ތިން މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދިނުމަށް ރާއްޖެ އާއި އެމެރިކާއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފޮރިން މިނިސްްޓްރީން ބުނީ، މިއަދު ސޮއި ކުރި ދެ އެއްބަސްވުމަކީ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓަކާއި، މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ދަ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމް އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ. އަދި އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އެވެ.
ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެވެ. އެމެރިކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ މިޝަން ޑިރެކްޓަރު ރީޑް އެއިޝްލިމަން އެވެ.
ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމަންޓްގެ ދަށުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކަށް ތިން މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެ އާއި އެމެރިކާއާ ދެމެދު ސޮއިކުރި ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ތައުލީމީ ދާއިރާއިން ދެގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ އެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގައި އެންމެ ފުރަތަމަ ރާއްޖެއިން ސޮއިކުރީ 2003 ވަނަ އަހަރު ކަމަށެވެ. އަދި މިއަދު ސޮއިކުރި އެމް.އޯ.ޔޫގެ ދަށުން އެއެއްބަސްވުމުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީއާއި އެމެރިކާ އެމްބަސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަނެފައިވެ އެވެ.