެވެ.