ދުނިޔެ

ވެނެޒުއޭލާގެ ކަރަންޓު މައްސަލަ ހައްލުނުވެ އިތުރު މުޒާހަރާތަކުގެ ބިރު

Mar 13, 2019

ކަރާކަސް (މާޗް 12) - ހަމަނުޖެހުން ބޮޑުވެފައިވާ ވެނެޒުއޭލާގެ ބޮޑުބަޔަކަށް ކަރަންޓު ކެނޑި އެތަކެއް މިލިއަން މީހުން އަނދިރީގައި ދިރިއުޅެމުންދާތާ ހަފްތާއެއް ވެފައިވާއިރު، ހުރިހާ ރައްޔިތުން މަގުތަކަށްނުކުމެ މުޒާހަރާކުރުމަށް އެގައުމުގެ އިދިކޮޅު ލީޑަރު ގޮވާލައްވައިފި އެވެ.

"މާދަމާގެ މެންދުރުފަހު 3.00 ގައި ހުރިހާ ރައްޔިތުން ތިބޭނީ މުޒާހަރާކުރަން މަގުމަތީގައި،" ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުވެން ގުވައިޑޯ ވިދާޅުވެފައިވެ އެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އެތަކެއް މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް ވިދާޅުވަމުން، ގުވައިޑޯ ވަނީ އެމައްސަލައަކީ ގައުމީ ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ސީދާ ސަރުކާރުގެ އިހުމާލުންކަމަށްވެސް އޭނާ ވަނީ ތަކުރާރުކުރައްވައިފަ އެވެ.

ނަމަވެސް، ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިހުމާލުގެ އިނގިލި އެމެރިކާއަށާއި އިދިކޮޅަށް ދިއްކުރައްވައިފަ އެވެ. އަދި އިދިކޮޅުން އިސްވެ ކަރަންޓު ގްރިޑަށް ގެއްލުންދިންކަމަށް ތުހުމަތުކޮށް، ގުވައިޑޯ އާދެކޮޅަށް ވަނީ ޖިނާއީ ތަހުގީގެއް ވެސް ކުރަން ފަށައިފަ އެވެ.

އެމެރިކާ އިން ދުރުގައި އޮވެގެން ވެނެޒުއޭލާއަށް ނުފޫޒު ފޯރުވަމުންދާކަމަށާއި، އިދިކޮޅުން ދަނީ ބަޣާވާތެއް ކުރަމުންކަމަށް މަޑޫރޯ ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވައިފަ އެވެ.

ހޫގޯ ޗާވޭޒް އަވަހަރަވުމާއި ގުޅިގެން، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަޑޫރޯއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި، އިގުތިސޯދު ފުނޑުފުނޑުވެ، ތަކެތީގެ އަގު ވަނީ 1،300،000 ޕަސަންޓު އިތުރުވެފަ އެވެ. ކާބޯތަކެއްޗާއި ބޭސް ނުލިބި، މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ވެނެޒުއޭލާ ދޫކޮށް އެހެން ގައުމުތަކަށް ވަނީ ހިޖުރަކޮށްފަ އެވެ.