ވިކްޓަރީ

ނާކާމިޔާބު ވިޔަސް އެފްއޭމްގެ ލީޑަޝިޕް ބަދަލުކުރުމުގެ މަސައްކަތް ހުއްޓާނުލާނެ: ނާޝް

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވިކްޓަރީ ބޭނުންވާ ގޮތަށް ކާމިޔާބު ނުވިނަމަވެސް އެފްއޭއެމް ބަދަލު ކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން ކޮންގްރެސް ނުބޭއްވުމުން، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުން ލިބޭ ބާރުގެ ދަށުން، ވިކްޓަރީން ވަނީ ކޮންގްރެސް ބޭއްވުމަށް ތައްޔާރު ވެފަ އެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގެ ނަންބަރު ދޭއް ގައި ބުނެފައި ވަނީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް 14 ދުވަހުގެ ތެރޭގައި ނުބާއްވައިފިނަމަ ނުވަތަ ނުބޭއްވިއްޖެނަމަ، ކުލަބުން އިސްނަގައިގެން ކޮންގްރެސް ބޭއްވުމަށް ފީފާ ނުވަތަ އޭއެފްސީގެ އެހީއަށް އެދެވިދާނެ ކަމަށެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ، ކޮންގްރެސް އޮންނާނީ ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި އެދުވަހު ހަވީރު އެވެ. ކޮންގްރެސްއަށް ދާ ކުލަބުތަކުގެ ވަފުދު މާލެއިން ފުރުމަށް ހަމަޖެހިފައި ވަނީ އެދުވަހުގެ މެންދުރުފަހު 2:00 ގަ އެވެ.

ޕީއެސްއެމްގެ 'ދިވެހި ފުޓްބޯޅަ' ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޑރ. ނާޝް ވިދާޅުވީ ކޮންގްރެސް ކާމިޔާބު ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި އެހެން ނަމަވެސް ކޯރަމް ހަމަ ނުވެގެން ކޮންގްރެސް ނުބޭއްވި ނުވަތަ ވިކްޓަރީ ބޭނުންވާ ގޮތަށް ކޮންގްރެސްއިން ފާސް ނުވި ނަމަވެސް މަސައްކަތް ހުއްޓާލާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

ނާޝް ވިދާޅުވީ ގަރާރަށް ސޮއި ދީފައިވާ 15 ކުލަބުން ކޮންގްރެސްއަށް އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމަެއް ލިބިފައިވާ ކަމަށާއި އެ ކުލަބުން ދިން ދައުވަތު ކުލަބުތަކުން ހަވާލުވެ ގަބޫލު ކޮށްފައިވާ ކަމަށެވެ.

"ދެން އެ ކުލަބުތައް (ކޮންގްރެސް އަށް) އަންނާނެ ކަމުގެ ޔަގީން ކަން އަޅުގަނޑުމެންނަށް ކުރެވޭނީ ހުކުރު ދުވަހު ލޯންޗަށް އެރީމަ،" ނާޝިދު ވިދާޅުވި އެވެ. "ފަހަރެއްގައި ކޯރަމް ހަމަ ނުވެގެން ނާކާމިޔާބު ވިޔަސް އަޅުގަނޑު އެއްގޮތަކަށްވެސް ނުދެކެން މީ ނިމުމެއް ކަމަކަށް.

އޭނާ ވިދާޅުވީ ވިކްޓަރީ ބޭނުންވާ ގޮތަށް ކޮންގްރެސްގައި ނުނިމުނަސް، ވިކްޓަރީ މަސައްކަތް ކުރާނީ ކުޅިވަރު ކުލަބެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"މި ސާލަކަށް އަޅުގަނޑުމެން ބަލިވީ، އަޅުގަނޑުމެންނަށް ނާކާމިޔާބު ވީ، އަޅުގަނޑުމެންނަށް ވޯޓް ނުލިބުނީ، އެހެން ވެއްޖެއްޔާވެސް އަޅުގަނޑުމެންނަކީ ކުޅިވަރު ކުލަބެއް، އެއް މެޗުން ބަލިވީމަ ބޯތިރިކޮށްލާފައި ދިޔައީމަ، ކުޅިވަރެއް ވާދައެއް މުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ހަމަ ތިބޭނަން އެފްއޭއެމް ރަނގަޅު ވަންދެން، އަޅުގަނޑުމެންގެ ވާހަކައަކީ މި ގަވާއިދުތަކާ އެއްގޮތަށް ގެންދާށޭ، ދެފުށް ފެންނަ ގޮތަށް އެފްއޭއެމް ހިންގާށޭ."

ނާޝިދު ވިދާޅުވީ، ފުރަތަމަ ޑިވިޝަންގެ ކުލަބަކަށް ވެފައި ކޮންގްރެސްގައި ކޮންމެ ކުލަބަކަށް ދެ ވޯޓް ލެވޭގޮތަށް ގަވާއިދު އޮތުމަކީ ވިކްޓަރީން ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެފްއޭއެމްގައި އެހެން ހުރި ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް މިހާރު އޮތް އަސާސީ ގަވާއިދު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދެއްކެވި، އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކެޓްރީ ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ ގަވާއިދު އިސްލާހު ކުރުމަށްޓަކައި ނޯމަލައިޒޭޝަން ކޮމިޓީއަކަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނަށް އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރެވިގެން ނުވާނެ ކަމަށް ހާމިދު ވިދާޅުވި އެވެ.