އިމާރާތް ކުރުން

އިމާރާތް ކުރުމުގެ ދާއިރާގެ ކުރިއެރުން ހުއްޓުމަކަށް!

Mar 13, 2019
5

އިމާރާތް ކުރުމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު އެއް ބައެވެ. މި ދާއިރާގެ ކުރިއެރުން ބިނާވެފައި ވަނީ މުޅި އިގްތިސޯދުގެ ކުރިއެރުމަށެވެ. މި ސިނާއަތަށް އަންނަ ކޮންމެ ކުރިއެރުމެއްގެ އަސަރު އިގްތިސޯދުން ފެންނާނެ އެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހަށް ބަލާއިރު ގިނަ އިންޑިކޭޝަން ތަކުން ދެއްކީ އިމާރާތް ކުރުމުގެ ދުވެލި ބާރުކޮށް ހުއްޓަ އެވެ. ނަމަވެސް އެންމެ ފަހުން މަރުކަޒީ ބޭންކުން ނެރުނު މިދިޔަ އަހަރު ހަތަރު ވަނަ ކްއާޓަރުގެ "ކުއާޓަލީ ބިޒްނަސް ސާވޭ" އިން ދައްކާ ގޮތުގައި އިމާރާތް ކުރުމުގެ ސިނާއަތުގެ ކުރިއެރުން އެހެން ސިނާއަތްތަކާ އަޅާ ބަލާއިރު ވަނީ ވަނީ "ހުއްޓިފަ" އެވެ. އެހެން ސިނާއަތްތަތަކަށް ކުރިއެރުން ލިބުނުއިރު އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިއެރުމެއް ނާދެ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރުމުގެ ސިނާއަތުގެ އިތުރުން ތަކެތި އުފެއްދުމުގެ ސިނާއަތުން ވެސް ވަނީ މިދިޔަ އަހަރުގެ ތިންވަނަ ކްއާޓަރާ އަޅާބަލާއިރު ހަތަރު ވަނަ ކްއާޓަރުގައި ވިޔަފާރި ރަނގަޅުވެފައިވީ ނަމަވެސް އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ފަރާތް ތަކުން ވަނީ އެ ދާއިރާގެ ވިޔަފާރި މަޑު ޖެހިފައިވާ ކަމަށް ބުނެފަ އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ކުރިމަގަށް ބަލާއިރު 2019 ވަނަ އަހަރުގެ ފުރަތަމަ ކްއާޓަރަކީ ވެސް ޓޫރިޒަމްގެ ޕީކް-ސީޒަން ކަމަށްވުމުން، އެ ކްއާޓަރުގައި ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް އިތުރަށް ރަނގަޅުވާނެ ކަމަށް އެ ސިނާއަތުގެ ގިނަ ފަރާތަކުން ލަފާކޮށްފައިވެ އެވެ. ހަމައެގޮތަށް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރުމާއި ތަކެތި އުފެއްދުމުގެ ވިޔަފާރިތައް ވެސް އިތުރަށް ރަނގަޅުވާނެ ކަމަށް އެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތަކުން ލަފާކުރެ އެވެ. އެހެން ނަމަވެސް، މި ކްއާޓަރެކޭ އެއްފަދައިން، ކުރިއަށް އޮތް ކުއާޓަރުގައި ވެސް އިމާރާތްކުރުމުގެ ދާއިރާ އިތުރަށް މަޑު ޖެހިގެންދާނެ ކަމަށް އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ވިޔަފާރިތަކުން ބުނެފައިވެ އެވެ.

ސާވޭ ކޮށްފައިވާ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދަށް ބަލާއިރު، 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި ތަކެތި އުފެއްދުމުގެ ސިނާއަތް ފިޔަވާ އެހެންނިހެން ސިނާއަތްތަކަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އެހެންނަމަވެސް، ތަކެތި އުފެއްދުންތެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ހާމަކޮށްފައި ވަނީ މި ކުއާޓަރުގެ ތެރޭގައި މުވައްޒަފުންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާކަމަށެވެ. މި ދާއިރާތަކުގެ ކުރި މަގަށް ބަލާއިރު، ތަކެތި އުފެއްދުމުގެ ސިނާއަތް ފިޔަވާ ހުރިހާ ސިނާއަތްތަކުން ހާމަކޮށްފައި ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު 2018 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އެއް ހަމައެއްގައި ހުންނާނެ ކަމަށެވެ. މިއާ ހިލާފަށް، ތަކެތި އުފެއްދުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައިވަނީ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު މިއަންނަ ކުއާޓަރުގައި އިތުރުވާނެކަމަށެވެ.

ވިޔަފާރީގެ ހަރަދު ތަކަށް (މުވައްޒަފުންނަށާއި ތަކެތި ގަތުމަށް ކުރާ ހަރަދު) ބަލާއިރު، ތަކެތި އުފެއްދުމުގެ ސިނާއަތުން މި ހަރަދުތައް އިތުރުވި ކަމަށް ހާމަކޮށްފައިވީ ނަމަވެސް، އިމާރާތްކުރުމުގެ ދާއިރާގެ ގިނަ ފަރާތްތަކުން ހާމަކޮށްފައި ވަނީ މި ޚަރަދުތަކަށް މާ ބޮޑު ބަދަލެއް މި ކުއާޓަރުގައި އައިސްފައިނުވާ ކަމަށެވެ. އަދި، ޓޫރިޒަމާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ގިނަ ވިޔަފާރިތަކުން މުވައްޒަފުންނަށް ކުރި ހަރަދުތައް ފާއިތުވި ކުއާޓަރާ އެއްހަމައެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ތަކެތި ގަތުމަށް އެ ވިޔަފާރިތަކުން ކޮށްފައިވާ ހަރަދުތައް އިތުރުވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. ކުރިއަށްއޮތް ކުއާޓަރުގައި މި ހަރަދުތައް ހުންނާނެ ގޮތް ލަފާކުރާއިރު، އިމާރާތްކުރުމާއި އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތްތަކުން ލަފާކޮށްފައި ވަނީ ވިޔަފާރީގެ ހަރަދުތައް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ހުންނާނީ 2018 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އެއް ހަމައެއްގައި ކަމުގައެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް އަދި، ތަކެތި އުފެއްދުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން އަންދާޒާކޮށްފައި ވަނީ މިފަދަ ހަރަދުތައް މަތިވެގެން ދާނެ ކަމުގައެވެ.

ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކަށް ބަލާއިރު، އިމާރާތްކުރުމާއި ތަކެތި އުފެއްދުމާއި އަދި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތްތަކުގެ އަގުތައް 2018 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައިވެސް ފާއިތުވި ތިންވަނަ ކުއާޓަރާ އެއްހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް މި ސިނާއަތްތަކުގައި ހަރާކާތްތެރިވާ ގިނަ ވިޔަފާރިތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް، ހަތަރުވަނަ ކުއާޓަރު ދިމާވެފައި ވަނީ ފަތުރުވެރިކަމުގެ ޕީކް-ސީޒަންއާ ކަމަށްވުމުން، އެ ދާއިރާގެ އަގުތައް ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މައްޗަށް ގޮސްފައިވާކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ކުރިއަށްއޮތް ކުއާޓަރުގައި ވިޔަފާރި ތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތައް ހުންނާނެ ގޮތަށް ބަލާއިރު، ތަކެތި އުފައްދާ ސިނާއަތާއި، އިމާރާތްކުރުމާއި އަދި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ އަގުތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެ ސިނާއަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ލަފާކުރެއެވެ. ނަމަވެސް، ކުރިއަށް އޮތީވެސް ފަތުރުވެރިކަމުގެ ޕީކް-ސީޒަންތެރެ ކަމަށްވުމުން، އަގުތައް އިތުރުވާނެ ކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ވިޔަފާރިތަކުން ލަފާކުރެއެވެ.