ވިކްޓަރީ

ވިކްޓަރީގެ މުހުލަތު 15 އަށް، އެއަށްފަހު ސަސްޕެންޑް

މައްސަލަތައް ހައްލު ކުރުމަށް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވިކްޓަރީ ސްޕޯޓްސް ކުލަބަށް ފަހުގެ މުހުލަތު ދީ، އެ ދުވަހުގެ ނިޔަލަށް ކަންކަން ހައްލު ނުކޮށްފިނަމަ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ވިކްޓަރީ ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން ވަނީ އިއްޔައިން ފެށިގެން ވިކްޓަރީއަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ޓްރާންސްފާ ބޭންގެ އަދަބު ވެސް ދީފަ އެވެ.

މިދިޔަ އަހަރު ވިކްޓަރީއަށް ކުޅުނު ކުޅުންތެރިންނާއި، މި އަހަރު އެ ޓީމަށް ކުޅެމުންދާ ކުޅުންތެރިންނާއި ކޯޗުންނަށްވެސް މުސާރަ ނުދޭ މައްސަލައިގެ އިތުރުން، ދިވެހި ޕްރިމިއާ ލީގް މެޗުތަކަށް ވިކްޓަރީގެ ޓީމު ހާމަނުވުމުގެ ސަބަބުން މެޗު ނުކުޅެ ދޫކޮށްލާ މައްސަލައާ ގުޅިގެން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމުންތަކެއް ނިންމާފަ އެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުދީފިނަމަ ވިކްޓަރީ ސްޕޯޓްސް ކުލަބު ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް އެކްސްކޯއިން ވަނީ ނިންމާފަ އެވެ. އޭގެ ފަހުންވެސް އެ ފައިސާ ދައްކައިފިނަ ސަސްޕެންޝަންގެ އަދަބުން ވީއްލޭނެ ކަމަށްވެސް އެފްއޭއެމުން އިއްޔަ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެފްއޭއެމުން ވިކްޓަރީ އަށް މުހުލަތު ދީފައިވާ އަނެއް ކަމަކީ ކުލަބު ލައިސެންސްގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމެވެ. އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލަ މި މަހުގެ 15 ދުވަހުގެ ކުރިން ހައްލު ނުކޮށްފިނަމަ ކުލަބު ލައިސެންސިން ކޮމިޓީއަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ވިކްޓަރީއަށް އެޅި ފިޔަވަޅުތައް

  • ޓްރާންސްފާ ބޭންގެ އަދަބު
  • ހައްލު ނުކޮށްފިނަމަ މިމަހުގެ 15 ގެ ފަހުން ސަސްޕެންޑް
  • ކުލަބު ލައިސެންސިން ކޮމިޓީއަށް މައްސަލަ ފޮނުވުން
  • ކުރިއަށް އޮތް މެޗަށް ހާޒިރު ނުވެއްޖެނަމަ ލީގުން ވަކި ކުރުން

ކުލަބު ލައިސެންސިންގެ ގަވާއިދު ބުނާ ގޮތުން އޭގެ ކުރީ ސީޒަންގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ހަލާސް ނުކޮށްފިނަމަ ލައިސެންސް ފުރިހަމައެއް ނުވާނެ އެވެ. ކުލަބު ލައިސެންސިންއަށް އެދުމުގެ ފުރުސަތު ވިކްޓަރީއަށް ދިނީ ކުޅުންތެރިންގެ ފަރާތުން ހުށަހަޅަން ޖެހޭ ލިޔުންތަކެއް ވިކްޓަރީން ހުށަހަޅާފައި ވުމުންނެވެ. އެއީ މުސާރަތައް އެކިފަހަރު މަތިން ދައްކާ ހަލާސް ކުރުމުގެ އިއުތިރާޒެއް ނެތް ކަމަށް ކުޅުންތެރިންގެ ފަރާތުން ވިކްޓަރީން ހޯދި ލިޔުންތަކެކެވެ. އޭގެ ދަށުން ކުޅުންތެރިންނަށް މުސާރަތަކުގެ އެއްބައި ވިކްޓަރީން ދިނެވެ. ލައިސެންސް ނެތި ދިވެހި ޕްރިމިއާ ލީގްގައި ނުކުޅޭވެނެ ކަމަށް އެފްއޭއެމުން ނިންމިނަމަވެސް، ވިކްޓަރީން ލީގްގައި ކުޅެފައި ވަނީ އެފްއޭއެމްގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ، ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ލީގްގައި ވިކްޓަރީ ސްޕޯޓްސް ކުލަބުން ކުޅެން ޖެހޭ މެޗަށް ޓީމު ހަމަ ނުކުރެވިއްޖެނަމަ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވިކްޓަރީ ސްޕޯޓްސް ކުލަބު ލީގުން ވަކި ކުރާނެ ކަމުގެ އިންޒާރެވެ.

ލީގްގައި އެންމެ ފަހުން ކުޅެން އޮތް ތިން މެޗަށްވެސް ވިކްޓަރީގެ ޓީމު ހަމަ ކުރެވިފައެއް ނުވެ އެވެ. އެންމެ ފަހުން ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރު ނުވުމުން އެފްއޭއެމުން ވަނީ ވިކްޓަރީގެ އަދަބު ބޮޑު ކޮށްފަ އެވެ.