ހަބަރު

މިއީ އީޔޫ-ރާއްޖޭގެ ގުޅުމަށް އާ ސޮފުހާއެއް: ސަފީރު

އިއްޔެ ބޭއްވި ޔޫރޮޕިއަން ޔޫނިއަން-ރާއްޖޭގެ ހަތަރު ވަނަ ޕޮލިސީ ޑައިލޮގް އިން ހުޅުވިގެން ދިޔައީ އީޔޫ-ރާއްޖޭގެ ގުޅުމަށް އާ ސޮފުހާއެއް ކަމަށް އެޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުން ލައި މާގް ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ހަތަރު ވަނަ ޕޮލިސީ ޑައިލޮގް އަށްފަހު ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ބައްދަލުވުމަކީ ވަރަށްވެސް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

ބައްދަލުވުމުގައި މުހިންމު ބައެއް ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ސަރުކާރު ހިންގުމުގެ އާ ތަސައްވުރުތަކާއި ޑެމޮކްރަސީ އިތުރަށް ހަރުދަނާ ކުރެވެން ހުރި ކަންކަމާއި ގެޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެކަންކަމުގައި ސަރުކާރުގެ ޕްލޭންތަކާއި އީޔޫއިން ވެވެންހުރި އެހީތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ އިތުރުން އިކޮނޮމީއާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކަށް އިންވެސްޓަރުން ގެނައުމާއި ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރެވިފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

"މި ބައްދަލުވުމަކީ ވަރަށްވެސް ކާމިޔާބު ބައްދަލުވުމެއް، ވަރަށް އުފާވި މި ބައްދަލުވުމުގައި ބައިވެރިވެވުނީތީ، މިއީ އީޔޫ-ރާއްޖޭގެ ގުޅުމަށް އާ ސޮފްހާއެއް،" ސަފީރު ވިދާޅުވި އެވެ.

އެބައްދަލުވުމަށްފަހު ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނެވި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއަށް އިގްތިސާދީ ފައިދާތައް ހޯދުމާ ގުޅޭ ގޮތުން އީޔޫގެ ގައުމުތަކާ އެކު ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން، ދިވެހި ވިޔަފާރިވެރިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އީޔޫއަށް ބޭރު ކުރާ މަހުން 24 ޕަސެންޓް ނަގަމުން ދިޔުން ކަން ފާހަގަ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ އަދަދު ކުޑަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ދެންނެވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެކަމަށް އީޔޫގެ ގައުމުތަކުން މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވި. ދެން ދިވެހިން އީޔޫގެ ގައުމުތަކަށް ދަތުރުކުރުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު، އޭގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީއާ އިންސާނީ ހައްގުތަކާއި ރާއްޖޭގެ މިނިވަން މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތައް ވަރަށް ބޮޑު ތަރުހީބެއް އީޔޫގެ ގައުމުތަކުން ލިބިގެންދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބައްދަލުވުމުން އެނގިގެން ދިޔައީ ރާއްޖޭގެ ރައްޔިތުން ގެނައި ބަދަލަށް އީޔޫގެ ގައުމުތަކުން ވަރަށް ހޫނު މަރުހަބާއެއް ކިޔައި އެކަން ބަލައިގެންފައިވާ މިންވަރު ކަމަށެވެ.

"ހަތަރު ވަނަ ޕޮލިސީ ޑައިލޮގް އިން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ދިވެހި ރާއްޖެ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ބަލައިގެންފިކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވި އެވެ.