ރިޕޯޓް

ދިވެހި ހަނގުރާމަ އާއިލާތައް ގެންނަން ހުރަސް!

ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާއަށް ދިޔަ އިނގިރޭސިވިލާތުގެ އަންހެން ކުއްޖަކު އެނބުރި ގައުމަށް ދާން ބޭނުންވި ވާހަކަ ދާދިފަހުން ދުނިޔޭގެ ސަމާލުކަން ހޯދި އެވެ. އުމުރުން 15 އަހަރުގައި ޝަމީމާ ބޭގަމް އޭނާގެ ދެ ރަހުމަތްތެރިންނާއެކު ސީރިއާ ދިޔައީ އާއިލާ ދޫކޮށް މުސްތަގުބަލުގައި ކޮޅުފައިން ޖަހާފަ އެވެ. މިހާރު ޝަމީމާއަށް 19 އަހަރެވެ. އޭނާ ބޭނުންވަނީ އެނބުރި ގައުމަށް ދާށެވެ. ރެފިއުޖީ ކޭމްޕެއްގައި ބިކަ ހާލުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ޝަމީމާ ވިހޭ ދަރިފުޅު ވެސް މަރުވެއްޖެ އެވެ. އިނގިރޭސި ވިލާތުން އޭނާއާ ހަވާލެއް ނުވި އެވެ. ބަންގްލަދޭޝަށް ނިސްބަތްވި ނަމަވެސް، ބަންގާޅުންވެސް ޝަމީމާއަށް ދިނީ ފުރަގަހެވެ. ގައުމެއް ނެތި، އާއިލާއާ އެތަކެއް މޭލު ދުރުގައި، ޝަމީމާގެ މުޅި ހަޔާތްވަނީ އަނދިރިގަނޑެއްގެ ތެރޭގަ އެވެ.

ސީރިއާ ފަދަ ހަނގުރާމަވެރި ބިންތަކުގައި އެތަކެއް ޝަމީމާއެއް ދިރިއުޅެ އެވެ. އެންމެ ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އޭޕްރީލް 2013 އިން ފެށިގެން މިދިޔަ ޖޫން މަހާއި ހަމައަށް، ތަފާތު 80 ގައުމަކުން، 41,490 މީހުން ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާއި ގުޅިފައިވެ އެވެ. ޝަމީމާގެ ރައްޔިތުކަން އަތުލަން އިނގިރޭސި ސަރުކާރުން ނިންމުމުން ގިނަ ބަޔަކު އުފާ ފާޅުކުރި އެވެ. އިނގިރޭސި ވިލާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނިންމި ރަނގަޅު ނިންމުމެއް ކަމަށް ބުނެ އެވެ. މިއީ ގިނަ ގައުމުތަކުގެ "ސްޓޭންޑެ" ވެ. ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން، ދީނީ ހަރުކަށި ވިސްނުމުގެ މީހުން އެނބުރި ގައުމަށް އައުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލަމާތްވުމުގެ އެންމެ ފަސޭހަ މަގު ހިޔާރު ކުރަނީ އެވެ. މާޔޫސްކަމާއި، ހިތްދަތިކަމުގެ ތެރޭގައި ދުވަސްތައް ގުނަމުންދާ އެމީހުންގެ އާއިލާތަކަށް ވިސްނާލުމެއް ނެތި އެވެ.

ރާއްޖޭގެ ވިސްނުމަކީ ކޮބާ؟

އާބާދީގެ ނިސްބަތުން އެންމެ ގިނަ ހަނގުރާމަވެރިން "ސަޕްލައި" ކުރަނީ ރާއްޖެއިން ކަމަށް އާންމުވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިދިޔަ މަހު ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން (އެންސީޓީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ތަފާތު ބަހުސްތައް ކުރެވޭ އަދަދާމެދު ކޮންމެވެސް ވަރަކަށް އަލިއަޅުވާލި އެވެ. ދީނީ ހަރުކަށި ހިޔާލުގެ ޖަމާއަތްތަކާއި ގުޅިގެން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައި ވެއެވެ. ނަމަވެސް، އެއީ ހަމައެކަނި "ހަނގުރާމަވެރިންނެވެ." އޭގެ ތެރެއިން ގިނަ ފިރިހެނުން، ސީރިއާއަށް ގޮސްފައިވަނީ އަނބިދަރިން ވެސް ގޮވައިގެނެވެ.

ކަންބޮޑުވާންޖެހެނީ އެ ހިސާބުންނެވެ. ސަބަބަކީ، އެ ފިރިހެނުންނާއެކު ދިޔަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އެނގެން ނެތީމަ އެވެ. ހަނގުރާމާގައި އެމީހުންގެ ފިރިން މަރުވެ، ދަރިންނާއެކު ބިކަވެފައިވާ އެތަކެއް ދިވެހި "ޝަމީމާ" އެއް އުޅޭނެކަމީ ޔަގީންވާ ކަމެކެވެ. ޝަމީމާއަށް ކުރިމަތިވި ނިކަމެތި ހާލަތުގައި، ފިރިމީހާ މަރުވުމުން، އެހެން ގައުމެއްގެ މީހަކާއި ކައިވެނިކޮށް ދަރިން ލިބިފައިތިބި ކިތައް ދިވެހި އަންހެނުން އުޅޭނެތޯ މިއީ އުފެދޭ ސުވާލެކެވެ.

ޝަމީމާގެ ހަބަރު ދުނިޔޭގެ މީޑިއާގެ ސުރުހީތަކުން ފެންނަން ފެށުމުގެ ކުރިން، ބައެއް ގައުމުތަކުން ކުރަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ، ދިވެހި ހަ މީހަކު ރާއްޖެ ގެނެސްދޭން އާއިލާތަކުން އެދިފައިވާ ކަމަށް އެންސީޓީސީން ބުނެފައި ވެއެވެ.

އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި ގޮތުގައި ހަނގުރާމައަށް ގޮސްތިބި ދިވެހިން އަނބުރާ ގެނެސްދިނުމަށް އެމީހުންގެ އާއިލާތަކުން ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއްގެ ދޮރުގައި ޓަކިޖަހަމުން، އާދޭސް ކުރަމުންދެ އެވެ.

ހާލުގައި ޖެހިގެން ދައުލަތުގެ އެހީތެރިކަމަށް އެދޭ ކޮންމެ ދިވެއްސަކަށް އެހީތެރިވެ ދިނުމަކީ ސަރުކާރުގެ ސިޔާސަތެވެ. ނަމަވެސް، މި ހާލަތުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ.

"ވަރަށް ގިނަ ކޮމްޕލިކޭޝަންސްތައް އެބަހުރި، މިސާލަކަށް އޭގެ ތެރެއިން ގިނަ މީހުން އަތުގަ ޕާސްޕޯޓެއް ވެސް ނޯވޭ، ދެން އެމީހުންގެ އަނބުރާ ގެނެވޭނީ ކޮންމެވެސް ކަހަލަ ޓްރެވަލް ޑޮކިޔުމަންޓެއް ހެއްދިގެން، އެކަން ކުރުމަށް ވެސް ވަރަށް ގިނަ ގޮންޖެހުތަކެއް ހުރޭ. އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ އެތައް ކަމެއް ވެސް ހުރޭ،" ޒަކަރިއްޔާ ވިދާޅުވި އެވެ.

ގައުމެއް ނެތް ދިވެހި ކުދިން، ބޮޑު މައްސަލައެއް!

ޒަކަރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ސީރިއާ ފަދަ ގައުމުތަކަށް ދިއުމަށްފަހު ދިވެހިންނަށް ލިބިފައިވާ ކުދިންނަކީ ސަރުކާރަށް ކުރިމަތިވާ އަނެއް ގޮންޖެހުމެވެ. ހަނގުރާމައިގެ ތެރެއަށް ވިހައި، މައުސޫމް ކުދިންތަކެއްގެ ރައްޔިތުކަން ކަށަވަރު ކުރުމަކީ އުނދަގޫ ކަމެކެވެ. އެންމެ ބޮޑު މައްސަލައަކީ އެހެން ގައުމެއްގެ ފިރިހެނަކާއި އިދެގެން ދިވެހި އަންހެނަކަށް ލިބިފައިވާ ކުދިންގެ ރައްޔިތުކަމާއިމެދު އުފެދޭ ސުވާލެވެ.

އެ މީހުން އަތުގައި ދިވެހި ރައްޔިތެއްގެ އައިޑީކާޑް ނެތުމާއި ދިވެހި ރައްޔިތެއްކަން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ސާބިތު ކޮށްދެވޭނެ އެއްވެސް ގޮތެއް ނޯވޭ، ހާއްސަކޮށް، އެތަނުގައި އުޅެނިކޮށް ލިބޭ ދަރިންގެ އައިޑެންޓިޓީ އަޅުގަނޑުމެން ކަށަވަރުކުރާނީ ކިހިނެއްތޯ
ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު | އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް

"އެ މީހުން އަތުގައި ދިވެހި ރައްޔިތެއްގެ އައިޑީކާޑް ނެތުމާއި ދިވެހި ރައްޔިތެއްކަން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ސާބިތު ކޮށްދެވޭނެ އެއްވެސް ގޮތެއް ނޯވޭ، ހާއްސަކޮށް، އެތަނުގައި އުޅެނިކޮށް ލިބޭ ދަރިންގެ އައިޑެންޓިޓީ އަޅުގަނޑުމެން ކަށަވަރުކުރާނީ ކިހިނެއްތޯ،" އެފަދަ މީހުންނާއި ކުދިން އަނބުރާ ރާއްޖެ ގެނައުމަށް ކުރިމަތިވާ ގިނަ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޒަކަރިއްޔާ ވިދާޅުވި އެވެ.

އަދަބު ދިނުމާއި މުޖުތަމައުއިން ޖާގަ ދިނުން!

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ އިތުރުން ބައިވެރިވާން ދާން އުޅުމަކީ ވެސް 10 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލުގެ ހުކުމެއް އަންނަ ކުށެކެވެ. މި ގާނޫނުގެ ދަށުން އެތައް ދިވެހިންނަކަށް މިހާރުވެސް ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް، މިކަމުގައި ވެސް ރާއްޖެ އެނބުރި އައުމުން، ކުޑަކުދިންނާއި އަންހެނުންނަށް އަދަބު ދިނުމުގައި ވެސް ދައުލަތަށް އުނދަގޫތަކެއް އޮވެ އެވެ.

"އެ މީހުން އަނބުރާ ގެނެސް، ސީދާ ހަނގުރާމަތަކުގައި ބައިވެރިނުވާ އަންހެނުންނަށް ވެސް ދައުވާ ކުރެވި އަދަބު ދޭން އެބަޖެހޭ، އޭގެ ތެރޭގައި އެބައުޅޭ ކުޑަކުދިންވެސް، އެ ކުދިންނާމެދު އަމަލު ކުރުމުގައި އެބަހުރި ދަތިތަކެއް، ވަރަށް ކޮމްޕްލިކޭޓެޑް މައްސަލައެއް މިއީ،" ޒަކަރިއްޔާ އިތުރަށް ވިދާޅުވި އެވެ.

ހަނގުރާމައަށްދާ ދިވެހިން އެނބުރި ރާއްޖެ އައުމަށްފަހު ކުރިމަތިވެދާނެ ނުރައްކަލަކަށް ފަރުވާތެރިވުމުގެ އިތުރުން، އެފަދަ މީހުން ރީހެބިލިޓޭޓްކޮށް އަލުން މުޖުތަމައުއަށް ނެރެވޭނެ ވަސީލަތްތައް ރާއްޖޭގައި އަދި ނެތެވެ. ލޭ އޮހޮރުވުމާއި، ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާ ތުއްތު ކުދިންނާއި އަންހެނުންނަށް ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަނިޔާތަކަށް ފަރުވާދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެ އެވެ.

"ރާއްޖެ އެނބުރި އަންނަ އެފަދަ ދިވެހިން ރީހެބިލިޓޭޓު ކުރެވޭނެ ހާއްސަ ސެންޓަރެއް ގާއިމުކުރުމުގެ މަޝްވަރާތައް ސަރުކާރުގެ ތެރޭގައި ކުރެވެމުންދަނީ،"

އެކަން ކާމިޔާބު ކުރަން ދިވެހިންގެ ވިސްނުން ބަދަލު ކުރުން މުހިންމުވެ އެވެ. ހަ އާއިލާއަކުން ރާއްޖެ އެނބުރި އައުމަށް އެދެމެދުންދާ ކަމުގެ ހަބަރާއެކު އާންމުންގެ ގިނަ ބަޔަކު ދެކޮޅު ހެދި މަންޒަރު ފެނިގެން ދިޔަ އެވެ. އަމިއްލައަށް ދިޔަ ބަޔަކު ދައުލަތުގެ ހަރަދުގައި އަނބުރާ ގެނައުމާއި ދެކޮޅު އަޑުތައް ގަދަވެ "ގަނަތެޅެން" ދޫކޮށްލުމަށް ވެސް އެއް ބަޔަކު ބުނަމުން ދިޔަ އެވެ.

ރަނގަޅު ވާހަކަ އެކެވެ؛ އެމީހުން ދިޔައީ އަމިއްލައަށެވެ. ނުސްވިނޭތީ އެވެ. ނުރަނގަޅު މައުލޫމާތުތަކެއް ބަޔަކު ދީގެން އެމީހުންގެ ވަސްވާހުގެ ޝިކާރައަކަށް ވެގެންނެވެ. އެމީހުންގެ އާއިލާތަކަށް ސަމާލު ނުވެވުނީ ކަމަށް ވެސް އެކަށީގެންވެ އެވެ. ނޫނީ އާއިލާގެ އާދޭސް އަޑުނޭހީ ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް، އެކަމުގައި ވިސްނަންޖެހޭ އެހެން ކަމެއް އެބަވެ އެވެ. ދީނީ ހަރުކަށި ހިޔާލު ރާއްޖޭގައި ފެތުރޭ ދުވެއްޔަށް ކުޑަވެސް މަޑުޖެހުމެއް އަންނަތަނެއް ނުފެނެ އެވެ. އެއީ ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި ހީލަތްތެރި ބަޔަކު ބޭނުންކުރާ ހަތިޔާރެވެ. އެކަމާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި، އެ ހާލަތުގެ ހިތި ތަޖުރިބާކޮށްފައިވާ ބައެއްގެ ދައުރު އޮވެދާނެ އެވެ. ދީނުގެ ނަމުގައި ކުރާ ހަނގުރާމަތަކުގެ ހަގީގީ މަންޒަރު އެމީހުންގެ ދުލުން އިއްވައިގެން، އިތުރު އެންމެ މީހަކު ސީރިއާއަށް ދިއުން ހުއްޓުވުމުގެ ސަބަބަކަށް ވެއްޖެނަމަ، އެއީ ކާމިޔާބީ އެކެވެ.