(11 މާރިޗު 2019 އާ ގުޅޭ)
ނޫރާއަށް މަންހާގެ ހެދުންއެޅުން ވައްތަރުވީ ރާއްޖޭން ބޭރުގެ އޮފީސް ހެދުން އެޅުމުގެ ސްޓައިލްއަކާއިއެވެ. އެވަރުންވެސް މަންހާއަކީ ރާއްޖޭން ބޭރުގައި ދުވަސްތަކެއް ހޭދަކޮއްފައިވާ ކުއްޖެއްކަން އެނގެއެވެ.
"ހެލޯ!... ގުޑް މޯނިންގ، އައި ޑޯންޓު ވޯންޓުބީ ލޭޓް އޮން މައި ފަސްޓު ޑޭ އެޓް އޮފީސް" މަންހާ ނޫރާ އާއި އަރާހަމަވުމާއިއެކު ސަލާމަށް އަތްދިއްކޮއްލަމުން ބުނެލިއެވެ.
"އިޓްސް އޯކޭ، އަހަރެންވެސް އަންނަން ވަރަށް އަވަހަށް އޮފީހަށް، އޭރުން ދުވަހަށް ތައްޔާރުވުމަށް ކުޑަނަމަވެސް ވަގުތުކޮޅެއް ލިބޭނެ، މަންހާއަށް އެނގޭތަ، މިއަދުން ފެށިގެން އަހަރެން މިކުރާ ހުރިހާ ކަމެއް ކުރަން ޖެހޭނީ ދެން މަންހާއަށް، ހަފްތާއެއް ވަންދެން އަހަރެން މަޑުކޮއްލައިގެން މިހިރީ، ބޮސް އެދިލެއްވީ އަލަށް އަންނަ ކުއްޖާއަށް ހުރިހާ ކަމެއް ދަސްކޮއްދޭން ވީކެއް މަޑުކޮއްލަ ދިނުމަށް" ނުރާގެ ވާހަކަ މެދުކަނޑާލީ މަންހާއެވެ.
"ބޮސް ކޮބާ؟ އޮފީހުގެ އެބަ އިންނެވިތަ؟" މަންހާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް އެކުލެވިފައިވިކަން ނޫރާއަށް ވިސްނުނެވެ.
"ބޮސް ވަރަށް ކޫލް ވާނެ، ސީރިއަސްކޮށް ހުއްޓަސް ހުރިހާ ސްޓާފުންނަށްވެސް ވަރަށް ރަނގަޅު، މިސްޓޭކްސް ހެދޭނީ އެމަސައްކަތެއް ކުރާމީހުންގެ އަތުންކަން ދަންނާނެ، އެކަމަކު އަބަދުވެސް ވިސްނަންވާނެ ސޭމް މިސްޓޭކް ތަކުރާރުވިޔަ ނުދިނުމަށް، އެހެންވެއްޖެޔާ ބޮސް ނުރުހުން ފާޅުކުރާނެ" ނޫރާ އޭނަގެ މޭޒުކައިރީ އިން ގޮނޑިއެއް މަންހާ އިށީނުމަށް ދައްކަމުން ބުންޏެވެ. އަދި އޭނަގެ ގޮނޑީގައި އޭނަ އިށީނެވެ.
"ނޫރާ އޮފީހުން ކެނޑެނީތަ" މަންހާ މިފަހަރު ސުވާލުކުރީ ނޫރާ އާއިއެވެ.
"އާނ!... ޕްރެގްވީމަ މިހާ ބިޒީކޮށް އުޅެން ވަރަށް އުދަނގޫ، ކުރިން ހިތަށްއެރީ ޗުއްޓީއެއް ނަގަން އެކަމަކު ދަރިފުޅުގެ ކަންތައްކުރާނެ މީހަކު ނުހުންނާނެތީ ކެޑެން ނިންމީ، ވަރަށް ދެރަވޭ މިއޮފީސް ދޫކޮއްލާފަ ދާންޖެހޭތީ، މަންހާ އަލަށް ދޯ ޖޮބަކަށް ތިއައީ" ނޫރާ އަހާލިއެވެ.
"ހޫމް...." މަންހާ ހިނިތުންވެލަމުން ހޫންލައްވާލިއެވެ. ނޫރާ އާއި ފުރަތަމަ ދިމާވެގެންވެސް މަންހާ ފޫހިވާގޮތެއް ނުވިއެވެ. އެހެނީ ނޫރާވީ ހިތްހެޔޮ އެކުވެރި މިޒާޖެއްގެ ކުއްޖަކަށެވެ. އޭނަ މަންހާއަށް އޭނަ ކުރަމުންދާ ހުރިހާ ކަމެއް ވަރަށް މަޑުމައިތިރި ކަމާއިއެކު ކިޔާދެމުން ގެންދިޔައެވެ.
"ބޮސް އެދުރުވީ" ނޫރާއަށް ސްޓާފުން ގުޑް މޯނިންގ ކިޔާއަޑު އިވިބުނެލިއެވެ.
ނޫރާ އެހެން ބުނިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭ ދާއިން އަންނަތަން މަންހާއަށް ފެނުނެވެ. މަޑު ހިނގުމުގައި މުވައްޒަފުންނަށް ހިނިތުންވަމުން އަންނަ ދާއިންނަށް ކަޅިވެސް ޖަހާނުލާ މަންހާއަށް ބަލަން އިނދެވުނީއެވެ. ގަދަ އަޅިކުލައެއްގެ ފަޓުލޫނުގައި ހުދުގަމީހެއް ލާފައިވާއިރު އޭގެ ބޭރުން ޑިޒައިން ކޮއްފައިވާ ވެސްޓެއްވެސް ލާފައިހުއްޓެވެ. އޭނަ އައިގޮތަށް އައިސް ކާއިލްގެ ވޯކްއޭރިއާގެ ޕާޓިޝަންކައިރީ މަޑުކޮއްލަމުން ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލިއެވެ.
"އެއީ ކާކުތަ؟" މަންހާ ނޫރާ އާއި ސުވާލު ކުރީ ކާއިލް އާއި ބެހޭގޮތުންނެވެ.
"ކާކު؟ ކާއިލްތަ؟ އެއީ މީހަކީ މިތާ އުޅޭ، ވަރަށް ފްލާރޓީވާނެ، އަނެއްކާ އެހާ ސްވީޓުވެސް ވާނެ، ބޮސްގެ ބޮޑެތި ޕްރޮޖެކްޓުތަކުގައި އެންމެ އިސްކޮއް ގެންގުޅޭނީ ކާއިލް، ރިސޯޓުތަކަށް ދާއިރުވެސް، ބައެއް މީޓިން ތަކަށް ދާއިރުވެސް ކާޢިލް ގެންދާނެ....މިވަގުތު މިތަނުގަ މިދާއިރާ އާއި ގުޅޭގޮތުން ކިޔަވައިގެން ހުރި މީހަކީ އޭނަ، ބަޓްޔޫ ބެޓާ ބީ ކެއަރފުލް މަންހާ..........މިތާ ގިނައީ ފިރިހެނުން، ތަފާތު ހިޔާލުތަކުގެ މީހުން އުޅޭނެ، އެޕްރޯޗް ކުރާނެ މީހުންވެސް އުޅޭނެ....ބައެއްފަހަރު ރަނގަޅުވާނީ އެކަންތައްތަކާއި އެހާ އަޅާނުލިއްޔާ....މިއޮފީހުގަ މުވައްޒަފުން ވަރަށް ބަލާނެ ބޮސްއާއި ހަމައަށް ކަމެއް ނުގެންގޮސްވޭތޯ....މިބުނީ ސްޓާފުންގެ ތެރޭ ޖެހޭ މައްސަލަތައްވެސް އެބައެއްގެ ތެރޭ ވާހަކަދައްކައިގެން ހައްލުކުރާނެ" ނޫރާ ވާހަކަ ހުއްޓާލީ ދާއިން އައުމުންނެވެ.
"ގުޑްމޯނިންގ" ދާއިން ނޫރާގެ މޭޒާ އަރާހަމަކޮއްލަމުން ބުނެލިއެވެ. އަދި މަންހާއަށް ބަލާލިއެވެ.
"ގުޑްމޯނިންގ ސަރ" ނޫރާ އާއި މަންހާ އެކުއެކީހެން ބުނެލަމުން ތިބި ގޮނޑިން ތެދުވިއެވެ. ދާއިން އެމީހުންނަށް ހިނިތުންވެލާފައި ގޮސް އޭނަގެ ކެބިންއަށްވަދެއްޖެއެވެ.
މާގިނައިރެއްނުވެ އާދައިގެ މަތިން ނޫރާއަށް ދާއިން ގުޅާލިއެވެ. ދުވަހުގެ ތާވަލު ބެހިފައިވާގޮތް އޮޅުންފިލުވުމަށްޓަކައެވެ.
"އެގުޅީ ބޮސް، ބުނުއްވީ މަންހާ ގޮވައިގެން ކެބިންއަށް އައުމަށް" ނޫރާ ތެދުވަމުން މަންހާގާތު ބުނެލިއެވެ. އެއާއެކު މަންހާގެ ތުންފަތުގައި އާދަޔާއި ހިލާފު ހިނިތުންވުމެއް ދެވެލިއެވެ. އޭނަ އަވަސް އަވަހަށް ގޮނޑިންތެދުވެ ހެދުން ރީތިކޮއްލިއެވެ. އޭރުވެސް ނަގަން ހަނދާންނެތިފައި ބޮލުގައި އިން އަވި އައިނު މަންހާ ނަގާ އޭނަގެ އަތުގައި އޮތް އަތްދަބަހަށްލިޔެވެ. މަންހާ އޭނަގެ ދަބަސް ހިފައިގެން ދިއުމަށް އުޅެގެން ހިނދު ނޫރާ އޭނަގެ މޭޒުގެ ބޮޑުކޮށް އިން އެންމެ ތިރީވަތްގަނޑު ހުޅުވާލަމުން މަންހާގެ ދަބަސް އެތަނުގައި ބެހެއްޓުމަށް އެދުނެވެ. ހުރިހާ ވަގުތަކު އަތްދަބަސް އަތުގައި އަޅުވައިގެން އުޅުމަކީވެސް ފަސޭހަކަމަށް ނުވާނެކަން ނޫރާ އަދި މަންހާއަށްވެސް ވިސްނުނެވެ.
"އާދޭ...އާދޭ.... އިށީނދޭ" ދާއިންގެ ކެބިންގެ ތެރެއަށް ނޫރާ އާއި މަންހާ ވަނުމާއިއެކު ބުނެލިއެވެ. އޭނަ އެދެމީހުންނާއިވެސް ވާހަކަދެއްކިއެވެ. މުޅިންވެސް އޮފީހުގެ ވާހަކައެވެ. މަންހާއަށް ކޮމްޕެނީގެ ފަރާތުން މަރުޙަބާ ކިޔެވެ. އަދި ވަޒީފާ ހަމަޖެހުނުކަމުގެ ރަސްމީ ލިޔުމެއްވެސް ދިނެވެ. ނޫރާ ގާތުން ދާއިން އެދުނީ އޭނަގެ ޝެޑިއުލްތައް އޮންނަގޮތް މަންހާއަށް ކިޔާދީ ހަފްތާއެއްގެ ތެރޭ އެހުރިހާ ކަމެއް އޭނައަށް ދަސްކޮއްދިނުމަށެވެ. އޮފީހުގެ ގަވާޢިދުތަކާއި އެގަވާޢިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާނަމަ ފިޔަވަޅު އެޅޭނެ ވާހަކަވެސް ދާއިން ބުނެދިއެވެ. އެހުރިހާއިރު ގޮނޑީގައި ބައިންދާފައި އިން ބުދެއްހެން އާޝޯހުވެފައި އިނދެ މަންހާ ބަލަމުންދިޔައީ ދާއިންގެ އެފިރިހެންވަންތަ މޫނަށެވެ. ވާހަކަދައްކަމުން ދާއިރު އަނގަހުޅުވާ ލައްޕާ ގޮތާއި، ކަތުރުކަށިގަނޑު ތެޅިލާ ގޮތާއި އަދި ވާހަކައިގެ ތެރޭ އިނދެ އެރީތި މަޑުމަޑު އަތްތިލައިގެ އިނގިލިތައް ހަރަކާތް ކުރާގޮތް މަންހާއަށް ނުހަނު ހިތްގައިމު މަންޒަރަކަށްވެގެންދިޔައެވެ. އެކަމަކު އެކަން ދާއިންއަކަށްވެސް ނޫރާއަކަށްވެސް ފާހަގައެއް ނުކުރެވެއެވެ.
މަންހާއަށް ދާއިން ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ހިތުގެމައްޗަށް ބާރެއް ނުފޯރުވެއެވެ. ދާއިންގެ ކޮންމެ ހަރަކާތަކަށް އެސްފިޔަ ޖަހާލުމެއްނެތި މަންހާގެ ދެލޯ ޝައުގުވެރިވެގެންދެއެވެ. ހިތްނޭގޭ ބާރުމިނެއްގައި ތެޅެމުން ދާއިރު އެހިތްބޭނުންވަނީ ގޮސް ދާއިންގެ މޭގައި ފިލާއޮންނާށެވެ. އެލެޔާއި އެހަށިގަނޑާއި ގުޅިލާމެހެންށެވެ. އެހިޔާލާއެކީ މަންހާއަށް އޭނަގެ ދެއަތްތިލާގެ ދިގު އިނގިލިތައް އެއަތްއަނެއްއަތުގެ ތެރެއަށްލާ މަހާލެވުނެވެ. އަނެއްކާވެސް ހިތަށްއެރިއެވެ. ދާއިންފަދަ ދެވަނަ އިންސާނަކު ހުރިނަމައެވެ. އޭރުން ޔަގީނުންވެސް މަންހާއަށާއި ޒާރާއަށް ދާއިންއެއް ހުރީހެވެ. އަދި އެކަކު އަނެކަކުގެ ހައްޤައް އަރައިގަންނާކަށްވެސް ނުޖެހޭނެއެވެ. މަންހާ ދާއިންގެ ކެބިންތެރެއަށް ނަޒަރު ހިންގާލިއެވެ. ޒާރާގެ ތަސްވީރެއްހާ ހިސާބުވެސް އެކެބިންގައި ނެތެވެ. އެކަމަކު އެއީ ކީއްވެހެއްޔެވެ. އަނެއްކާ އެދެމީހުން ދުރުވީބާއެވެ. ކުއްލިއަކަށް މަންހާގެ ދެލޯބޮޑުވިއެވެ.
މަންހާގެ ހިތަށްވަތް ވަސްވާސްތަކުން އޭނަ ކަންބޮޑުވިއެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީވެސް އެހެންވެއެވެ. އެއީ އޭނައަށް ހީކުރެވޭ ހީކުރެވުން ރަނގަޅުނުވެދާނެތީއެވެ.
"މަންހާ!.....މަންހާ!" ދާއިން އޭނައަށް ގެއްލިފައި އިން މަންހާއަށް ދެފަހަރަކު ގޮވާލިއެވެ.
"ޔެސް.....ޔެސް ސަރ" ދާއިން ގޮވާލުމުންވެސް ހޭވެރިކަމެއްނުވި މަންހާ ސިހިގެން ދިޔައީ ނޫރާ މަންހާގެ އަތުގައި ކޮއްޓާލުމުންނެވެ. އަވަސް އަވަހަށް ދާއިންއަށް ޖަވާބުދިނެވެ.
"ޔޫ ކެން ރިޓަރން ޓުޔޯ ވޯރކް" ދާއިން އެހެން ބުނެލަމުން ހިނިތުންވެލިއެވެ. އޭނައަށް މަންހާއަށްވެފައިން ގޮތްފެނުނެވެ. މަންހާ އާއި ނޫރާ އެކެބިންއިން ބޭރަށް ނުކުންނަށް ދިޔަތަން ބަލަންއިން ދާއިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ ކީއްވެކަމެއްނޭގެއެވެ.
"ބޮސް ވާހަކަދެއްކެވިއިރު ކޮންކަމަކަށް ގެއްލިފަތަ އިނީ" ނޫރާ ދާއިންގެ ކެބިންއިން ނުކުމެވުމާއިއެކު އަހާލިއެވެ.
"ހީ ލުކް ސޭމް.....ނަތިންގްސް ޗޭންޖު" މަންހާއަށް ހިޔާލީގޮތަކަށް އެހެން ބުނެލެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ.
"ވަޓް!..." ނޫރާއަށް މަންހާ ބުނަން އެއުޅެނީ ކީކޭކަމެއް ނޭގުނެވެ.
"އައި ސޯ ހިމް.......އިނގޭތަ ނޫރާއަށް، އަހަރެން ވަރަށް ކުރީގަ ދާއިން ދެކުނިން، އަހަރެން އަމީނިއްޔާ ސްކޫލްގައި އުޅުނު ދުވަސްވަރު އެންވައިރަމެންޓް ޑޭގެ ކްލީނިންގ ޕްރޮގްރާމްގެ ދަށުން އެދުވަހު މިގެއަށް އައިން، އޭރު މިއޮފީސް ހިންގަނީ މިގެއަކު ނޫން، މީދާއިންގެ ގެއެއްނު ދޯ... ކޮބާ އޭނާގެ ވައިފް ޒާރާ، އެ ދެމީހުން ދުރުވީތަ" މަންހާ ނޫރާގެ މޭޒުކައިރީ އިށިންނަމުން ވާހަކަދެއްކިއެވެ.
"މަންހާ ތިބުނީ ރަނގަޅަށް، މީ ބޮސްގެ ގެ، އަދިވެސް ޒާރާ އެއީ ބޮސްގެ ވައިފް، އެކަމަކު ޒާރާއަށް ދިމާވި ހިތާމަވެރި ހާދިސާއެއްގެ ސަބަބުން އޮފީސް ބޮސްގެ ގޭގައި ހިންގަން މަޖުބޫރުވީ، އޭރުން ކޮންމެ ވަގުތަކުވެސް ބޮސްގެ ވައިފްގެ ހާލު ބަލަން ފަސޭހަވާނެތީ" ނޫރާ މަސައްކަތައް އެނބުރިދިޔައެވެ. އަދި މަންހާއަށް ކޮމްޕިއުޓަރުން ދާއިންގެ އޮފީހުން ކުރިއަށްގެންދާ ޕްރޮޖެކްޓުތައް ދައްކަންފެށިއެވެ. މަންހާއަށް އިތުރު ސުވާލެއްކުރާނެ ފުރުޞަތެއް ނުލިބުނެއެވެ. މަންހާ އޭނަގެ ދަބަހުން އެކިއެކި ރޭވުންތަކާއި މީޓީންތައް ނޯޓުކުރާ ފޮތެއްނެގިއެވެ. އަދި ނޫރާ ކިޔާދެމުންދާ އެއްޗެހިން ހަނދާނުގައި ބެހެއްޓުން މުހިއްމު ކަންތައްތައް އެފޮތުގައި ނޯޓުކުރަމުން ދިޔައެވެ.
މެންދުރު ކާންދިއުމަށްޓަކައި ބްރޭކް ލިބުމުގެ ކުރިން ދެފަހަރަށް ވިޝާލް މަންހާއަށް ގުޅިއެވެ. ކޮންމެ ފަހަރަކުވެސް ޔަގީން ކުރަނީ މަންހާ އޭނައާއިއެކު ކާންދާނަންތޯއެވެ. ހިނިއައިސްފައި އިނދެ މަންހާ ވާހަކަދައްކާ ގޮތުން ނޫރާއަށް ހީވީ މުޅިން ތަފާތު އެއްޗެކެވެ. އޭނަ ހީކުރީ މަންހާއަށް ދެފަހަރުމަތިންވެސް އެގުޅީ އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާކަމަށެވެ. އެކަމަކު އެއްވެސް ސުވާލެއް އޭނަ ނުކުރެއެވެ. އެހެނީ އޭނަވެސް އަލަށް އޮފީހަށް އައި ދުވަސްކޮޅު އޭނަގެ މިހާރުގެ ފިރިމީހާ އޭނަގެ މަތިން ހަނދާންވެގެން އެގޮތަށް ގުޅާ ހާލު ބަލާނެވެ.
"އޯ ގޯޑް، އައި ޖަސްޓް ކާން ބްލީވްއިޓް" ވިޝާލްގެ ކާރަށް މަންހާ އެރުމުންބުނެލިއެވެ.
"ވަން އަވަރ އިނގޭ، އެހާއިރު ތެރޭ ކައިނިންމައިގެން އަލުން އޮފީހަށް ދާންޖެހޭނެ" މަންހާ ބުނެލިއެވެ.
ވިޝާލްގެ ކާރު ޕާކުކޮއްލުމަށްފަހު މަންހާ ގޮވައިގެން ގޮސްވަނީ ޗައިނާ ގާރޑަން ރެސްޓޯރެންޓުގެ ތެރެއަށެވެ. އެތަނުން މޭޒެއްގައި ވިޝާލް އާއިއެކު މަންހާ އިށީނެވެ. އޭރު އެތަނުގެ ގިނަ މޭޒުތަކުގައި ދެޖިންސުގެ ޒުވާނުން ތިއްބެވެ. އެންމެންގެ ލޯތަށް މަންހާއަށް އަމާޒުވިއެއްކަމަކު އެކަމަށް އޭނަގެ އެއްވެސް ފަރުވާލެއްނެތެވެ. ވިޝާލްގެ އުފާވެރި ހިނިތުންވުމުގެ ސިއްރަކީ އެމީހުންގެ ބެލުންތަކެވެ. އެހެނީ އެއިން ކޮންމެ މީހަކަށްވެސް އެވަގުތު މަންހާ ފެނިގެންދާނީ އޭނަ އާއިއެކު ވަނިކޮށެވެ. އަންހެން ކުދިންގެ ނަޒަރުތައް ވިޝާލްއަށް ހުއްޓެމުންދާލެއްވެސް ވަކި މަދެއްނުވިއެވެ.
"މިހާ މީހުން ގިނަ ތަނަކަށް ނޫނީ ވިޝާލްއަށް ނޭގުނުތަ ލަންޗް ހަމަޖައްސާކަށް" މަންހާ އިށިންނަމުން މަޑުމަޑުން ބުނެލިއެވެ.
"ކިހިނެއްތަ އިނގޭނީ މިތާ އެހާ މީހުން ގިނަވާނެ ކަމެއް، މަންހާ ކޮމްފޯޓަބަލް ނޫނިއްޔާ އެހެންތަނަކަށް ގޮސްފާނަން" ވިޝާލް ބުނެލިއެވެ.
"ނޫން، ދެން އެހެންތަނަކަށް ނުދެވޭނެ، އެހާ ޓައިމްއެއްވެސް ނެތް، އަނެއްކާ އަހަރެން މީނީ ވަރަށް ބަނޑުހައިވެފަ" މަންހާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.
މަންހާއަށް ގެއިން ގުޅީ އެވަގުތުއެވެ. މެންދުރު ކާންވެސް އޮފީހުން ނުފޮނުވަނީތޯ ވަސީމާ ސުވާލުކުރިއެވެ. މަންހާ އޭނަ މިއަދު މެންދުރު ކެއުން ބޭރުން ކާލަނީކަމުގައި ބުންޏެވެ. ވަސީމާ ކޮންބަޔަކާއިއެކު ތޯ ސުވާލުކުރިއެވެ. ވިޝާލް އާއިއެކުގައި މަންހާ އިންކަން އެނގުމާއިއެކު ވަސީމާގެ އަޑުގައި ހުރި ހާސްކަން ފިލާ ހިނގައްޖެއެވެ. މަންހާ ވިޝާލްއަށް ވީގޮތް ކިޔާދިނެވެ. އަދި ދެމީހުން އެކަމާ ހޭންފެށިއެވެ.
ދުވަހަކުވެސް ވިޝާލްއަށް ނުލިބޭހާ ހިތްހަމަ ޖެހުން މަންހާ އާއިއެކު މެންދުރުގެ ކެއުމުގައި ބައިވެރިވެލުމުންވެސް އޭނަށް ލިބިއްޖެއެވެ. ވިޝާލް ބޭނުންވަނީ އޭނައަށް މަންހާގެ ގާތުގައި އުޅެލުމުގެ ފުރުޞަތުތަކެކެވެ. އޭރުން މަންހާގެ ހިތުން އޭނައަށްވެސް ޖާގައެއް ލިބުމީ ދުރުކަމަކަށް ނުވާނެއެވެ. އެދުވަހަކުން މުޅިދުނިޔޭގަވެސް އޭނަވަރުގެ އުފާވެރި ކާމިޔާބު މީހަކު ނުހުންނާނެކަން ގައިމެވެ.
* * * * *
"މަންމާ......ޒާރާއަށް ކާންދިނިންތަ" ދާއިން އުލާ ސަމްސާ ތަށީގެ ތެރެއަށް ހެޔޮވަރުކޮއްލަމުން އަހާލިއެވެ. އޭރު މޫމިނާ ދާއިން ކައި ނިމެންދެން ކާމޭޒުކައިރީ އިށީނދެލައިގެން އިނެވެ.
"މަންމައަކަށް އެއްގޮތަކަށްވެސް ނޭގެ ޒާރާއަށް ކާންދޭން ހަދާނެގޮތެއް، މިއަދު ރުޅިމޫނު ހަދާލައިގެން އުޅޭދުވަހެއް...ދަރިފުޅު އައުމުގެ ކުރިންވެސް ދެތިންފަހަރަށް ތަށިހިފައިގެން ގޮސްފިން، ހަމަ އެންމެ އެތިކޮޅެއްވެސް އަނގަޔަށް ނުލި" މޫމިނާ ދެރަވެލާފައި ބުނެލިއެވެ.
މޫމިނާގެ ވާހަކަ އަޑުއިވުމާއިއެކު ދާއިން އަނގަޔަށް ލުމަށް ނަގަނަގާހުރި ބަތްސަމްސާ ތިރިކޮއްލިއެވެ. އަދި ތެދުވެގެން އޭނަގެ ކޮޓަރިއަށް ދިޔައެވެ. އެކޮޓަރިއަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ދާއިން ކޮޓަރީގެ ތެރެއިން ވަދެވޭގޮތަށް ހަދާފައިވާ ކުޑަކޮޓަރިއަށްވަނެވެ. އެކޮޓަރިވަނީ ފިޔާތޮށިކުލައާއި ރީނދޫކުލައިން ޒީނަތްތެރި ކުރެވިފައެވެ. ކޮޓަރީގެ މެދުގައި ކުޑަކުޑަ އެނދެއްހުއްޓެވެ. ޒާރާ އެއެނދުގެ ކައިރީ އިށީނދެލައިގެން އިނދެ ކުޑަކުއްޖަކު ނިންދަވާ އުސޫލުން ނާނާ ކިޔަމުންދިޔައެވެ.
"ޒާ!...." ދާއިން ލޯތްބާ އޯގާތެރިކަމުން ފުރިގެންވި އަޑަކުން ގޮވާލިއެވެ.
"ދާން!...." ދާއިން ފެނުމާއިއެކު ކުއްލިއަކަށް ތެދުވަމުން ޒާރާ ބުނެލިއެވެ. ހިނިއައިސްފައި ހުރެ އައިސް ދާއިންގެ ގައިގާ އޮޅުލައިގަތެވެ.
"ހިނގާ ކާންދާން، ދަރިފުޅު އެއޮތީ ނިދާފައެއްނު" ދާއިން މިފަހަރުވެސް ބުނެލީ ލޯތްބާއި މަޑުމައިތިރިކަމާއިއެކުއެވެ.
"ނޫން....ނޫން..... ނުދާނަން، ބަލާބަލަ، މިއަދު ބޭބީ އެއްގޮތަކަށްވެސް ނިދާކަށް ނޫޅޭ..........ދާން އުރާލަނިކޮށް ބޭބީ ނިދާފާނެ ކަންނޭގެ، އަހަރުމެންގެ ދަރިފުޅަށްވެސް ބައްޕަ އުރާލީމަ އެނގޭނެއެއްނު" މައުސޫމު ކަމުން ފުރިގެންވި ގޮތަކަށް ޒާރާ ބުނެލިއެވެ.
ދާއިން އޭނަގެ އަތުގެތެރޭ ހުރި ޒާރާ އާއިއެކު ކުޑައެނދުގެ ކައިރިއަށް ދިޔައެވެ. އަދި އެނދުގައި ބާއްވާލާފައި އޮތް ބުދަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒާރާ އަމިއްލައަށް ގުދުވެލާފައި ކުޑައެނދުގައި އޮތް ބުދު ވަރަށް ލޯބިން ބަލައިގެން ނެގިއެވެ. އަދި ދާއިންގެ އަތުގެ ތެރެއަށް ލާދިނެވެ. ދާއިން ޒާރާއަށް ބަލާލަމުން ލުއިހިނިތުންވުމެއް ދިނެވެ. އެކަމަކު އެހިނިތުންވުމުގައި އެއްވެސް ދިރުމެއްނެތެވެ. މިއަދު އޭނަވަރުގެ މަޖުބޫރު ނިކަމެތި ފިރިއަކު ހުންނާނެބާއޭ ދާއިންގެ ހިތަށް އަރަމުންދިޔައެވެ. ދާއިން ޒާރާގެ ހިތްހަމަ ޖެހުމަށްޓަކައި އަތުގައި އޮތް ބުދުހިފައިގެން ދެކޮޅަށް ހިނގާލީ ނާނާ ކިޔަމުންނެވެ.
"އެއޮއްނިދީނު، ޒާ!.....ދެން ހިނގާ ކާން، ބޭބީގެ މަންމަ ނުކައި އުޅެންޏާ ދެން ކާކު ބޭބީ ބަލާނީ" ދާއިން ޒާރާގެ ވިސްނުމާ ކުޅެލައިގެން އޭނަ ކާންގެންދަން މަސައްކަތްކުރިއެވެ.
"އާނ.....ދޯ......އެކަމަކު މަންމަ ކައިރީ ބުނާތި އަހަރުމެންގެ ބޭބީ ގައިގަ އަތްނުލައްޗޭ، މިއަދުވެސް މަންމަ އުޅުނީ ބޭބީގެ އެއްއަތުގައި ހިފާފަ ނަގަންވެގެން، ބޭބީގެ އަތަށް ތަދުވިނަމަޔޯ، ބޭބީ ކިހާ ރޯނެ، އެހެންވެ އޭ ޒާ ބުނީ ނުކާނަމޭ" ޒާރާ ކުޑަކުއްޖެއް ފަދައިން ޝަކުވާކޮއްލިއެވެ. އަދި ދާއިންގެ އަތުގައި ހިފާލައިގެން ކާމޭޒުކައިރިއަށް އައެވެ.
ދާއިންގެ ގޮނޑިއާއި ޖެހިގެން އިން ގޮނޑީގައި ޒާރާ ބެއިންދުމަށްފަހު މަންމަގެ ގާތުގައި ޒާރާއަށް ކާންތައްޔާރުކޮއްދިނުމަށް އެދުނެވެ. ދާއިން އޭނަގެ ގަމީހުގެ އަތްކުރީގެ ގޮއް ނައްޓާލަމުން އަތްކުރި އޮޅާލިއެވެ. އަދި ޒާރާއަށް ބަތްއަޅާދެމުން އޭނަގެ ތަށީގައިއިން އުލާ ސަމްސާ ނަގާ ޒާރާގެ ބަތްތަށި އެއްކޮއްލިއެވެ. ޒާރާ ދާއިން ކުރާކަމެއް ބަލަން ވަރަށް ޝައުގުވެރިކަމާއިއެކު ބަހެއްވެސް ނުބުނެ ބަލަންއިނެވެ.
(ނުނިމޭ)